އެސްޓީއޯގެ މައިގަނޑު ވިޔަފާރިތައް ތިމާވެއްޓާ ފަހިކޮށް ދެމެހެއްޓެނިވި ގޮތަކަށް ބަދަލު ގެންނަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮރޮސްރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ތިމާވެއްޓާ ފަހިކޮށް ވިޔަފާރިކޮށްގެން ނޫން ގޮތަކަށް ކުރިއަށް ދެވެން ނެތް ކަމަށާ، އެހެންނޫންނަމަ ފަހުން ކުރަން ޖެހޭ ހަރަދުމާ ބޮޑުވާ ކަމަށެވެ. އެގޮތުން ބައެއް ވިޔަފާރިތައް ތިމާވެއްޓާ ފަހިކޮށް ބަދަލު ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ވަކި ތަގައްޔަރު ކުރާ އެއް އިންޑަސްޓްރީއަކީ ސިމެންތި އިންޑަސްޓްރީ. ސިމެންތި އުފައްދާ އިންޑަސްޓްރީ ތަކުން ބޭރު ކުރާ ގޭހަކީ ދުނިޔެ ތަގައްޔަރު ކުރާ އަދަދުން ބަލާނަމަ 31 ޕަސެންޓް. އެހެންވެ ސިމެންތި ކުންފުނިތަކުން އިކޯފްރެންޑްލީ ސިމެންތި އުފައްދަން މަސައްކަތް ކުރޭ. އެހެންވެ އަޅުގަނޑުމެން ވެސް މި އަހަރު ސިމެންތި ތައާރަފުކޮށްދިން،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އިން ރާއްޖެ އަށް ގެންނަ ސިމެންތީގެ ނިސްބަތުން ބަލާނަމަ 31 ޓަނުގެ ކާބަންޑައިއޮކްސައިޓުގެ ސިމެންތި އެތެރެކުރެވޭ ކަމަށެވެ.
"މި އަޅުވާލާ ކިޔާލާނަމަ މިއީ 1،100 ބޮޑު ގަސް އިންދުމާ އެއްފަދަ ކަމެއް،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން ތެލުގައި ވެސް ޖައްވު ނުސާފުކުރާ ބައެއް ހިމެނޭ ކަމަށާ މީގެ އިތުރުން މީގެތެރޭގައި ސިއްހަތަށް ނުރައްކާ ކުރާ މާއްދާތައް ވެސް ހުންނަ ކަމަށެވެ.
"ސަލްފާއަކީ ނޭވާލާ ނިޒާމާއި ހާޓްޑިޒީޒް އަދި ކެންސަރަށް ވެސް މަގުފަހިވާ ކަމެއް. އެހެންވެ ތެޔޮ އުފައްދާ ކުންފުނި ތަކުން މި މާއްދާ މަދު ކުރަން މަސައްކަތް ކުރޭ. މިކަމުގައި ޓެކްނޮލޮޖީ އައިސްގެން ކުރަމުންދާ މަސައްކަތުން އަޅުގަނޑުމެން ވެސް މިވަނީ ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި 2.5 ޕަސެންޓުގެ ސަލްފާ އިން 0.5 ޕަސެންޓުގެ ސަލްފާއަށް މަދުކުރެވިފަ. އެހެންވެ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެތެރެކުރަނީ އެތެޔޮ،" އަމްރު ވިދާޅުވި އެވެ.
"މިވަރުން އަޅުގަނޑުމެން ދޫކޮށްލީއެއް ނޫން ރާއްޖެއަށް އެތެރެ ކުރާ ތެލަކީ އެވަރުގެ ތެޔޮ ތޯ ޔަގީން ކުރުމަށްޓަކައި ވާނީ ފިއުލް ލެބެއް ގާއިމްކޮށްފަ،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ އިން މީގެ އިތުރުން ވަނީ ޕްލާސްޓިކާ "ރުޅިވާ" މުހިންމު ފިޔަވަޅު ތަކެއް ވެސް އަޅަން ނިންމާފަ އެވެ. އެގޮތުން އެސްޓީއޯގެ މައި ފިހާރަ ސުޕަމާކެޓުން ޕާސްޓިކް ކޮތަޅު ދިނުން ވަނީ ހުއްޓާލާފަ އެވެ.
އަމްރު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު ދޫކޮށްލަން ދަތިތަކެއް ހުރި ކަމަށާ، މިކަމަށް ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް މެނޭޖުމަންޓުން ނިމައި ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ގޮންޖެހުމަކީ ބޭނުންވާ ވަރަށް ކަރުދާސް ކޮތަޅު ނުލިބުން. ބޭނުންވި 180 ފާމަސީގައި ހުއްޓާލަން ޕްކާސްޓިކް ކޮތަޅު. އެއީ ގާތްގަނޑަކަށް އަހަރަކު އެއް މިލިއަން ކޮތަޅު. އެހެންވެ އެކަން ކުރަން ސްޓާފުން ނުކުމެ ތިން ހަތަރުރޭ ކޮތަޅު ހެދީ. އެ އަޒުމުގައި ކުރިއަށް މިދަނީ،" އަމްރު ވިދާޅުވި އެވެ.