ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ.
މިއީ ޖޭއެސްސީ އިސްލާހު ކުރުމަށް ތޯރިގު ބިލް ހުށަހެޅުއްވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލިއިރު ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލް މަޖިލީހުން ބޭރުކޮށްލީ އެ ބިލް މަޖިލީހަށް ބަލައިގަނެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނީ އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ނުހިމެނޭ ގޮތަށް އަދި ކޮންމެ ތިން އަހަރަކުން އެއް ފަހަރު ކޮމިޝަންގެ މެންބަރުން ބަދަލުކުރަންޖެހޭ ގޮތަށް ކަމަށެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް
ތޯރިގު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައީސް ސޯލިހު ވިދާޅުވި ވައުދުތައް ހިމެނޭ ގޮތަށް ބިލެއް އެކުލަވާލާ އަނެއްކާވެސް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ރައީސް ސޯލިހް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ތޯރިގުގެ ބިލުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލައިފައި އޮތުމުން އެ ކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި އަދި ގޮތް ކިޔުން އިންތިހާއަށް ބޮޑެވެ. އަދި އިންސާފު ގާއިމުކުުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި އަދި މުސްތަގިއްލު ކަަމަށް ހުރަސް އެޅެ އެވެ.