އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ފަސްކޮށްފި

May 30, 2022
1

އެމްޑީޕީން ބާއްވަން ނިންމާފައިވާ ކޮގްރެސް މިއަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހަށް ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ކޮންގްރެސް ބާއްވަން ކުރިން ނިންމާފައި އޮތީ އޮގަސްޓް ހަތަރު ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ކޮންގްރެސް ފާސްކުރަން ރޭ އޮތް އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ގަރާރެއް ހުށަހެޅުއްވީ އެ ޕާޓީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އެވެ.

ކޮންގްރެސް ފަސްކުރަން ހުށަހެޅީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ތާރީހުތަކަށް ބައެއް ކަންކަން ފެއްތުމުގެ ބޭނުމުގަ އެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އއ. އުކުޅަހުގަ އެވެ. އެ ކޮންގްރެސްގައި ނިންމި އެންމެ މުހިއްމު ނިންމުމަކީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖެއްސުމަށެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އެކަނި ވާދަކުރައްވައި ޓިކެޓް ހޯއްދެވި ނަމަވެސް އެމަނިކުފާނު ހުކުމެއްގައި ހުންނެވުމާ ގުޅިގެން އިންތިހާބުގައި ވާދަކުރެވެން ނެތުމުންނެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާތީ އެމްޑީޕީން މިއަހަރު ބާއްވާ ކޮންގްރެސްގައި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމާނެ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ހިމެނުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ. އެފަދަ އިސްލާހެއް ގެންނަނީ އެމްޑީޕީން ކުރިއަށް އޮތް އިންތިހާބުވެސް ކާމިޔާބުކޮށް ވެރިކަމުގައި ތިބެން ރައްޔިތުން ބޭނުންވާތީ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހަކީ އެޕާޓީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ.