ޔަމަންގައި ހަރަކާތްތެރިވާ ޝީއީ ހުތީ ހަނގުރާމަވެރިން ޔަމަންގެ ވެރިރަށް، ސަންއާގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ހަމަލާ ދީފި އެވެ.
ހަމަލާ ދިން ވަގުތު ގަނޑުވަރު ތެރޭގައި ޔަމަންގެ ރައީސް އަބްދުއްރަބާހް މަންސޫރު ހާދީ ހުންނެވި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް ބައެއް މިޑިއާތަކުން ބުނެފައިވާ ގޮތުގައި މަންސޫރު ހުންނެވީ އެމަނިކުފާނުގެ އަމިއްލަފުޅު ގޭގައި އެވެ. އަދި ބައެއް ހަނގުރާމަވެރިން އެ ގެ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާގައި ދެ މީހުން މަރުވެފައިވާ ކަމަށް ބައެއް މީހުންނާއި ހަވާލާދީ ބީބީސީއިން ވަނީ ބުނެފައި އެވެ.
ހޫތީ ޖަމާއަތުގެ ލީޑަރު އަބްދުލް މަލިކް އަލް ހޫތީ ޓީވީ މެދުވެރިކޮށް ވިދާޅުވީ ރައްޔިތުންގެ ހައްގަށްވުރެ އަމިއްލަ އެދުން ޔަމަންގެ ސަރުކާރުން އިސް ކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުގެ އިތުރުން އަލްގައިދާއާއި ގުޅުން އޮންނަ ކަމުގެ ތުހުމަތުވެސް މަލިކް ވަނީ ކުރައްވާފައި އެވެ.
"އެ މީހުން [ސިޔާސީ ލީޑަރުން] ބަނީ ކޮރަޕްޝަންގެ ތެރެއަށް ޣަރަގު ވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
މި އަމަލު އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުށްވެރި ކޮށްފައި އެވެ. އެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަންސޫރަކީ މިވަގުތު ގައުމު ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅާ ކަމަށާއި އޭނާއަށް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ. އަދި ގައުމުގައި މިނިވަންކަން ދެމެހެއްޓުމައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް ވެސް އެ މަޖިލީހުން ވަނީ ގޮވާލާފައި އެވެ.