މުހައްމަދު ނާޒިމް

ދެ ހަފުތާގެ ފަރުވާއަށް ނާޒިމް ސިންގަޕޫރަށްދާން ހުއްދަދީފި

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ދީފިއެވެ.

އެ ސާވިސްގެ މީޑިއާ ކޯޑިނޭޓަރު މޫސާ ރަމީޒު "އަވަސް"އަށް ވިދާޅުވީ، ހިތުގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ނާޒިމަށް ދީފައިވާ ކަމަށެވެ. ހުއްދަ ދީފައިވަނީ ދެ ހަފުތާއަށެވެ. އާއިލާއިން އެދިފައިވަނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ކަރެކްޝަންސްއިން ދީފައިވަނީ ދެ ހަފުތާއެވެ.

ކަރެކްޝަންއިން ބުނީ، އާއިލާއިން ބޭސް ފަރުވާއަށް ދާން އެދުމުން ދާނެއް ގައުމެއް ކަނޑައަޅާނީ ކަރެކްޝަންއިން ކަމަށެވެ. ނާޒިމްގެ އާއިލާއިން ބޭސް ފަރުވާއަށް ދިއުމަށް ބޭނުންވަނީ އިންޑިއާއަށެވެ.

ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ނާޒިމަށް ދީފައިވާއިރު އަންނަ އަންގާރަ ދުވަހު ނާޒިމް ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ފަހު އަޑު އެހުން އޮންނާނެއެވެ. ބެލެވޭ ގޮތުގައި މި ހަފުތާގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ވެސް އިއްވާނެއެވެ.

ނާޒިމްއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ކަރެކްޝަންސްއިން ދީފައިވާއިރު ނާޒިމްގެ މައްޗަށް ހުކުމް އައުމުގެ ކުރިންވެސް ނާޒިމް ވަނީ އެތައް ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކައި، ފަރުވާ ހޯދާފައެވެ. ހުކުމް އައި ފަހުންވެސް ސިންގަޕޫރަށް ގޮސް، އެ ގައުމުން ވެސް ފަރުވާ ހޯއްދެވި އެވެ.