އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއް ގޮތަށް ގައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގެ ހިދުމަތުގައި ގިނަ ދުވަސްތައް ހޭދަކުރައްވާފައިވާ މުވައްޒަފުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި އަދި ހިދުމަތް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިިކުފާނު ވަނީ ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރައްވަމުން ގެންދެވި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަހުލާގުކަމުގައި ވިދާޅުވެ އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާ އެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް އެ ސިފަ ކަމަށެވެ.
މިރޭ އަގު ވަޒަންކުރެވުނު ބޭފުޅުން މިއޮފީހުގައި އެ ހޭދަކުރެއްވި މުއްދަތުގައި ކުރެއްވި މަސައްކަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމެއް ނޫން. އެ ބޭފުޅުންގެ އެ މަސައްކަތަކީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތް. ގައުމު މިއަދު މިއޮތް ހާލަތަށް ގެނެސްދެއްވުމުގައި އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއް ގޮތަށް ގައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ އެ ބޭފުޅުން.އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ އެ އޮފީހުގެ މުވައްޒަފުންގެ އަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާ އެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ އަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާ އެއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް ރަނގަޅު ނަމޫނާއެއް ކަމަށެވެ.
އަދި އުމުރުފުރާއަށް ބަލާއިރު ވެސް އުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވި ކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާ އަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރި ކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ މުޅި ގައުމުގެ މަސްލަހަތަށްޓަކައި އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ރާއްޖެ ފޯރުކޮށްދިނުމަށްޓަކައި ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަަމަށެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތަކުގެ ނަތީޖާ ގައުމީ ފެންވަރުގައި ފެންނަން ފަށާނީ ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒު ކޮށްގެންކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިގްތިސާދު ކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމާއި ކަރަންޓު ހަރަދު ކުޑަކުރުމާއި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަން މުހިންމު ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ދިވެހިންގެ ކިބައިން އެކަންކަން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 40 އަހަރާއި 35 އަހަރާއި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި 33 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި 44 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.