މޯލްޑިވްސް ނޭޝަނަލް ޕާޓީ

ދައުލަތް ވަނީ ދުސްތޫރީ އޮނިގަނޑުން ބޭރުވެ ބޮއްސުންލާފައި: އެމްއެންޕީ

ދިވެހި ދައުލަތުގެ ކަންކަން މިހާރު ދުސްތޫރީ އޮނިގަނޑުން ބޭރުވެ ބޮއްސުންލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ލިޔުމުން ދިން ޖަވާބުގައި އެމްއެންޕީ އިން ބުނީ ދައުލަތުގެ ހިންގުމުގެ އޮނިގަނޑުތައް ހަލާކުކޮށްލެވިފައިވާ ކަމަށެވެ.

ދައުލަތުގެ އެންމެ މުހިންމު ދުސްތޫރީ މުއައްސަސާތައް މިހާރު ހުރީ ބަލިކަށިކޮށްފައި ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަރާދުން ނެއްޓި އެއްބަޔަކަށް ބަރޯސާވެ، ހާރިޖީ އެހެން ފިކުރުތައް ގެންގުޅޭ ގައުމުތަކުގެ ދުޝްމަނުންނަށްވެފައިވާ ކަމަށް އެމްއެންޕީން ވަނީ ބުނެފަ އެވެ.

އެމްއެންޕީން ބުނީ ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމުތައް ބޮއްސުންލައި ސަރުކާރުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނަށް ފުރުސަތު ދެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނާއި އަދި އެހެންވެސް ފަރުދުންނަށް ރައްކާތެރިކަން ކަށަވަރުނުވާ ކަމަށާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހައްދުން ނައްޓާފައިވާ ކަމަށް އެމްއެންޕީން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ބޮޑެތި ކުންފުނިތައް ހުރީ ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށާއި ދިވެހި ގައުމުގެ މުސްތަގުބަލާމެދު ސުވާލު އުފެދޭ ހާލަތުގައި ކަމަށެވެ.

އެމްއެންޕީން ދެކޭ ގޮތުގައި މުޅި ދައުލަތުގެ އޮނިގަނޑު މިއަދު ވަނީ ފޫގޮސްފަ އެވެ. ޅަފަތުގައި އޮތް ގާނޫނުއަސާސީއަކާއި ހިންގުމުގެ އޮނިގަނޑު ވަރުގަދަކޮށް ދިވެހި ދައުލަތަކީ ބޭރުގެ ނުފޫޒުތަކާއި މި ޒަމާނުގެ އޮއިވަރުތަކުގައި އަމިއްލަ ފައިމައްޗަށް ކޮޅަށްހުރެވޭ ވަރުގެ ދައުލަތަކަށް ހެދުމަށް ކުރަންޖެހޭ ގައުމީ މަސައްކަތުގެ ބަދަލުގައި އަމިއްލަ ފައިދާއަށް ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން ދައުލަތުގެ އޮނިގަނޑު ހަލާކުކޮށްލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ރާއްޖޭގައި ކަން ހިނގާ ގޮތުން ރާއްޖޭގެ ދައުލަތް ގާނޫނުއަސާސީގައިވާ ގޮތަށް ހިނގާ ކަމަށް ނުބުނެވޭނެ ކަމަށް އެމްއެންޕީން ވަނީ ބުނެފަ އެވެ.

"މި ހާލަތުގައި ވަކި ބަޔަކަށް ނޫނީ ދައުލަތުގެ ނަފާވެރިކަން ނުލިބުމާއި ވަކިބަޔަކު ދައުލަތުގެ ރައްކާތެރިކަމުން މަހުރޫމްވުމާއި ވަކި ބައެއްގެ މައްޗަށް ގާނޫނާއި ގަވާއިދު ނުހިނގުމާއި ވަކި ކުލަޔަކުން ހެދުން ލައިގެން މެނުވީ ވަޒީފާއާއި ގެދޮވެރިކަން ފަދަ ފުރުސަތުތައް ނުލިބުމާއި، ދައުލަތުގެ މުދާވެރިކަން ވަކި ގައުމެއްގެ އަތްދަށަށް ދިޔުމާއި ބައިނަލްއަގުވާމީ މައިދާނުގައި ބުނަންޖެހޭ އެއްޗެއް ގައުމުގެ ހައްގުގައި ބުނަން ދަތިވާ ޙާލަތަށް ގައުމު ދިއުމަކީ ހައިރާންވާންވީ ކަމެއް ނޫން،" ރިޔާސީ ބަޔާނުގެ ޖަވާބުގައި އެމްއެންޕީން ފާހަގަކޮށްފައިވެ އެވެ.

އެމްއެންޕީން ބުނި ގޮތުގައި ރިޔާސީ ބަޔާނަށް ޖަވާބުދީ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެކަން ކުރައްވާފައިނުވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހޭނީ އެމްއެންޕީއަކުން ނޫނެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހޭ ޕީޕީއެމުން ބުނެފައިވަނީ ރައީސް ސޯލިހްއަކީ ރާއްޖޭގެ ރައީސް ނޫން ކަމަށާއި ރިޔާސީ ބަޔާނަށް ޖަވާބު ދޭން ނުޖެހޭ ކަމަށެވެ.