ދެ އަހަރު އޮންލައިންކޮށް އަހަރީ އާއްމު ޖަލްސާ ބޭއްވުމަށްފަހު އެސްޓީއޯ އިން މިރޭ ހިއްސާދާރުންނާ ބައްދަލު ކުރަނާނެ އެވެ.
ސަރުކާރާއި އާއްމުންގެ ބޮޑު ހިއްސާއެއް އޮންނަ އެސްޓީއޯއިން މިރޭ އަހަރީ އާއްމު ޖަލްސާއަށްދާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯ ގްރޫޕްއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީ ގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ކުންފުނިން މިރޭ ބާއްވާ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ބޮޑު ބައިވެރިވުމެއް ފެންނާނެ ކަމަށް ވަނީ ބެލިފަ އެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ އެ ކުންފުނިން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ބަހަން ނިންމާފައިވުމެވެ.
އެ ކުންފުނީގެ ބޯޑުން ވަނީ އަންނަ އަހަރު ހިއްސާއަކަށް 65ރ. ބަހަން ނިންމާފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، މިގޮތަށް ބަހާނީ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިގެން ބާއްވާ އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ. މި ބަދަލާއެކު މިއީ ތިން އަހަރު ހިއްސާގެ ފައިދާ އިތުރުވުމެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 60ރ. އެވެ. އަދި ބޮޑު ގެއްލުމެއް ކުރިމަތިވި ކޮވިޑުގެ އަހަރު ވެސް ހިއްސާއަކަށް 58ރ. ބަހާފައިވެ އެވެ.
އެސްޓީއޯގެ ވިޔަފާރިތައް މިދިޔަ އަހަރު ރަނގަޅުވުމާއިއެކު ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.1 ބިލިއަން ރުފިޔާ ލިބިފަ އެވެ، މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓުގެ ކުރިއެރުމެކެވެ.އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތު ގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައިވެ މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާނަމަ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.