ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީ އަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށެވެ.
މި މަޝްރޫގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.
ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން ދަނީ ކަަރަންޓް ދެމުންނެވެ.
"މިގޮތުން މި ކޯޕަރޭޝަންގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި މި ކޯޕަރޭޝަނުން ހަރަދުކޮށް ސްޓެލްކޯ އާއި ބްރައުންސް ސީއެމްއީީސީ އަށް ހަވާލުކޮށްގެން ކަރަންޓް ނެޓްވޯކް ގާއިމުކުރެވުފައިވާނެ އެވެ. އަދި މި ދެންނެވުނު އުސޫލުން ސްޓެލްކޯ އާއި ގުޅިގެން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކަށް ކަަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން ފާހަގަކުރަމެވެ،"
އެޗްޑީސީން ބުނީ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށެވެ.