ދީން

ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް: ހުތުބާ

ކީރިތި ރަސޫލާ صلى الله عليه وسلم ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރި މައްސަލާގައި މުޅި އިސްލާމީ އުންމަތް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅުގައި މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ކީރިތި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުން" މި މައުލޫއަށެވެ.

މުޅި ރާއްޖޭގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާ މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ވާ ކަމަށެވެ. އަދި އެފަދަ އިން ފުރައްސާރަކުރި ފުރައްސާރަވެރީން ނިކަމެތި ކުރައްވާ މާތްﷲ އެ ބޭކަލުންނަށް ނަސްރު ދެއްވި ކަމަށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަން ޖެހޭ ކަމަށްވެސް ހުުތުބާގައި ބުނެފައިވެއެވެ.

ނަބިއްޔާގެ ހަޔާތްޕުޅުގައި އެކަލޭގެގާނުގެ ސަހާބީން ޖާނާއި މާލުން އެކަލޭގެފާނު ދިފާއު ކުރެއްވެވި ކަމަށާ އުހުދު ހަނގުރާމައިގެ ދުވަހު ﷲ ރުއްސުންލެއްވި ތަލްހަތު ބުނި އުބައިދުﷲ އެކަލޭގެފާނުގެ ހަށިކޮޅުގެ އެތަންމިތަނަށް މުޝްރިކުންގެ ތީރުތައް އަމާޒުވެ އަތްޕުޅުން ވާގިދޫވެ ކަނދުރާފުޅަށް ތީރެއް އަމާޒުވެ ޝަހީދުވެވަޑައިގަންނަވަންދެން ހިތްވަރާއެކު ދެމި ހުންނެވި ކަމަށެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވެން އޮތް މަގު ކަމަށެވެ.