ހަބަރު

ޒިޔާދާގެ ޕޯސްޓްމޯޓަމް ހަދައިފި

Jan 4, 2016
  • ހަށިގަނޑު ގެންނަނީ މާދަމާ
  • ޕޯސްޓްމޯޓަމް ހެދީ ޓްރެވިންޑްރަމްއިން
  • ތަހުގީގަށް އެކަން ވަރަށް މުހިންމު

ޖިންސީ އަނިޔާތަކެއްގެ ސަބަބުން މަރުވި ކަމަށް ބެލެވޭ، ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ޕޯސްޓްމޯޓަމް އިއްޔެ އިންޑިއާގައި ހަދައިފި އެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ފުލުހުންގެ އެދުމުގެ މަތިން އޭނާގެ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިއަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ޕޯސްމޯޓެމް ހަދަން ހަށިގަނޑު ގެންދިޔައީ އިންޑިއާއަށް ނަމަވެސް އެކަން ކުރާ ހޮސްޕިޓަލުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މުހައްމަދު އިސްމާއިލް ވިދާޅުވީ، ޒިޔާދާގެ ޕޯސްމޯޓަމް އިއްޔެ ހަދާފައިވާ ކަމަށެވެ. ޕޯސްމޮޓެމް ހެދީ އިންޑިއާގެ ޓްރިވިންޑްރަމްގެ ހޮސްޕިޓަލަކުންނެވެ. ޒިޔާދާގެ ހަށިގަނޑު މިއަދު މާލެ ގެންނަން މަސައްކަތްކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ޒިޔާދާގެ އަނިޔާތަކުގެ ހަގީގަތް ހޯދަން އޮޓޯޕްސީއެއް މިހާރު ހަދާފައިވާއިރު، އޭނާގެ ފިރިމީހާގެ އާއިލާއިން ބުނަމުންދަނީ ޒިޔާދާ މަރުވީ ޖިންސީ އަނިޔާތަކުގެ ސަބަބުން ނޫން ކަމަށެވެ. އަދި ފިރިމީހާ ޝާހު ޒިޔާދާއަށް އަނިޔާ ނުކުރާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ބުނީ، ޒިޔާދާއަށް ލިބިފައިވަނީ ގުދުރަތީ ޒަހަމްތަކެއް ނުވަތަ ގެއްލުންތަކެއް ނޫން ކަމަށް، އައިޖީ އެމްއެޗާއި، ޔަގާނެގި ކްލިނިކުން ޒިޔާދާ ބެލި ޑޮކްޓަރުން ފުލުހުންނަށް ބުނެފައިވާ ކަމަށެވެ. އަދި ރިޕޯޓްތަކުންވެސް އެކަން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.