ލ. މާވަށް ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީން ހަދަމުން ދަނިކޮށް މިޔަރެއް ހަމަލާ ދިނުމާ ގުޅިގެން މަރުވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި ބާއްވައިފި އެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒު ގައެވެ.
މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލުކުރައްވައި ތައުޒިޔާ ދަންނަވާފައިވެ އެވެ.
މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ޒައިދާން އިއްޔެ މަރުވީ ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، ހިނގި ހާދިސާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައި ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ޒައިދާން މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ.