ހިމަންދޫ

ސުލްތާންގެ ހަނދާނުގައި ހިނަވާގެ އެއް

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަނދާނުގައި ހިނަވާގެއެއް ހަދައިފި އެވެ. ހިނަވާގެ ހަނދާފައިވަނީ ސުލްތާންގެ އުފަން ރަށް އއ. ހިމަންދޫ ގައެވެ.

ފުރިހަމަ ކޮށް ހަދާފައިވާ ހިނަވާގެ އިމާރާތްކޮށްފައިވަނީ ސިފައިންގެ ވަޒީފާގައި ސުލްތާން ހޭދަކުރި މުއްދަތުގައި އޭނާ ޖަމާކޮށްފައިވާ ފައިސާ އިންނެވެ.

ހިނަވާގެ ރަސްމީކޮށް ބޭނުން ކުރަން ފަށާ އެތަން މިއަދު ވަނީ ހިމަންދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އާއިލާގެ ފަރާތުން ހިނަވާގެ، ކައުންސިލާ ހަވާލުކޮށްފައިވަނީ ސުލްތާންގެ މަންމަ އާއި ބައްޕަ އެވެ.

އިއްތިފާގުން މިއަދުގެ ތާރީހު ދިމާވަނީ ސުލްތާން ވަޅުލިތާ އަށް މަސް ފުރުނު ދުވަހާ އެވެ. ސުލްތާން ނިޔާވީ ސެޕްޓެންބަރު 25، 2021 ގައެވެ. ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލީ އޭގެ ދެ ދުވަސް ފަހުންނެވެ. ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އަސްކަރީ ޝަރަފާއެކު ގައެވެ.

ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ ނިޔާވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. 

ކޯހަށް ދިއުމުގެ ކުރީން ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.

ސުލްތާން ނިޔާވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. މި ދުވުމުގެތެރޭގައި ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވެއްޓުމުން އިމަޖެންސީގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ނިޔާވެފައިވާ ކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ހަވާލާދީ ސިފައިން އޭރު ބުންޏެވެ.