އެމްޑީޕީ

ކުރީ ސަރުކާރަށް ކަންކަން ނުވީ ވައްކަންކުރުމުން: ރައީސް

ރާއްޖޭގެ ބޭނުންޖެހިފައިވާ މުހިއްމު މަޝްރޫތައް ކުރީގެ ސަރުކާރަށް ކުރިއަށް ނުގެންދެވުނީ ދައުލަތައް ވަންނަން ހުރި ފައިސާއިން ވައްކަންކުރުމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބ. ކަމަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓަށް ވަންނަން ހުރި ފައިސާ ވަނީ އެ ސަރުކާރުގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓައް ޖަމާކޮށްފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ދައުރުގައި ދައުލަތައް ލިބުނު ފައިސާގެ ބޮޑު އިންސައްތައެއް ހަރަދުކޮށްފައިވަނީ ޕެޕާ ސްޕްރޭ، މުގުރު ގަތުމަށާއި އަދި ރައްޔިތުން ޖަލުގައި ބޭތިއްބުމަށް ކަމަށެވެ.

"ތިބޭފުޅުން ފުލުސް އޮފީސް ބަޖެޓަށް ބަލާލީމަ އެކަން އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓެކްސް ފައިސާ އިން ރައްޔިތުންގެ ބޭނުމަށް ހަރަދުކުރާތީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ. ނަމަވެސް އެ ފައިސާ ނަގަނީ ރައްޔިތުންގެ ބޭނުންތަކަށް ހަރަދުކުރުމަށް ކަމަށްވާތީ އެގޮތަށް ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކަށް ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ޓެކްސް ފައިސަ އިން ރައްޔިތުން ބޭނުންވާ މާގިނަ ކަންތައްތަކެއް ކޮށްދެވިފައި ނުވަ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކޮށްފައިވާނީ ވައުދުތައް ފުއްދުމަށް ކަމަށާއި އެގޮތުގެ މަތިން އެމަނިކުފާނުގެ ވައުދުތަކުގެ 90 އަންސައްތަ ފުއްދަވައިދެވިފައިވާ ކަމަށެވެ. މިކަންކަމުގެ ތެރެއިން 140 އަށް ވުރެ ގިނަ ރަށުގައި ފެނާއިނަރުދަމާ ގާއިމުކޮށް، 18،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔަވައިދިނުން ފަދަ އެތައް ކަމެއް ޓެކްސް ފައިސާ އިން ކޮށްދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.