މިހާރަށްވުރެ ފަސޭހަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސް ކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދައިފި އެވެ.
އެމްއެންޕީން އިސްލާހު ހުށަހަޅާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 170 ވަނަ މާއްދާގެ ދެވަނަ ނަންބަރުގެ (ނ) އަށެވެ.
އިސްލާހުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކިކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހްކޮށް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސް ކުރަން ވާނެ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ގައުމީ އިދާރާ އިން ވަކި އެއްޗެއް އަންގާފައި ނުވާނަމަ ޕްލޭން ފާސްވީ ކަަމަށެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ގައުމީ އިދާރާ އަށް ތިން މަސް ދުވަސް ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހު ހުށަހަޅުއްވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގައުމު ހިންގާ ކަމަށް ބުނި ނަމަވެސް ކައުންސިލްތަކަށް ލިބެންޖެހޭ ގިނަ ބާރުތައް އަދިވެސް ހިފަހައްޓަނީ މާލޭގައި ހުންނަ ވުޒާރާ އަކުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެހެން މަންޒަރެއް. ގިނަ ކަންތައްތައް އަދިވެސް ކުރީގައި އޮންނަ ގޮތަށް މާލޭގައި އޮފީސްތަކުގައި އެބާރުތައް އަދިވެސް ބަހައްޓާ ތަން. އެހެންނަމަވެސް އެންމެ ބޮޑަށް ރާއްޖޭގައި ދިމާވާ އެއް މައްސަލަ އަކީ ރާއްޖެ ތެރޭގެ ރަށްތައް ތަރައްގީކުރުމުގައި ދިމާވާ މައްސަލަ. ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަގީގަތުގައި އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި އެމީހުންނަށް ތަންފީޒު ކުުރުމުގައި އުދަގޫތަކެއް އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކަށް މިއަދު އެންމެ ދަތިވެފައި އޮތީ ކައުންސިލްތަކުން އެކުލަވާލާ ލޭންްްޑް ޔޫސް ޕްލޭން ފާސްކޮށްދޭން ޖެހޭ މިނިސްޓްރީގެ ހައިސިއްޔަތުން ޕްލޭން މިނިސްޓްރީއަށް އެކަން ނުވެގެން ކަމަށެވެ. އެހެންކަމުން ލޭންޑް ޔޫސް ޕްލޭން އަވަހަށް ފާސްކުރުމަށް ބާރު އެޅުމުގެ ގޮތުން އެމްއެމްޕީން ހުށަހެޅި އިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށްވާތީ މެންބަރުން ވިސްނާ ވަޑައިގަތުމަށްފަހު އެ އިސްލާހު ފާސްކޮށްދެއްވުމަށްވެސް ނާޒިމު އެދިވަޑައިގެންނެވި އެވެ.
އިސްލާހަށް ބަހުސް ކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ އެމްއެންޕީން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެ އިސްލާހު ހުށަހެޅި މަގުސަދު ވެސް ހާސިލް ނުވާ ކަމަށެވެ. އިސްލާހުގެ މަގުސަދުގެ ބައިގައި ބިން ހެޔޮ ގޮތުގައި ބޭނުންކުރުމަށް ފަސޭހަކޮށްދިނުން ހިމަނާފައިވާ ކަމަށާއި ނަމަވެސް ރަނގަޅު ނޫން ގޮތެއްގައި ހުށަހެޅިފައި އޮތް ޕްލޭނެއް އަވަސް އަރުވާލައިގެން ފާސްކުރުމުން ދިމާވާ ގެއްލުން މާބޮޑު ވާނެ ކަމަށެވެ.
ސަލީމު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން އުފެދިގެން އުޅޭ މައްސަލަ އަކީ ޕްލޭން ހަދާނެ ފަންނީ އަދި މާލީ ވަސީލަތްތައް ކައުންސިލްގައި ނެތުން ކަމަށެވެ. ޕްލޭން ހެދުމަށްފަހު ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ފާސްކުރުން ލަސްވެގެން ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަނުކުރޭވެ ކަމަށް ވިދާޅުވެ ސަލީމު ވަނީ ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 56 ކައުންސިލަކުން ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް އަށް ޕްލޭން ފާސްކޮށްފައިވާ ކަމަށާއި 26 ޕްލޭނަށް ގެންނަން ބަދަލުތައް ބުނެދީ އިސްލާހުކުރުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށާއި 20 ޕްލޭން ދިރާސާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން 128 ރަށުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ފާސްކުރަން އަދި ހުށަހަޅާފައި ނުވާ ކަމަށާއި މީގެ ސަބަބުން އެނގިގެން ދަނީ ޕްލޭން ފާސްކޮށްދިނުމަށްވުރެ ޕްލޭން އެކުލަވާލުމުގައި ހުރި މައްސަލަތަކާއި ދަތިތައް ގިނަ ކަން އެނގޭ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. އެހެންކަމުން އެމްއެންޕީގެ އިސްލާހުގެ ސަބަބުން ޕްލޭން ހެދުމަށް އޮތް ދަތިތަކަށް އެއްވެސް ހައްލެއް ނާންނަ ކަމުގައިވެސް އެމްޑީޕީ އަށް ނިސްބަތްވާ ސަލީމު ވިދާޅުވި އެވެ.
މިބިލްގެ ބަހުސްގައި އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި ނޫން ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި ފާސްކުރަން ހުށަހެޅުމުގައި ޕްލޭނިން މިނިސްޓަރުގެ އެއްވެސް ދައުރެއް ގާނޫނީ ގޮތުން ނެތް ކަމަށާއި އެހެންކަމުން ޕްލޭންތައް އެކުލަވާލުމުގެ މައްސަލައިގައި މިނިސްޓަރުގެ އިހްމާލެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ކައުންސިލްތަކުން ޕްލޭންތައް އެކުލަވާލުމަށްފަހު ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅާފައި ހުރި ގޮތަށް ބަލާއިރު އެ މިނިސްޓްރީގެ ތެރޭގައި ޕްލޭންތައް ފާސްކުރުން ލަސްވެފައި ހުރިކަން ވެސް ފާހަގަނުކުރެއްވޭ ކަމުގައިވެސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ނަމަ ގެންނަންވީ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލްތައް ބާރުވެރިކުރެވޭ ފަދަ އިސްލާހެއް ކަމަށެވެ. އެގޮތުން ކޮންމެ ކައުންސިލެއްގައި ނުވަތަ ކޮންމެ އަތޮޅު ކައުންސިލެއްގައި ލޭންޑް ޔޫސް ޕްލޭން ހަދަން އެނގޭ މުވައްޒަފަކު ތަމްރީން ކޮށްފައި ބެހެއްޓިދާނެ ކަމަށާއި އޭރުން ޕްލޭން ހަދަން ފަންނީ މީހުން ނުލިބި މަސައްކަތް ލަސްވާ މައްސަލަ އަށް ފަސޭހަ ހައްލެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެކަން ކޮށްދޭނެ ފަންނީ މީހުން ނުލިބުން ކަމަށެވެ. އެމްއެންޕީން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެމައްސަލައަށް އެއްވެސް ހައްލެއް ނުލިބޭތީ އިސްލާހަށް ތާއީދު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން ކުރަން އެނގޭ މިންވަރަށް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ސަރުކާރާއި ގައުމީ ޔުނިވަސިޓީ ގުޅިގެން މިއަހަރުގެ ޖުލައި މަހު ފަށާނެ ކަމަށެވެ. މި ޕްރޮގްރާމާ ގުޅިގެން ލޭންޑް ޔޫސް ޕްލޭން ހަދަން އެނގޭ ފަންނީ ބޭފުޅަކު ކޮންމެ އަތޮޅެއްގައި ހުންނާނެ ކަމަށާއި އަދި ކޮންމެ ކައުންސިލަކަށް 2،000 ޑޮލަރުގެ އަގުހުރި ޑްރޯނެއް ހަދިޔާކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ތަމްރީން ޕްރޮގްރާމު ނިމޭތާ ގިނަވެގެން ތިން މަސް ތެރޭގައި ލޭންޑް ޔޫސް ޕްލޭންތައް އެކުލަވާލާ ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވެވި އެވެ.
ނާޒިމްގެ އިސްލާހަށް ބަހުސްކުރައްވަމުން އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ވިދާޅުވީ ނާޒިމުގެ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ.
ޝިޔާމު ވިދާޅުވީ މިއަދު ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ މައްސަލައަކީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ބާރުތަކެއް ދިނުމަށްފަހު މިސަރުކާރުގެ މިނިސްޓްރީތަކުން ބާރުތައް ހިފެހެއްޓުން ކަމަށެވެ. ލޭންޑް ޔޫސް ޕްލޭންތައް ފާސްނުކޮށް ޕްލޭނިން މިނިސްޓްރީން ހިފަހައްޓަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ކަމަށްވެސް ޝިޔާމު ތުހުމަތުކުރެއްވި އެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މިސަރުކާރަށް ލާމަރުކަޒީ ނިޒާމާއި އެ ގާނޫނު ނޭގުން ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީއެއްގައި ބިނާވެށީގެ ބިލެއް ހިފަހައްޓައިގެން އުޅެނީ އެ ބިލް ފާސްވުމުން ކައުންސިލްތަކަށް ދިމާވެފައިވާ ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ އަށް ބޮޑެތި ހައްލުތަކެއް ލިބި ކައުންސިލްތައް ހިންގަން ފަސޭހަ ވާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުން ބޭނުންވި ގޮތާއި ހިލާފަށް ސިޔާސީ ބޭފުޅުންނާއި މަޖިލީހުން ލާމަރުކަޒީ ގާނޫނު އެކުލަވާލައި އެ ނިޒާމު ހިންގަން ފެށުން ކަމަށެވެ. ލާމަރުކަޒީ ބާރުތައް ކައުންސިލްތަކަށް ދީފައިވާ ކަމަށް ބުނި ނަމަވެސް އެ ބާރުތައް ކައުންސިލްތަކަށް ނުލިބޭ ކަމަށްވެސް އަލީ ވަނީ ވިދާޅުވެފަ އެވެ.