ހަބަރު

އާޒިމްގެ ގާތް ބޭފުޅުން އެފްއޭއެމަށް ގެންނަން އެސްޓީއޯއިން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ

Jan 21, 2015
5

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އާދަމް އާޒިމްގެ ތިމާގެ ބޭފުޅުންނަށާއި ކައިރި ގުޅުންތަކެއް އޮންނަ ފަރާތްތަކަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމް) ގެ އިސް މަގާމުތަކެއް ހޯދައިދިނުމަށް އެ ކުންފުނީގެ ޕްރޮމޯޝަން ބަޖެޓުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ މައްސަލައެއް ފަޅާ އަރައިފި އެވެ.

އެސްޓީއޯއިން އެކި ނަންނަމުގައި ހިންގި ޕްރޮމޯޝަންތަކާ ގުޅޭ ގޮތުން އޭސީސީން އެކުލަވާލި ރިޕޯޓެއްގެ ކޮޕީ، "އަވަސް" އަށް ލިބިފައިވާ އިރު، އެ ރިޕޯޓްގައިވާ ގޮތުގައި ފަސްޓް ޑިވިޝަނާއި ސެކަންޑް ޑިވިޝަންގެ ކްލަބްތަކަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް 5.7 މިލިއަން ރުފިޔާ އެސްޓީއޯ އިން ސްޕޮންސާގެ ގޮތުގައި ދީފައި ވަނީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އާޒިމްގެ ތިމާގެ ބޭފުޅެއް ކަމަށްވާ، މުހައްމަދު ވިޝާމް އަށް އެތަނުގެ ރައީސް ކަން ހޯދައި ދިނުމަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެކަން ސާބިތުވާ ކަމެއް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމިޓީ ބަދަލު ކުރުމަށް ފަހު ވަގުތީ ގޮތުން އެފްއޭއެމްގެ ރައީސް އަކަށް ވިޝާމް ލުމަށް އޭރު އޮތް ބޯޑަށް އެންމެ ފުރަތަމަ ސިޓީ ފޮނުވާފައި ވަނީ އެސްޓީއޯއިން އެންމެ ބޮޑު ސްޕޮންސާއެއް ދިން ކްލަބް އީގަލްސް އިން ކަމަށެވެ. އެގޮތުން އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑްގެ ނަމުގައި 800،000ރ. ގެ ސްޕޮންސާއެއް އެ ކްލަބަށް ދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އޭގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓްލުމަށް ޝަރުތު ހަމަވާ 19 ޓީމަކަށް އެކި އަދަދުތަކުން ވަނީ ފައިސާ ދީފަ އެވެ.

"އެސްޓީއޯއިން އެ ޓީމްތައް ސްޕޮންސާ ކޮށްފައި ވަނީ އެފްއޭއެމްގެ ކޮންގްރެސްއަށް ނުފޫޒެއް ފޯރުވުުމުގެ ގޮތުން ވަކިފަރާތަކަށް ފައިދާއެއް ލިބޭ ގޮތަށް ކަމަށް ބެލެވޭތީ އާއި ސްޕޮންސާ ލިބުނު ފަރާތްތަކުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާ ގުޅުން ހުރި ފަރާތްތަކަށް އެފްއޭއެމް ހިންގުން ހަވާލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވެ އެވެ،" ރިޕޯޓްގައިވެ އެވެ.

އެސްޓީއޯއިން މާކެޓިން އާއި ޗެރިޓީއަށް ކޮށްފައިވާ ހަރަދުތަކާ މެދުވެސް ވަނީ އެ ރިޕޯޓްގައި ބޮޑެތި ސުވާލުތަކެއް ފެންމަތި ކުރުވައިފަ އެވެ. އެގޮތުން 2013 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އެސްޓީއޯގެ މާކެޓިންގެ ބަޖެޓަށް 10.9 މިލިއަން ރުފިޔާ އިތުރަށް ކަނޑައަޅާފައި އޮތް ކަމަށް ރިޕޯޓްގައި ހުރި ހިސާބުތަކުން ދައްކަ އެވެ. ރިޕޯޓްގައިވާ ގޮތުން 32.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި އޮތް ނަމަވެސް އެ ބަޖެޓަށް ވުރެ އިތުރަށް 803،024ރ. އެސްޓީއޯގެ ޕްރޮމޯޝަން ހަރަކާތްތަކަށް ހަރަދު ކޮށްފައިވެ އެވެ.

ސީއެސްއާރާއި ޗެރިޓީއަށް ހަރަދު ކުރުމަށް ކަނޑައެޅި 5.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް، 118،978.35ރ. ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެކި މީޑިއަމްތަކުގައި އިޝްތިހާރު ކުރުމަށް ކަނޑައަޅާފައި އޮތް، 4.8 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ވެސް އެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ރިޕޯޓްގައިވާ ގޮތުގައި އެސްޓީއޯއިން ކޮށްފައިވާ ޕްރޮމޯޝަން ހަރަދުތަކަކީ ކުންފުންޏަށް ފައިދާ ވުމަށް ވުރެ، ބޮޑަށް ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ހަރަދުތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.

"އެހަރަދުތައް ކޮށްފައިވާ ގޮތުން އެކަމުގެ މަގުސަދު ހާސިލްވީ ކަމާ މެދު ސުވާލު އުފެދެ އެވެ. އެހެންކަމުން މި މައްސަލަ މި ކޮމިޝަނުން މި އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ،" ރިޕޯޓްގައިވެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީފެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ހަރަދުތަކުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަވެގެން އެ ކުންފުނީގެ ޕްރޮމޯޝަން ހަރަދުތައް ވަނީ މިފަހުން މަޑުޖައްސާލައިފަ އެވެ.

އާޒިމް އެސްޓީއޯގެ މާކެޓިން ހެޑަކަށް ހުންނެވި ދުވަސްވަރު، ގދ ތިނަދޫ އެސްޓީއޯ ފިހާރައަށް ދެ މުވައްޒަފަކު ހޯދުމުގައި ނުފޫޒު ބޭނުން ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން އޭސީސީން ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.