ރައީސް އޮފީސް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ހުޅުވާލައިފި

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުނަށް ކުރިމަތިލެވޭ އިނާމެކެވެ.

ރައީސް އޮފީހުން ބުނީ މިއީ އެފަދަ މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލުކަމާއި އިހްލާސްތެރި ކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެއް ކަމަށެވެ.

މި އިނާމަށް އެދި މިފަހަރު ފޯމު ހުށަހަޅޭނީ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނެފައި ވަނީ މިދިޔަ އަހަރު ފޯމު ފުރިހަމަ ދުވާ ފަރާތްތަކުން މައުލޫމާތު ފުރިހަމަކުރުމަށް ދެވަނަ ފުރުސަތެއް ދީފައިވާ ކަމަށެވެ. އެކަމަކު މިއަހަރު އެފަދަ ފުރުސަތެއް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އިނާމަށް އެދި ހުށަހަޅާއިރު ހުރިހާ މައުލޫމާތުތައް ފުރިހަމަކޮށް އަދި ހުރިހާ ލިޔުންތަކެއް ހަމަވެފައިވޭތޯ ރަގަޅަށް ބެލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.