އެމްޓީޑީސީ

އެމްޓީޑީސީން ހުޅުމާލެއިން ބިމެއް ގަނެފި

May 30, 2022
1

ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް އެމްޓީޑީސީން ބިމެއް ގަނެފި އެވެ.

ބިން ގަތުމުގެ ގޮތުން އެމްޓީޑީސީން މިއަދު ވަނީ އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެމްޓީޑީސީން ގަނެފައިވާ 7،000 އަކަމީޓަރުގެ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ހަތް ބުރީގެ އިމާރާތެކެވެ.

އެމްޓީޑީސީން ގަނެފައިވަނީ ސެންޓްރަލް ޕާކް ކުރިމައްޗަށްވާ ގޮތަށް އަމީން އެވެނިއު ކައިރީގައި އޮތް ބިމެކެވެ. ބިން ގަނެފައިވަނީ އެއް ފަހަރާ ފައިސާ ދެއްކުމަށްފަހު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ އެޗްޑީސީން ބިމެއް ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ކުންފުންޏަށް އާމްދަނީ އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ބިމުގައި މިވަގުތު އެޅެން އޮތީ ހަތް ބުރީގެ އިމާރާތެއް އުސޫލުތައް ހުރި ގޮތުން. އަޅުގަނޑުމެންނަށް މިވަގުތު އެެއް ފްލޯ އިން ވާނެ. އެހެންވީމާ ބާކީ ހުރި ފްލޯތައް އަޅުގަނޑުމެން މި ވިސްނަނީ ކުއްޔަށް ދޭން،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީގެ އޮފީސް މިހާރު ހިންގާ އިމާރާތަށް މަހަކު 70،000 ރުފިޔާ ހަރަދު ކުރަންޖެހޭތީ އަމިއްލަ އޮފީހެއް އެޅުމުން އެއީ ސަލާމަތް ކުރެވޭނެ ހަރަދު ކަމަށް އެމްޓީޑީސީން ދެކެ އެވެ.

ތަޒްމީލް އިތުރަށް ވިދާޅުވީ އެމްޓީޑީސީގެ އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އަމަލީ މަސައްކަތް ފެށުމަށްފަހު ގިނަވެގެން 18 މަސް ތެރޭގައި މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.