ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒަށް ފަހު ބޫސްޓާ ޑޯޒް ޖަހާފައިވަނީ އާބާދީގެ 35 ޕަސެންޓް މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. ތަފާސް ހިސާބު ދައްކާ ގޮތުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،727 މީހުންނެވެ. އެއީ އާބާދީގެ 88.06 ޕަސެންޓް މީހުންނެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 384،274 މީހުންނެވެ. އެއީ އާބާދީގެ 84.87 ޕަސެންޓެވެ.
ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދަކީ 161،562 އެވެ. އެއީ އާބާދީގެ ނިސްބަތުން 35.68 ޕަސެންޓް މީހުންނެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ތިން ޑޯޒް ޖެހި ނަމަވެސް މުޅި ދުނިޔޭގައިވެސް މަޖުބޫރު ކޮށްފައިވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށެވެ. ބޫސްޓާ ޖެހުން އޮތީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ.
ބައެއް މީހުން ބޫސްޓާ ޑޯޒް ޖެހުމަށް ފަސްޖެހެއެވެ. ނަމަވެސް އެޗްޕީއޭއިން ބުނީ ބޫސްޓާ ޑޯޒްއާ މެދު އާންމުންގެ ތެރޭގައި ހުރި ކުށްހީތަކެއް ކަމަށެވެ. ބޫސްޓާ ޖެހިޔަސް ކޮވިޑް ޖެހުން ދުރުކޮށް ނުދޭ ކަމަށާ ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކޮންމެހެން ބޫސްޓާ ޖަހަން ނުޖެހޭ ކަމަށް ބައެއް މީހުން ދެކެއެވެ. އަދި ބޫސްޓާ ޖެހުމަށް ފަހު ބައެއް ކަހަލަ ސައިޑް އިފެކްޓްތައް ދިމާވާ ކަމަށްވެސް މީހުން ދެކެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން ހަށިގަނޑުގައި އުފެދޭ ދިފާއު ގިނަ ދުވަސްވުމުން ދަށްވާ ކަމަށެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖެހުމުން ހަށިގަނޑުގެ ދިފާއު ވަރުގަދަވުމުގެ އިތުރުން ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށެވެ. އަދި ބަލި ޖެހުނު ނަމަވެސް ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ހޯދަން ޖެހުމުން ދުރުކޮށްދޭ ކަމަށެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކޮންމެހެން ބޫސްޓާ ޖަހަން ނުޖެހޭ ކަމަށް ބައެއް މީހުން ދެކުނަސް ބޫސްޓާ ޑޯޒްގެ ސަބަބުން ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކޮށްދީ ވެކްސިނުން ލިބޭ ރައްކާތެރިކަމުގެ މުއްދަތު އިތުރުކޮށްދޭ ކަމަށެވެ. ބޫސްޓާ ޑޯޒް ޖެހުން އެތަން ދުޅަވުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި ހަށިގަނޑުގައި ރިހުމާއި ހީކެރުވުމާއި ހުން އައުން އަދި ހޮޑުލެވުން ފަދަ އާދައިގެ އަލާމަތްތަކެއް ފެނިދާނެ ކަމަށާ ނަމަވެސް ފާހަގަކުރެވޭ ފަދަ ބޮޑު ސައިޑް އިފެކްޓެއް ނާންނާނެ ކަމަށެވެ.