ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށްރަށުގެ މައުލޫމާތު ލިބުމުން ކަންކަން ރަނގަޅުކުރަން ފަސޭހަވޭ: ރައީސް

Jun 9, 2022

ރަށްރަށުގައި ހުންނަ ކަންކަމާ ގުޅޭގޮތުން ލިބޭ މައުލޫމާތަކީ ކަންކަން ރަނގަޅު ކުރުމަށް ވަރަށް ފަސޭހަވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބ. ކަމަދޫ ކައުންސިލަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކަމަދޫ ކައުންސިލަރުން ވިދާޅުވީ ރައީސް ސޯލިހް ރާއްޖެ ހިންގަވާ ގޮތާ މެދު ކަމަދޫ ރައްޔިތުން ހިތްހަމަޖެހިގެން ތިބި ކަމަށެވެ. މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައި ނެތް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން އެރަށަށް ހަމަޖައްސައިދީފައިވާތީ އެކަމަށް ޝުކުރުވެސް އަދާކުރެއްވި އެވެ.

ކަމަދޫ ކައުންސިލަރުން ފާހަގަކުރެއްވި އެރަށުގެ މައިގަނޑު މައްސަލަތަކަކީ ރަށްގިރާ މައްސަލައާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ފުލުހުންގެ ހިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ އިމާރާތް ގިނަ ދުވަސްވުމުގެ ސަބަބުން ވީރާނާވަމުންދާ ކަމާއި، ކަމަދޫގައި ތަރައްގީކުރާ ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ އިތުރު ބައެއް ކަންކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހްއާ ހިއްސާކުރައްވާފަ އެވެ. އަދި ކަމަދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުސޫލެއް ފަހިކޮށްދެއްވުމަށް ވެސް ރައީސްގެ އަރިހުގައި ކައުންސިލަރުން އެދިވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިއްމު މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާ ގުޅޭގޮތުން ލިބޭ މައުލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.