ފުވައްމުލައް

ތެޔޮ ޓޭންކެއްގައި ރޯވެއްޖެ، އެކެއްގެ ހާލު ސީރިއަސް

ފުވައްމުލަކު ސިޓީގައި ތެޔޮ ޓޭންކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާ ހިނގީ ތެޔޮ ހުސްކޮށްފައި ހުރި އެ ޓޭންކު ކަފަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި ދެ މީހަކަށް އަނިޔާވި އެވެ. އެކެއްގެ ހާލު ސީރިއަސް އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ފުވައްމުލަކު ދޫޑިގަން އަވަށުގެ ބަނދަރުގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެފައިވާ ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން ޓޭންކު ކެފުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި މި ހާދިސާގައި ޒަހަމުވެފައިވަނީ ޓޭންކު ކަފަން އުޅުނު ބިދޭސީ މީހެއް ކަމަށެވެ.

ހޮސްޕިޓަލްގައި އެ މީހާއަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.