ރައްޔިތުންގެ މަޖިލީހުގައި އެޅިފައިވާ "މަރުތަޅު" ނައްޓާލައި މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމަށް ޖާގަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމަށް ޖާގަ ދިނުމަށް ނާޒިމް ސަރުކާރަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދައުލަތުގެ އެއްބާރުގައި "މަރުތަޅު" އެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށެވެ.
"ދައުލަތަށް ދިމާވެދާނޭ ކޮންމެ ކަމެއްގައި މަޖިލީހުގެ ދައުރު އަދާކުރެވޭ ގޮތަށް ކަންކަން ފަހިކުރެވެންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމާއި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވުމުން މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިފައިވާތީ މަޖިލިސް ހުއްޓިފައިވާ ކަމަށް އިދިކޮޅު މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
އިދިކޮޅު މެންބަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށްދާނީ ރައީސް ނަޝީދު ނުވަތަ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށްފަހު އަލުން އާންމު ކޮމިޓީ އެކުލަވާލައިގެން ކަމަށެވެ.