ކައުންސިލްތަކުގެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި އިގްތިސޯދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާ މިންވަރު މަދުކުރުމުގެ ގޮތުން ލޯކަލް ކައުންސިލްތަކަށް ބަލައިގަންނަ ފައިސާ، ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
ކައުންސިލްތަކަށް ބަލައި ގަންނަ ފައިސާ ޕީއޯއެސް މެދުވެރިކޮށް ބަނޑޭރި ޕޭއިން ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބީއެމްއެލް އަށް ހުށަހަޅައިގެން މިނިސްޓްރީގެ އިތުރު ހުއްދައެއް ނެތި ލިބޭނެ އިންތިޒާމު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މި އިންތިޒާމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ ކަންކަން
- ކައުންސިލްތަކުގެ އެޑްމިން އެކްސެސް ދެވޭނީ ސެކްރެޓަރީ ޖެނެރަލަށް
- ސެކްރެޓަރީ ޖެނެރަލް ނެތްނަމަ އޭނާގެ މަސްއޫލިއްޔަތުތަކާ ހަވާލުވާނެ ފަރާތަކަށް
- ކައުންސިލްގެ ސައްހަ މައުލޫމާތު އެނގޭނެ ލިއުމެއް ބީއެމްއެލް އަށް ހުށަހެޅަށް ޖެހޭ
- އެޕްލިކޭޝަން ފޯމް، ޔޫސާ ރަޖިސްޓްރީ ސިޓީ ބީއެމްއެލް އަށް ހުށަހަޅަން ޖެހޭ
މިސަރުކާރުން ވަނީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޭން ފަށާފަ އެވެ. އެގޮތުން އެންމެ ފަހުން ނިންމާފައިވަނީ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކައުންސިލް އެކައުންޓަށް ޖަމާވާނެ އިންތިޒާމު ހަމަޖެއްސުމަށެވެ.