އަދާލަތު ޕާޓީ

އެމްޑީޕީ މޯޑުގެ މަންމައާއި ބައްޕަ އަދާލަތު ޕާޓީގައި!

May 31, 2022
3

އެމްޑީޕީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ މަންމައާއި ބައްޕަ ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ފޯމް ހުށަހެޅުމާ އެކު އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ހިމެނި ކަމަށް ތުހުމަތުކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މުހައްމަދު ވިދާޅުވީ އޭނާގެ ބައްޕައާއި މަންމަ އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ހިމަނާފައިވަނީ ނޭނގި ކަމަށެވެ.

މުހައްމަދު ވިދާޅުވީ ހައްޖަށް ދިއުމަށް ފޯމު ހުށަހަޅައިގެން އޭނާގެ މަންމަ އާއި ބައްޕަ ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވީ މީގެ ދެތިން އަހަރު ކުރިން ކަމަށެވެ. އެ ކުންފުނިން ނޫން ގޮތަކަށް މައިންބަފައިންގެ އައިޑީ ކާޑު އަދާލަތު ޕާޓީ އަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"[ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވީއިރު] އޭރު އޮންނާނީ އެމްޑީޕީގައި. އިއްޔެ އެމްޑީޕީން ދިން އީސީ ދަފްތަރުގައި ނުހިމެނޭ ލިސްޓްގައި އޮތީމާ ޗެކް ކުރި އިރު އޮތީ އަދާލަތުގައި،" އަދާލަތުގެ ދަފްތަރުގައި އޮތް ކަން އެނގިވަޑައިގެންނެވި ގޮތް ހިއްސާކުރައްވަމުން މުހައްމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަންމައާއި ބައްޕަ އަދާލަތު ޕާޓީގެ ދަފްތަރުގައި ހިމަނާފައިވަނީ ވަނީ އެމީހުންނަށް ނޭނގި "ވަގަށް" ކަމަށާއި އެކަން އެގޮތަށް ކުރީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީ ގުޅިގެން ކަމަށެވެ.

މެންބަރު މުހައްމަދުގެ ތުހުމަތު އަދާލަތު ޕާޓީން ވަނީ ދޮގުކޮށްފަ އެވެ. އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އަދާލަތު ޕާޓީއާ ގުޅުވައިގެން މެންބަރު މުހައްމަދު ކުރައްވާ ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އަދާލަތު ޕާޓީއަށް ވަނުމަށް ފޯމުތައް ލިބުމުން ޕާޓީގެ ފެންވަރުގައި ކުރެވެން ހުރި ގޮތަކަށް މަސައްކަތް ކޮށްގެން ފޯމްތަކުގެ ސައްހަކަން ބަލަމުންދާ ކަމަށެވެ.

ބައެއް މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓީ ތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ ޕާޓީ ތަކަށް ވެއްދުމަށް ހުށަހަޅާ މީހުންގެ މައުލޫމާތު މިމަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ އާންމުކުރަމުންނެވެ.