ވާހަކަ

އިޙްސާސްވޭ

( 26 މެއި 2022 އާ ގުޅޭ )

"މާޔަލް. ޔޯ ނޯސް... ބްލީޑިން." މޭޒުމަތިން ނެގި ޓިޝޫ މާޔަލްގެ ނޭފަތުގައި އިވާން ޖައްސާލިއެވެ. އުދުހިފައި އައިހެން އަސްމާ ހުރީ މާޔަލްގެ ގާތުގައެވެ.

"ސޮރީ... ސޮރީ..." އިވާންގެ ޖައްސާލި ޓިޝޫގައި ހިފަހައްޓަމުން މާޔަލް ނިކަން އަވަހަށް ބުނެލިއެވެ.

ނުތަނަވަސް ކުރުވާ ޚިޔާލުތަކާ ވީހާ ވެސް ދުރުވާން ޑަކްޓަރު އޮތީ ލަފާ ދީފައެވެ. އެހެންނަމަވެސް ބައެއް ފަހަރަށް ޚިޔާލުތައް ސިކުނޑިއަށް ވެރިވަނީ ނޭނގި ހުއްޓައެވެ. ގަސްދަކާއި ނުލައެވެ. ނުފިލާ ވޭނެއް ތަޙައްމަލު ކުރާން ބޭނުންވާނީ ކާކު ހެއްޔެވެ. މާޔަލް ވެސް ބޭކާރު ޚިޔާލުތަކާއި ދުރުވާން ނުހަނު މަސައްކަތް ކުރެއެވެ. ނަމަވެސް މިއަދު އެ ދިމާވީ ފަދައިން ހިތުގައި އުފެދޭ ސުވާލަކާއެކު ހިތްއަވަސްވެގެން ދަނީއެވެ. ދިރިއުޅުމުގެ ސަފުޙާތަކުން ބައެއް ގަނޑުތައް ވީނުވީއެއް ނޭނގި ގެއްލިއްޖެހެން މާޔަލްއަށް ހީވަނީއެވެ. އެފަދައިން އިޙްސާސް ކުރެވެނީ ބައެއް ފަހަރުއެވެ. އަނެއްބައި ފަހަރު ހުރިހާކަމެއް ރަނގަޅެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ. ހުރިހާ ކަމަކީ މާޔަލްއަށް ކުރެވޭ ވަހުމެއްބާއޭ އޭނާގެ ހިތަށް އަރައެވެ.

"މިހާރު ރަނގަޅު." މާޔަލްގެ ބޮލުގައި ފިރުމަން ހުރެފައި އަސްމާ އަހާލިއެވެ.

ނޭފަތުގައި ޖައްސާލެވިފައިވާ ޓިޝޫކޮޅު ނަގަމުން މާޔަލްގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އިވާން އުފުލާލީ ނޭފަތް ބަލާލާށެވެ. އޭނާ އިތުރު ޓިޝޫއެއް ނެގިއެވެ. މާޔަލްގެ ނޭފަތު ހިނދުރިއަށް ޓިޝޫކޮޅު ކޮއްޕާލުމަށް ބުންޏެވެ. ބޭރަށް ލޭ ނުފޭބި ނަމަވެސް އަދިވެސް ނޭފަތުގެ އެތެރެއިން ލޭކުލަ ފެންނަން ހުރީއެވެ.

"މިހާރު ނާދޭ... ކުޑަކޮށް އައީ... ޓޮއިލެޓް... ދޮވެލަން." މާޔަލް ވަކިވަކި ބަސް ކިޔާލި ނަމަވެސް އޭނާ އެދޭ ގޮތް އެތަނުގައި ތިބި އެންމެންނަށް ފަހުމްވިއެވެ.

"އާދޭ މަންމައާއެކީ. މި އިވާން ނުބުނޭ... ދަރިފުޅު ރަނގަޅުނޫންކަން އެނގޭނަމަ ތިގެއަށް މަންމަމެން ދިޔައީހީ." މާޔަލް ގޮވައިގެން ފާޚާނާއާ ދިމާއަށް ދަމުން އަސްމާ ވާހަކަދެއްކިއެވެ. ފާޚާނާއަށް ދާން މާޔަލް ބޭނުންވީ އެކަނިއެވެ. އެގެއަށް އޭނާ އައީ އަލަކަށް ނޫނެވެ. ފާޚާނާ ހުންނަތަން އޭނާއަށް އެނގެއެވެ.

"މިހާރު ރަނގަޅު... ގޭގަ އޮވެއޮވެ ފޫހިވެއްޖެ." މާޔަލް ހީނލިއެވެ.

"ހޫން! މަންމައަށް އެނގޭ މާޔަލް ބުނާނީ ރަނގަޅޭކަން." އަސްމާ ބުންޏެވެ.

އަސްމާއާއެކު މާޔަލް ގޮސް އެންމެންގެ ލޯ މައްޗަށް ގެއްލުނެވެ. ފުރުސަތަކަށް ބަލަބަލާ އިން ހެން އައިމީ ގޮވާލީ އިވާނަށެވެ. މާޔަލްގެ ހާލާމެދު އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ބޮލަށް ލިބުނު ގެއްލުމެއްވީމަ ފަސޭހަވާން ދުވަސްނަގާނޭ ކަމަށްވަނީ. ކަންކަމާ ނުވިސްނާށޭ ޑަކްޓަރު ބުންޏަސް މާޔަލް ހުންނާނެތަ މަޑުން." އިވާން ބުންޏެވެ.

"އައި ނޯ..." އިވާންގެ ވާހަކައާ އައިމީ ވަގުތުން އެއްބަސްވިއެވެ.

"އެހެންވެ އެ ފެމެލީއިން ވެސް އެ ވާހަކަ ނުދައްކަނީ. މާޔަލް ރިކަވާވުން މުހިންމު. ހާސްވެ ފިކުރުކުރާން ފަށައިފިނަމަ ހާލު ގޯސްވުމުގެ ފުރުސަތު އެބައޮތް. ހަގީގަތް އެނގިއްޖެނަމަ... އައި ކާންޓް ލޫސް ހާ... ކިރިޔާ... ހަމަ ކިރިޔާ ދުނިޔޭގަ އެހުރީ." އިވާނަށް ބުނެވުނެވެ.

ބޮޑުކޮޓަރީގެ ސޯފާތަކުގައި ޢާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. މާޔަލްގެ އުފަން ދުވަހުގެ ހަދިޔާ ދިނުން ކުރިޔަށް ދަނީއެވެ. އަސްމާގެ ދެމަފިރިން ވެގެން މާޔަލްއަށް ދިނީ އަތުގައި އަޅާ ރަންކެވެލި ކޮޅެކެވެ. ވަގުތުން މާޔަލްގެ އަތުގައި އެ ކެވެލިކޮޅު އަސްމާ އަޅުވާ ދިނެވެ. އައިމީ ދިނީ އަތްދަބަހެވެ. އެންމެ ދަބަހެއްނޫނެވެ. އެކިވަރުގެ އެކި މުނާސަބާއާ ގުޅޭ ހަތަރު ދަބަހެވެ. ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް ތަކުގައެވެ. އައިމީގެ ފޮނިކެނޑުން ނިމެންދެން އަލްވިން މަޑުކުރިއެވެ. އެއީ ހުރިހާ ކުދީންގެ އާލްދޮންބެއެވެ. އޭނާ މާޔަލްއަށް ދިނީ މާގަހާއި ބެހޭ ފޮތްތަކެކެވެ. މަޢުލޫމާތުން ފުރިގެންވާ ޚަޒާނާއެއް މާޔަލްއަށް ލިބުނު ފަދައެވެ. އެންމެ ގަޔާވެވުނީ އެ ފޮތްތަކަށް ކަމަށް ވިޔަސް އެކަން މާޔަލް ނުދެއްކިއެވެ.

"މިއޮއްފިނީގަ... ޓެކްސީއެއްގަ ދާންވީނު." މާޔަލް ގޮވައިގެން އިވާން ތެދުވުމުން އަސްމާއަށް ބުނެވުނެވެ.

"މަންމާ، ކުޑަކޮށް ފިނީގަ ވެސް ޖެހިލަންވާނެ. ދޯ މާޔަލް." އިވާން ދޯ ދިނުމާއެކު މާޔަލް އަވަހަށް ބޯޖަހާލިއެވެ.

ބެލްކަންޏަށް މާޔަލް ގޮވައިގެން އިވާން ނުކުތެވެ. ވިއްސާރަ އައްޔެއް ނުކުރެއެވެ. ކަނި ޖަހައެވެ. އެކަނިވެލަން ހޯދި ފުރުސަތާއެކު އިވާންގެ އަތުގެ ތެރެއަށް މާޔަލް ގެނެސް ލިއެވެ. އިވާންގެ ޖާދުވީ ދެ ލޮލުގެ އަސަރުގައި މާޔަލް ޖައްސަން އުޅޭ ކަހަލައެވެ.

"އައި ލަވް ޔޫ." އިވާން މަޑުމަޑުން ބުނެލިއެވެ. އޭނާގެ ހިއްސުތައް ހިފެހެއްޓުން އުނދަގޫވެފައި ވިއެވެ. މާޔަލް ނުދޭ ފުރުސަތެއް އަމިއްލައަށް ހޯދައިގަންނަން އިވާން ޖެހިލުންވެއެވެ. މާޔަލްގެ ނިންމުންތަކަށް އޭނާ އިޚްތިރާމްކުރާން ބޭނުމެވެ. އެ އަންހެންކުއްޖާދެކެ ވާ ލޯތްބަށް އޭނާ ޤަދަރުކުރެއެވެ. ނަމަވެސް ބައެއް ފަހަރު ނަފްސުގެ ހިފެހެއްޓުން ގެއްލިދާނޭކަމުގެ ބިރު އިންތިހާއަށް ދެއެވެ.

"މާޔަލް..." އިވާން ގޮވާލިއެވެ. އެތައް ވާހަކައެއް ބުނެދޭން ބޭނުންވާ ފަދައެވެ. ކެތްނުކުރެވިގެން އުޅޭ ފަދައަކުން އިވާން އިހުނަށްވުރެ ވެސް މާޔަލް ގާތްކޮށްލައިފިއެވެ. ނަމަވެސް މާޔަލްއާ ހަމައަށް އޭނާގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވެންވީއިރަށް އެ އަންހެންކުއްޖާ އިސްޖަހައިފިއެވެ. މާޔަލްގެ އެ ކުޑަކުޑަ ހަރަކާތް އިވާންގެ ގަސްދާ ދެމެދަށް ހުރަސް އެޅީއެވެ. އިވާންގެ ނަފްސު ދޫވެގެން ނުދާ ހަމައެކަނި ސަބަބަކީ އެއީއެވެ.

"ސަމްޓައިމްސް... އައި ކާންޓް ހެލްޕް އިޓް." އިސް އޮބާލައިގެން ހުރި މާޔަލްގެ ކަންފަތް ދޮށުގައި އިވާން ސިއްރުން ބުނެލިއެވެ. އެހިނދު މާޔަލް އިސްއުފުލާ އިވާނާ ނަޒަރު ސީދާކޮށްލިއެވެ. ތުނުތުނިކޮށް ހުރި ތުނބުޅީގަ މޫނުގެ ވައަތްފަރާތުން މާޔަލް ފިރުމާލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ތިން މަސް ދެވިދާނެތަ." މާޔަލް ބުނެލިއެވެ.

"އެއަށްފަހު ހުރިހާ ގޮތަކުން ތީ އަހަރެންގެ ހައްޤެއްތަ؟." އިވާން ނިކަން އަވަހަށް އަހާލިއެވެ.

"ޔެސް. އައިލް ބީ ޔޯސް... ކޮމްޕްލީޓްލީ." ހިނިތުންވެ ހުރެ ބޯޖަހަމުން މާޔަލް ބުންޏެވެ. އިވާނަށް ލިބުނު އުފަލުގައި މާޔަލް އުރާލިއެވެ. އުފަލުން މޮޔަވިހެން ހަޅޭލަވައިގަތެވެ. ދެން ތަޅުންމަތީ މާޔަލް ބަހައްޓާލުމާއެކު ލޯބިވާކަން ހާމަކޮށްލިއެވެ.

"އިޓްސް އަ ޑީލް. މި ތިން މަސް ތެރޭ މެރީކުރާން ރެޑީވާންވީ ދޯ." ހިތް އަވަސްވެފައި ހުރެ އިވާން ވާހަކަދެއްކިއެވެ.

"ވަގުތު ޖެހުނީމަ ހުރިހާކަމެއް ވެސް ހަމަޖެހޭނެ. އެހެންވީމަ އަދި އަވަސް ހާސްވެގެން އުޅޭން. ހިނގާ އެތެރެއަށް... މިތަން ވަރަށް ފިނި." މާޔަލް ބުންޏެވެ. އެތެރެއަށް ވަންނަން މާޔަލް ބޭނުންވީ އެގޮތަށް އިވާންއާއެކު އެކަނި ހުންނަން ބޭނުންނުވާތީއެވެ. އިވާން އިސްނަގާ ކޮންމެ ފަހަރަކު ނޫނެކޭ ބުނަންވީމަ މާޔަލްގެ ހިތަށް އުނދަގޫވެއެވެ.
* * * * *

"މިގޮތައް އޮންނަ ނަމަ ދޯ މަންމާ." އާމާލްއާއެކު ބެލްކަނީގައި މަޑުކޮށްލައިގެން ހުރި މަލަކް ބުނެލިއެވެ.

"މަންމަ ވެސް ހިތައް އެރީ ތިހެން. ގޭތެރެއަށްވުރެ ހާމަތަނެއްގައި ތިބެން ބޭނުންވާނީ. ދޭ ތައްޔާރުވާން. ކުޑޫއާއި ދޮންތި އަންނަން އުޅޭނެ." އާމާލް މިހެން ބުނެ މަލާކްގެ ކޮނޑުގައި އަތްޖައްސާލައި މަޑުމަޑުން ކޮއްޕާލިއެވެ.

ރީތި ރާގެއް އަޅުވާލައިގެން ހުރެ މަލަކް ކޮޓަރިއަށް އައެވެ. އަބަދުވެސް އަމިއްލަ ދުނިޔެއެއްގައި އޭނާ އުޅޭ ކަހަލައެވެ. ފާޚާނާއަށް ވަންނަން އުޅެފައި އޭނާ މަޑުކޮށްލިއެވެ. އެނދުމަތީ އޮތް ހެދުން ފެނިފައެވެ. އެއީ އެރޭ މާޔަލްގެ އުފަންދުވަހުގެ ޕާޓީއަށް މަލަކް ލާން ތައްޔާރުކޮށްފައި އޮތް ހެދުމެވެ. ރަންކުލައިގެ "ޓަސިލް ސީކުއިން ސްލިޓް ސްލީވް" ކުރު ހެދުމެކެވެ. ހަށިގަނޑު ބައްޓަމަށް ހެޔޮވަރުކޮށް ފަހާފައި އޮތް ހެދުމެކެވެ. ހެދުމުގެ ވިދުމުން އެކަނި ވެސް އެންމެންގެ ތެރެއިން މަލަކް ފާހަގަވާނެކަން ޔަގީނެވެ. އެހެން ހިތަށް އެރުމާއެކު ރަކި ގޮތަކަށް މަލަކްއަށް ހީނލެވުނެވެ.

"ލުކް އެޓް ޔޫ... ޔޫ ހޭވް ނޯ ރައިޓް ޓު ބީ ދެޓް އެލުއަރިން." އެއްފަރާތުގައި ހުރި ލޯގަނޑަށް ބަލާލައި ލޯ ހިމަކޮށްލައިގެން ހުރެ މަލަކް ބުނެލީ ނިކަން ތުއިކޮށެވެ. އަދި އިނގިލިން ބަޑިއެއް ހަދާލައި ލޯގަނޑުގައިވީ އަމިއްލަ ސޫރައަށް އިޝާރާތްކޮށް ބަޑިޖަހާލާފައި އިނގިލީގެ ކޮޅަށް ފުމެލިއެވެ. އަމިއްލަ ދުނިޔެއެއްގައޭ އޭނާ އުޅެނީ ބުނާން ޖެހެނީ އެހެންވެއެވެ. އެކަނިހުރެ ވާހަކަދެއްކުމާއި ހައްދެއްނެތް މިންވަރަށް އަމިއްލަ ނަފްސަށް ތަޢުރީފުކުރުމަކީ މަލަކްގެ އާދައެވެ. ޤުދުރަތުން އޭނާއަށް ލިބިފައިވާ ރީތިކަމުގެ އަގުވަޒަންކުރަނީ އެފަދައިންނެވެ. ނޭނގުމުގައި ވިޔަސް އޭނާގެ ރީތިކަމާމެދު ނުހަނު ފަޚުރުވެރިވެއެވެ. އެއީ ބޮޑާކަމުގެ ސިފައެއްކަން މަލަކްއަށް އިހްސާސް ވެސް ނުކުރެވެއެވެ.

ރީތިވާ މޭޒުމަތީ ބޭއްވި ފޯނު މަލަކް ނިކަން އަވަހަށް ނެގިއެވެ. އެނދު މަތީ އޮތް ހެދުމުގެ ކައިރީ އޭނާ އެރެއަށް އަރާނޭ ރަންކުލައިގެ "ހީލްސް" ގެނެސް ބެހެއްޓިއެވެ. އަވަހަށް ފޮޓޯ ނަގާލުމާއެކު އިންސްޓަގްރާމް ސްޓޯރީއަށް ލައިފިއެވެ. ޕާޓީއާއި ހެދުމާއި އެ ނޫން ވެސް މަލަކްގެ ވިސްނުން ހުރި ކަމަކާ ގުޅުވާ އެތައް ކާލި ޓެގެއް ޖެހުމަށްފަހުއެވެ. އޭނާގެ ދިރިއުޅުން އޮންނަނީ އިންސްޓަގްރާމްގައެވެ. ކޮންމެ ކަމެއް ކުރިޔަސް އޭނާ އިންސްޓްގްރާމްގައި އެ ވާހަކައެއް ޖަހާނެއެވެ. އެތައްބަޔަކަށް އެކަމެއް އަންގާނެއެވެ. މީހުންގެ ސަމާލުކަން ލިބުމަކީ މަލަކް ގަޔާވާކަމެކެވެ. އޭނާގެ ފޮޓޯތަކަށް ތަޢުރީފުކުރާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ބެލްޖަހާތާ އިރުކޮޅެއްވީފަހުން މަލަކްއަށް އިވިގެން އައިސް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ މާޔަލްއެވެ. މަލަކް ފެނުމުން މަންމަ ކޮބާތޯ މާޔަލް އަހާލިއެވެ. ކޮޓަރީގައިކަން ވާނީ ބުނުމުގެ ބަދަލުގައި މަލަކް ދެކޮނޑު އަރުވާލީއެވެ. އޭނާ އަވަސްވެލީ މާޔަލްގެ އަތުގައި އޮތް ކޮތަޅުތައް ހޭވުމަށެވެ. އެހެންވެ ކުޑާގެ ފަހަތުން އޭނާ އައިސް އެ ކޮޓަރިއަށް ވަނީއެވެ. މާޔަލް ފެންނަނީ ކަމަކާ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ.

"ކޯއްޗެއް އިވާން ދިނީ." އެނދުމަތީ މާޔަލް ބެހެއްޓި ކޮތަޅުތައް ބަލަމުން މަލަކް އަހާލިއެވެ.

"އަދި ނުދޭ. މިރޭ ދޭނަމޭ ބުނީ." ކޮޓަރީގައި ހުރި ގޮނޑީގައި އިށީންނަމުން މާޔަލް ބުންޏެވެ. އެންމެ ހިނދުކޮޅެއް ވެސް މަލަކް ބޭކާރުކޮށްނުލިއެވެ. މާޔަލްއަށް އައިމީ ދީފަ ހުރި މަޝްހޫރު ބްރޭންޑްތަކުގެ އަގު ބޮޑު ދަބަސްތައް ފެނުމުން އޭނާ ހީވީ މީރު ކާއެއްޗަކަށް ކުޅުދިޔާވީ ހެންނެވެ. އަވަހަށް ދަބަސްތަކުގެ ފޮޓޯ ނަގައި ދުނިޔެއަށް ފެންނާނޭހެން އާންމުކުރަން ފެށިއެވެ. ކޮއްކޮގެ ހަރަކާތްތަކަށް މާޔަލް ސަމާލުކަމެއް ނުދިނެވެ. މަލަކް އަލަށް އުޅޭ ގޮތެއް ނޫންވީމައެވެ.

"ކުޑޫ... އަހަރެން ބޭނުންކޮށްލަން ދެއްޗޭ." މަލަކް އެނބުރި މާޔަލްއަށް ބަލާލިއެވެ.

"ތީ ދެން އަހަންޖެހޭ ވާހަކައެއްނޫނެއްނު." މާޔަލް ބުނެލިއެވެ. އޭނާއާއި މައިރާގެ އަތުން ރީތި އެއްޗެއް ފެންނައިރަށް މަލަކް ހުންނާނީ ބޭނުންވެފައިކަން އެމީހުންނަށް އެނގެއެވެ. އެގޮތައް ކިތަންމެ އެއްޗެއް މަލަކްއަށް އެމީހުން ދީފައި ހުންނާނެއެވެ.

* * * * *

އަށްގަޑި ބަޔަށް ގެއަށް މީހުން ޖަމާވާން ފެށިއެވެ. މާޔަލް އިނީ ކޮޓަރީގައެވެ. ރަތާއި ރަންކުލައިން ޖަރީކޮށްފައިވާ އިންޑިއަން ހެދުމެއްގައެވެ. ކުރިމަތިން ފަޅާލާފައި އޮތްއިރު ލާފައި ހުރި ފަޔަށް ހިފާލާފައިވާ ރަންކުލައިގެ ހިމަ ހަރުވާޅު ފެނެއެވެ. އެ ހިމަތޮޅި ހަށިގަނޑާއި ދިގު އިސްކޮޅާއި ނުހަނު ގުޅެއެވެ. ޕާޓީއެއް ބޭއްވުމަކީ މާޔަލްގެ ޚިޔާލެއްނޫނެވެ. އެކަމުގައި އިސްކޮށް ހުރީ މައިރާއާއި މަލަކްއެވެ. އެ ދެމީހުންނަށް އެއްބާރުލުން ދިނީ މަންމައާއި ބައްޕައެވެ.

"ޕްރިންސެސް..." ކޮޓަރިއަށް ވަން މައިރާ ގޮވާލިއެވެ. މާޔަލްގެ މޫނުގައިވީ އަސަރުތައް ފެނުމުން މައިރާ ނިކަން އަވަހަށް ދޮރު ލައްޕާލައިފިއެވެ. އަދި އޭނާ އައިސް މާޔަލްގެ ގާތުގައި އިށީނެވެ.

"ބޮލުގަ ރިއްސަނީތަ؟." މައިރާ ހާސްވެފައި އަހާލިއެވެ. ދޮންތިގެ އަތުގައި މާޔަލް ހިފާލިއެވެ.

"ވަރަށް ރީތި ތި ހެދުން." މައިރާގެ ހެދުމަށް މާޔަލް ބަލާލިއެވެ. ކަކޫ ފޮރުވޭވަރަށް ގަދަނޫކުލައިގެ ލޭސްފޮތީގައި ރަންކުލައިގެ މާގަނޑެއް ޖަހާފައިވާ ހުރި އަތްދިގު ހެދުމެކެވެ.

"ތެންކިޔު... ކަމެއްވެއްޖެކަން އެނގޭ. ކިހިނެއްވީ. ކިޔާދީބަލަ." ކަމެއްވެއްޖެކަން މައިރާއަށް އެނގޭތީ ސުވާލުކުރިއެވެ.

"ދޮންތި މެރީކުރީ ރެޑީވެގެންތަ. ކިހިނެއް އެނގެނީ މެރީކުރާންވީމަ. އައި މީން..." މާޔަލްއަށް ޖުމްލަ ފުރިހަމައަށް ނުކުރެވުނެވެ.

"ރަޒާދެކެ ވަރަށް ލޯބިވޭ. އޭނަ ދޮންތިއަށް ވެސް ރަނގަޅު. ކެއާކުރޭ، ލޯބިވޭ... އިތުރު މީހަކަށް ބަރޯސާނުވެ ދޮންތި ޒިންމާތައް ރަޒާ އުފުލާނޭކަން ޔަގީންވި. އެ ހަރުދަނާކަން އޭނާގެ ފުށުން ފެނުނު. ރައްޓެހިވެގެން އުޅުމާ މެރީޑް ލައިފް ވަރަށް ތަފާތު. ހަގީގީ ދިރިއުޅުން ފެށެނީ މެރީކުރާ ހިސާބުން. ބޮޑު ސްޓެޕެއް އެއީ. ނާވަސްވި. އެކަމަކު އުފާވެސްވި. ދެމެދުގައި އޮތް ގުޅުން ވަރުގަދަވި، ލޯބި އިތުރުވި. ޓްރަސްޓް ބިލްޑްވި. އިންސެކިއާ ވާނޭ ފުރުސަތެއް ރަޒާ ނުދޭ." މައިރާގެ ވާހަކަ މެދުކެނޑުނު ވަގުތު މާޔަލް ވާހަކަދައްކަން ފެށިއެވެ.

"އަހަރެން ވެސް އިވާންދެކެ ލޯބިވޭ. އެކަމަކު އޭނާ އެދޭގޮތަށް ޓައިމް ނުދެވޭކަން އެނގޭ. އަބަދު ދެމީހުން އެކުގައި ތަންތަނަށް ދިއުމާއި ރައްޓެހިންނާއެކު ކޮފީތަކުގައި ބައިވެރިވުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫން. އަހަރެމެން ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ވީ. މެރީކުރަން އަހަރެން ވެސް ބޭނުން. އެކަމަކު ބިރުގަންނަނީ ދެމީހުންގެ އެއްގޮތް ކަންތައްތަކަށްވުރެ ނުގުޅޭ ކަންތައްތައް ގިނަވެ އަބަދު ޒުވާބުކޮށް ދެމީހުން މައްސަލަޖެހިދާނޭ ހީވާތީ. އިވާން ލޯބިވާކަން އެނގޭ. އޭނާ ލޯބިވާވަރަށް އަހަންނަށް ލޯބިދެވިދާނެތަ." މާޔަލް ބުންޏެވެ.

"ތިކަހަލަ ކޫސަނި ޚިޔާލުތަކަށް ނިމުން އަންނާނެ މެރީ ކުރީމަ." މައިރާ ހީނލިއެވެ.

"ޕޮޒިޓިވްކޮށް ވިސްނަން އަހަރެން ވެސް ބޭނުމީ. އެހެންވެ... ތްރީ މަންތްސް ފަހުން މެރީ ކުރާނަމޭ އިވާން ކައިރީ ބުނެފިން." މާޔަލް ބުންޏެވެ.

"ވަޓް... ސީރިއަސްކޮށް." ލިބުނު ޚަބަރުން މައިރާއަށް އުފަލުން ގޮސް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. ހިނިތުންވުމަކާއެކު މާޔަލް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ކޮޓަރީގައި ޓަކި ޖަހާލީ އެވަގުތެވެ. އެއާއެކު ދޮރު ވެސް ހުޅުވާލައިފިއެވެ.

"ޝަރަފްވެރި ކުރުމަށް ޓަކައި މިރޭގެ ރާނީ ނުފެނިގެން އެންމެން އެބައުޅޭ." ކޮޓަރިއަށް ވަދެގެން އައީ އިވާންއެވެ. އޭނާގެ ސަމާސާ އިވި މައިރާއާއި މާޔަލް ހީނލިއެވެ. ދެ އަންހެންކުދީން އެކުގައި ތެދުވިއެވެ.

"ކީއްވެތަ ނުބުނީ ތި ހިތުގެ މަލިކާ ނުފެނި ގިނައިރުވާތީ އަމިއްލަ ހިތް އޮބިނޯވެގެންނޭ މިއައީ." މައިރާ ދިމާކޮށްލިއެވެ.

"އެދެން ޝައްކެއް އޮތްކަމެއް ނޫނެއްނު." ހިނިއައިސްފަ ހުރެ އިވާން ބުނެލިއެވެ. ދެ އަންހެންކުދީން ނުކުންނަން ތަންދައްކަން ވެގެން އޭނާ ކޮޓަރިން ބޭރަށް ޖެހިލިއެވެ. އެމީހުން ނުކުތުމުން ކޮޓަރީގެ ދޮރު ލައްޕާލާފައި ފަހަތުން ހިނގައިގަތެވެ.

އެކުވެރީންނަށްވުރެ އެތަނުގައި ގިނައީ މާޔަލްއަށް ބީރައްޓެހި މޫނުތަކެވެ. ފޯރި ނަގާފައި އުޅޭތަން ފެންނަނީ މަލަކްއެވެ. އަތްތިލަޔަށް ހެޔޮވަރުކޮށްލެވިފައި އޮތް ކުޑަކުޑަ ދަބަހުގެ ތެރެއިން މަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. އިސްކުރީނުން ފެންނަން ހުރީ ހަމައެކަނި ނަންބަރެވެ.

"މިރޭ ވަކިން ރީތި." މަލަކް ފޯނުކޯލު ނެގުމާއެކު ހެލޯއޭ ބުނުމުގެ ބަދަލުގައި ފިރިހެން އަޑަކުން އޭނާގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ.

"ކާކު؟." މަލަކް މިހެން އަހާލިއިރު އޭނާގެ ނަޒަރު ގޭތެރޭގައި އުޅޭ އެންމެންނަށް ހިންގާލެވުނެވެ. ސީދާ މިރެޔޭ އެމީހަކު އެބުނީ އެ ޚަފުލާގައި އޭނާ ހުރީތީކަމުގައި މަލަކް ޤަބޫލުކުރިއެވެ. އެހެންވިޔަސް އެމީހަކު މަލަކްއަށް ޖަވާބެއް ނުދިނެވެ. ކާކުކަން ނުބުނެ ފޯނުކޯލު ކަނޑާލީއެވެ. އެއީ ކާކުތޯ ބެލުމަށް ޝައުގުވެރިވީ ނަމަވެސް މަލަކްގެ ސަމާލުކަން އަތުލީ ކޭކު ލާފައި ހުރި ޓްރޭ ބަދިގެއިން ނެރިގެން ގެންނަތަން ފެނިފައެވެ. އެކުވެރީން ދޫކޮށްލާފައި ނިކަން އަވަހަށް އޭނާ ކައިރިވެލީ މައިރާއާއެވެ.

"މީ ދޮންތި އެޅި ކޭކު." މައިރާގެ މަސައްކަތަކާ ވައްތަރުނުވެގެން މަލަކްއަށް އަހާލެވުނެވެ.

"ފަހުވަގުތު ކޭކު ހަލާކުވީ. އެހެންވެ ތަނަކުން ގަތީ." ހަގީގަތް ހާމަނުކުރިޔަސް މައިރާގެ އަޑު އިވޭ ހިސާބުގައި ރަޒާ ހުއްޓެވެ. އެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ. އޭނާއަށް ފޯނެއް އައީ އެވަގުތެވެ. އަވަހަށް ފޯނު ހިފައިގެން އެއްފަރާތްވެލިއެވެ.

"އައިތަން." ރަޒާ ފޯނު ނެގި ގޮތަށް ގޮވާލިއެވެ. (ނުނިމޭ)