ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަހައްދުން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދުވެސް ކޯސްޓްގާޑުގެ ޑައިވަރުން ހަތަރު ޑައިވްއެއް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަހައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށެވެ.
ފުވައްމުލަކުގެ ނެރާ ދިމާލު ބޭރުގައި ޑައިވިން ކުރަނިކޮށް ގެއްލުނީ އެ ރަށު މުހައްމަދު ސައީދެވެ. އޭނާ މަސްހިފުމަށް ބޭނުންކުރި ކަމަށް ލަފާކުރެވޭ އާލާތެއްވެސް އިއްޔެ ވަނީ ފެނިފައެވެ. ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު ކޯސްޓްގާޑް ހާބާ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް އެމްއެންޑީއެފް ޑޯނިއާ އާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ސިފައިން އިއްޔެ ބުނީ ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން މަސްހިފުމަށް ބޭނުންކުރި ކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި އެއަށްފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ވަނީ ބަލާފައެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތް ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ މުހައްމަދު ސައީދު ޑައިވިނަށް ފޭބީ މެއި 2 ވަނަ ދުވަހުގެ 2:30 ހާއިރު އެވެ. ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް އަޅައިގެންނެވެ. އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ވެއެވެ.