މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ އިންތިހާބު އޮގަސްޓް ހައެއްގައި، 185 މަގާމަކަށް ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބަށް ހުޅުވާލައިފި އެވެ. އެ ޕާޓީން މިއަދު ވަނީ 185 މަގާމަކަށް ހުޅުވާލާފައެވެ.

އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން އޮގަސްޓް ހަވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ގޮތުން ޖުމްލަ 185 މަގާމަކަށް ވަނީ ހުޅުވާލާފައެވެ. އެއީ ޕާޓީގެ ރައީސްގެ މަގާމާއި ރާއްޖެ ހަ ސަރަހައްދަކަށް ބަހާލާ އެއިން ކޮންމެ ސަރަހައްދަކުން ނާއިބު ރައީސް ކަމަށް ހަ ބޭފުޅަކު އަދި ވިމެންސް ވިންގުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ އިތުރުން ޔޫތު ވިންގުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ މަގާމެވެ. ދެން ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއިން ކޮންމެ ދާއިރާއަކަށް ރައީސާއި ނާއިބު ރައީސްގެ މަގާމަށެވެ.

އަސްރާ ވިދާޅުވީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ޖުލައި ހަތްވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.

މަގާމުތަކަށް ކުރިމަތިލާއިރު އެއީ އެ ޕާޓީން ބަލަހައްޓާ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވާން ޖެހެއެވެ. އަދި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރި ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އިންސާނީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ޕާޓީގެ ސުލޫކީ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ސުކޫލީ ކޮމެޓީން ނުވަތަ އިސްތިއުނާފު ކޮމެޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ އެ ފިޔަވަޅެއް ތަންފީޒުކޮށް ނިމުނުތާ އަހަރު ދުވަސްވެފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.