ދުނިޔެ

ރަޝިއާގެ ފޮރިން މިނިސްޓަރު ސައޫދީގައި

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. ލަވްރޯފްއަށް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރަޝިއާގެ ވަފުދަށް ޚާއްސަ ސައުދީ އޮފިޝަލުންގެ ޓީމަކުންނެވެ.

ސައޫދީ އާއެކު ރަޝިއާ މަޝްވަރާ ކުރަން ހުރި ސުރުހީތަކާ ބެހޭ ގޮތުން ނޫސްތަކަށް އެއްވެސް މައުލޫމާތެއް އަދި ނުދެ އެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށިފަހުން ލަވްރޯފް ސައޫދީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ލަވްރޯފް ސައޫދީއަށް ވަޑައިގަތުމުގެ ކުރިން ބަހުރޭނަށް ވަޑައިގެން ވަނީ އޮފިޝަލުންނާ އެކު މަޝްވަރާކުރައްވަ އެވެ. އެހެން ނަމަވެސް މަޝްވަރާތަކުގެ ތަފުސީލު ވަނީ ސިއްރުކޮށްފަ އެވެ.

ސައޫދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާންގެ ދައުވަތަކަށް ލަވްރޯފް ކުރައްވާ ދަތުރުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފައިސަލް ބިން ފަރުހާން އާއެކު ކުރެއްވި މަޝްވަރާތަކުގައި ޔުކްރޭން ހަނގުރާމައަށް އަލިއަޅުވާލައި ލަވްރޯފް ވާހަކަދެއްކެވި އެވެ. ސައޫދީގެ ފަރާތުން ފޮރިން ފަރުހާން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ސިޔާސީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސައޫދީ ކުރާނެ އެވެ.

ލަވްރޯފްގެ ދަތުރާ ބެހޭ ގޮތުން އާންމު މީޑިއާއަށް ޚަބަރު ދީފައި ނެތް ނަމަވެސް، ބޮޑަށް ބެލެވެނީ އޯޕެކް ގައުމުތަކުން އުފައްދާ ތެލާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ދުނިޔޭގެ ހަކަތަ މާކެޓް ތިލަފަތް ހަމަކޮށް ބޭއްވުމަށް ރަޝިއާއާ ނުލައި ގަރާރުތައް ފާސްނުކުރުމަށް ވެސް ރަޝިއާ ބާރުއަޅާނެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ހަކަތަ ދޫކޮށްލައި ގަލްފު ގައުމުތަކަށް މިސްރާބު ޖަހާފައި ވާއިރު ރަޝިއާއަށް ފުރުސަތު ގެއްލި މުޅިން ބާކީވެދާނެ ގޮތެއް މެދުވެރިވެދާނެ ކަމަށް ވެސް ރަޝިއާ ބަލާނެ އެވެ. އަދި އެކަން އެގޮތަށް ނުވާނެ ކަމުގެ ޔަގީންކަން ރަޝިއާ ހޯދާނެ އެވެ.