އިމްރާން އަބްދުﷲ

ދައުރުވާ ވާހަކަތައް އިމްރާން ސާފުކޮށްދޭން ގޮވާލައިފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރުގުޔާ ކުރައްވާ މަންޒަރު ފެންނަ ވީޑިއޯ އާއި އިމްރާނަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައްކޮށް އަންހެނަކު ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއްގެ މައްސަލައާ ގުޅޭ ގޮތުން އިމްރާން ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައްވައިފި އެވެ.

ރާއީ، މި ގޮތަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަގުތީ ކައުންސިލްތައް ހިންގުމުގެ ވަގުތީ ގާނޫނުގައިވާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ހިންގާ ގޮތް އިސްލާހު ކުރުމަށް ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެލްޖީއޭގެ ރައީސަކަށް ހުންނަވާނީ އިމްރާނެވެ.

މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިއާގައި ދަރުވާން ފެށި އޯޑިއޯގައި ވާހަކަ ދައްކަމުން ދިޔަ އަންހެން މީހާ ކިޔައިދޭ ގޮތުގައި އާދަލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާ ކުރި އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރު އިމްރާންގެ ފަރާތުން ގިނަ އަންހުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވެ އެވެ.

އޭގެ ދުވަސްތަކެއް ފަހުން އިމްރާން ރުގުޔާ ކުރާ ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އަދި މިނިސްޓަރު އިމްރާން އޮފީހަށް ވަޑައި ނުގަންނަވާތާ ދުވަސްތަކެއް ވެއްޖެ ކަމުގެ އަޑުތައް ފެތުރިގެން ވެސް ގޮސްފައި ވެއެވެ. ބައެއް ނޫސްތަކުގައި އެ ގޮތަށް ރިޕޯޓް ވެސް ކޮށްފައިވެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން މެންބަރު ރާއީ ވިދާޅުވީ އިމްރާންގެ ވާހަކަތައް ކިޔައިދޭ އޯޑިއޯއާއި އިމްރާންގެ ފެންނަ ވީޑިއޯއާއި ގުޅޭ ގޮތުން އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވެ ވަމުންދާ ގޮތް ސާފުކޮށް ނުދޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމާ ގުޅިގެން ދިވެހި ގިނަ ރައްޔިތުން ވެސް ސުވާލުތައް އުފައްދާ ކަމަށެވެ.

"މިއީ އާދައިގެ ކަންތައްތަކެއް ނޫން. މިއީ ދިވެހި ރައްޔިތުން ސުވާލު އުފައްދާ ކަންކަން. މި ކަންތައްތައް ސާފުކޮށްދޭން އެބަ ޖެހޭ. އެއީ ސަރުކާރުގެ ވަޒީރެއް، ކޯލިޝަންގެ ލީޑަރަކާ މެދު މި ސުވާލުތައް އުފައްދަމުން މި ދަނީ،" ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ޓަކައި ބުއްދިއާއި ސިއްހަތު ސަލާމަތުން ހުންނަން ޖެހޭ ކަމަށެވެ. އަދި ފުލުސް އޮފީސް މަތިކޮށްފައިވާ ހޯމް މިނިސްޓަރު ކަމާއި، ސަރުކާރުގެ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ވެސް ހުންނެވި ދީނީ އިލްމުވެރިއަކަށް ތުހުުމަތުތައް ކުރެވެން އެދިވަޑައި ނުގަންނަވާ ކަމަށެވެ.

"މި ހުރިހާ ސުވާލުތަކެއް އުފެދިގެން އަންނައިރު މި ކަން ސާފުކޮށްދޭން ނޫޅޭތީ ވަރަށް ބޮޑަށް ހިތާމަ ކުރަން. މަކަރާއި ހީތަލުން ވަޒީރު ކަމުގައި ހުރެގެން ނުވާނެ. އެއީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ބަލިވެ އުޅޭ ކަމަށް ވާނަމަ އަވަސް ޝިފާއެއް ހޯދަން ޖެހޭނެ، މިއީ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަންކަން،" ރާއީ ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އިމްރާން ބަޔާން ދެއްވުމަށް ރާއީ ގޮވާލެއްވިއިރު ވެގެން އުޅޭ ގޮތެއް ސާފު ކޮށްދިނުމަށް އިމްރާން ލީޑް ކުރައްވާ އަދާލަތު ޕާޓީއަށާއި، ސަރުކާރުގެ ކެބިނެޓަށް ވެސް ރާއީ ގޮވާލެއްވި އެވެ. އަދި މަޖިލީހުގެ ތެރެއިން އެކަންކަން ބަލަން ވެސް އޭނާ ގޮވާލެއްވި އެވެ.