ރަޝިޔާ

ރަޝިއާއިން ތެޔޮ އުފައްދާ އަދަދު އިތުރުކުރާނެ

ދުނިޔެއަށް ތެޔޮ ބޭނުންވާ ވަރު އަހަރުގެ މިހިސާބުގައި އިތުރުވާ ކަމަށް ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންދަރު ނޮވާކް ވިދާޅުވެއްޖެ އެެވެ. އޭނާ އަދި ވިދާޅުވީ ތެލަށް ލުއިދިނުމަށް ރަޝިއާއިން ޖުލައިގައި ތެޔޮ އުފައްދާ އަދަދު އިތުރުކުރާނެ ކަމަށެވެ.

ނޮވާކް ވިދާޅުވި ގޮތުގައި ހުޅަނގުން ރަޝިއާއަށް އަޅާފައި ހުރި ފިޔަވަޅުތައް މިހާރު ހުރި ވަރުގައި ހުރެއްޖެ ނަމަ ތެޔޮ އުފެއްދުން ދަތި ކަމަކަށް ނުވާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި އަގުތަކުގެ ތިލަފަތް ހަމަކުރަން ރަޝިއާއިން ތެޔޮ އުފައްދާނެ އެވެ.

ގައުމުތަކުން ތެޔޮ ބޭނުންކުރާ އާދައަށް ރަޝިއާ ބަލާނެ ކަމަށް ވެސް ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އުންމީދަކީ ދުނިޔޭގެ ތެޔޮ ބާޒާރުގައި ރަޝިއާގެ ހިއްސާ، ޔުކްރޭން ހަނގުރާމައިގެ ކުރިން އޮތް ވަރުގައި ބޭއްވުން ކަމަށެވެ.

ނޮވާކް ވިދާޅުވި ގޮތުގައި ޑިމާންޑަށް ބަލައި ތެޔޮޮ އުފެއްދުން އިތުރުކުރި ނަމަވެސް، ދުނިޔެ ތެލަށް ޖެހިފައި އޮތް އޮތުމަށް މާބޮޑު ލުޔެއް ނާންނާނެ އެވެ.

ރަޝިއާއިން ޖޫންގައި ތެޔޮ އުފެއްދި އަދަދަށް ވުރެ ޖުލައިގައި އުފައްދާ އަދަދު އިތުތުރުވާނެ ކަމަށް ނޮވާކް ވިދާޅުވި އެވެ. އެހެނެއް ކަމަަކު ހަމަ ކުއްލިއަކަށް މާކެޓް ބެލެންސް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ ވިސްނާފައި އޮތީ އަހަރުގެ ފަހުކޮޅު ތެލުގެ އަގަށް ބަދަލު އަންނާނެ ކަމަށް ކަން ނޮވާކް ވިދާޅުވި އެވެ. އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރު ނިމޭއިރު ތެލުގެ އަތުތައް އުޅޭނީ ކުޑަކޮށް ބޮޑުކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ނޮވާކް ވިދާޅުވި ގޮތުގައި ތެޔޮ އުފައްދާ ގައުމުތަކުން މިހާރު ދަމަހައްޓާ އުސޫލުތަކަށް މިހާރެކޭ އެއްގޮތަށް ދަމަހައްޓައިފި ނަމަ ދުނިޔެއަށް ކޮވިޑް ލައިގަތުމުގެ ކުރިން ތެޔޮ މާރުކޭޓް އޮތް ނިސްބަތަށް ރުޖޫއަވާން އަރަހަރު ތަކެއް ނުނަގާނެ ކަމަށެވެ.

ނޮވާކް ވިދާޅުވި ގޮތުގައި ގައުމުތަކަށް ކަމުދާ ވަރަށް ތެލުގެ އަގު ދަށްވާން އަދި ދުވަސްތަކެއް ނަގާނެ އެވެ. އޭނާ އަދި ވިދާޅުވީ ދުނިޔެއަށް ކުރިން ތެޔޮ ސަޕްލައި ކުރެވެމުން ދިއަ ނިޒާމަށް ބަދަލު އަތުވެއްޖެ ކަމަށާއި ކުންފުނިތަކުން ތެޔޮ ހޯދަން އާ މަގުތަށް ކޮށަމުން އަންނަ ކަމަށެވެ.