ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމަށް ފުރުސަތު ހުޅުވާލައިފި

Jun 2, 2022

ޒުވާނުން ވަޒީފާތަކަށް ނެރެން ދިރާގުން ހިންގާ، އެޕްރެންޓިސްޝިޕް ޕްރޮގުރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މި އަހަރުގެ "އިންޓޭކް" އަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގށ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ކުދިންނަށް ކަމަށެވެ.

ދިރާގުގައި އިންޓާނަލީ އެކި ދާއިރާތަކުން ތަމްރީން ވާން ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކި ދާއިރާތަކުން ތަމްރީންވާ އެލަވަންސަކާއެކު ދިރާގުން ހިލޭ ފުރުސަތު ދޭނެ އެވެ.

ތަމްރީން ވާން ފުރުސަތު ދޭ ދާއިރާތައް

  • ކޯޕްރޭޓް ހިދުމަތް
  • ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަން
  • މާކެޓިން ކޮމިޔުނިކޭޝަންސް އެންޑް ޕީއާރު

މި ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުގެ 2:00 އިން 4:00 އާ ދެމެދު އިންޓަވިއު ކުރާނެ އެވެ. އިންޓަވިއުއަށް އަންނައިރު ސީވީއަކާއި ތައުލީމީ ލިއުންތައް ގެންނަން ޖެހެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިހާތަނަށް 228 ދަރިވަރުން ވަނީ ތަމްރީންކޮށް ނެރެފަ އެވެ. އެ ކުންފުނިން 2009 ވަނަ އަހަރުން ފެށިގެން ހިންގާ މި ޕްރޮގްރާމުން ތަމްރީންވި ގިނަ ކުދިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރެ އެވެ.