އެމްއާރުއެމް

އިންޑިއާ އިން ފާޅުގައި މާފަށް އެދެން ދިވެހި ސަރުކާރުން ގޮވާލަން ޖެހޭ: އެމްއާރްއެމް

މުޅި އިންސާނިއްޔަތަށް މާތް ﷲ ފޮނުއްވި އެންމެ މަތިވެރި ރަސޫލާ މުހައްމަދުގެފާނަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ކައިވެނިފުޅުތަކަށާއި އިސްލާމީ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ދައްކާފައިވާތީ އެކަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކުށްވެރި ކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް ނަބިއްޔާ އަކީ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ވެސް ނުހަނު ލޯބިވާ އަދި އަދަބު އިހްތިރާމު ކުރާ މުޅި އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ ލާމަސީލު ނަމޫނާ އަށްވީ ހިނދު އެކަލޭގެފާނާ ބެހޭގޮތުން ބޭއަދަބީ އަދި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ އެމްއާރްއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

".. އަދި މިފަދަ އަމަލުތަކަކީ އަޅުގަނޑުމެން ހިތްވަރުދީ ހަނުހުންނާނެ ފަދަ އަމަލުތަކެއް ވެސް ނޫން ކަމުގައި ދަންނަވަމެވެ،"

ރަސޫލާއާ ބެހޭގޮތުން މިފަދަ ހުތުރު ވިސްނުންތަކެއް އެންމެ މީހަކު ފެތުރިކަމުގައިވިޔަސް ނަބިއްޔާގެ ހުލްގު ހެޔޮކަމާއި އަދި ވަރުގަދަ ޝަޚްސިއްޔަތަކީ މުޅި ދުނިޔެވެސް ހެކިވާނެ ކަމެއް ކަމަށާ އަދި އެކަންކަމަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނޭ ކަމެއް ވެސް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މާތް ނަބިއްޔާ އަށް ބަދުބަސް ބުނެ ބީޖޭޕީގެ އިސްތަރުޖަމާނު ނުޕުރް ޝަރްމާ ފަތުރާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކަށް ފާޅުގައި މާފަށް އެދުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ވީ އެންމެ އަވަހަކަށް އެދުމަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.