ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވަކޮށްފައިވާ ވ. އާރަށު މައްސަލައިގައި ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން ހައިކޯޓަށް ގެންގޮސްފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެދުވަހު ގާޒީ ވިދާޅުވެފައި ވަނީ ގާނޫނު މާނަކުރާ ހަމަތަކުގެ މަތިން މުއްދަތު ގުނުމަށް ފަހު ހުށަހެޅުންތައް ހުށަހެޅުމަށެވެ.
އެކަމަކު މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ހުށަހެޅުންތައް ބަލައި ނުގަންނަން ގާޒީ ނިންމީ މެއި 25 ގައެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމި މައްސަލަ ހައިކޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އާރަށު މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ވަކީލުން ވަނީ އެކަން ފަނޑިޔާރުގެ ސަމާލު ކަމަށް ގެންނަވާފައެވެ. އަދި މިހާރު ހިނގަމުންދާ މައްސަލަ އިސްތިއުނާފު ނިމެންދެން މަޑުޖައްސާލުމަށްވެސް އެދިފައިވެއެވެ.