ޑރ. މުހައްމަދު މުއިއްޒު

ވިނަރެސް ދޭން ނިންމީ މަހަކު 7000 އަށް: މުއިއްޒު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ވިނަރެސް ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމުގައި ކުރީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ނިމި އެ ފްލްޓްތައް މިހާރު ވަނީ އާންމުންނަށް ދައްކާލަން ފަށާފައެވެ. ފްލެޓް ގަތުމުގެ ޝައުގުވެރިކަމުގައި އެތަން ބަލަން އެތައްހާސް ބަޔަކު ވަނީ އެޕޮއިންޓްމަންޓަށް އެދިފައެވެ.

ނަމަވެސް އެ ފްލެޓްތައް ވިއްކަން ކަނޑައަޅާފައިވާ އަގުތައް އެޗްޑީސީން އާންމުކުރުމުން އެތައް ބަޔަކު ވަނީ އަގުތައް މާ ބޮޑު ކަމަށް ބުނެފައެވެ. އެ ފްލެޓްތައް ތިން ގޮތަކަށް ވިއްކަން ވަނީ ނިންމާފައެވެ. އެއްކޮށް ފައިސާ ދައްކާނަމަ 2.5 މިލިއަން އާއި ތިން މިލިއަންގެ އަދަދެއް ދައްކަން ޖެހެއެވެ.

ވިހި އަހަރަށް ބަހާލައިގެން ދައްކާނަމަ ވަރަށް ބޮޑު އަދަދެއްގެ ދައްކަން ޖެހެއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަށް ފަހު މަހުން މަހަށް ދައްކަން ޖެހޭ ފައިސާއާއެކު ވިހި އަހަރުތެރޭ ހަތް މިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހެއެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ފްލެޓް އަގުގެ 15 ޕަސެންޓް ދައްކާނަމަ މަހަކު 19،000 އާއި 23،000 ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ވިހި އަހަރުން ހަ މިލިއަނަށް ވުރެ ގިނަ ފައިސާ ފްލެޓަށް ދެއްކޭނެ އެވެ. އަދި 20 ޕަސެންޓް ދައްކާނަމަ މަހު ކުލީގެ ގޮތުގައި 16،000 އާއި 20،000 ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ފަސް އަހަރުން ހަތް މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހެއެވެ. މިއިން ކޮންމެ ގޮތެއް އިހުތިޔާރު ކުރިނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ތިން ލައްކަ އާއި ހަ ލައްކައާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މުއިއްޒު ވަނީ ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ އެ މަޝްރޫއު ފެށިއިރު ރައީސް ޔާމީންގެ ސަރުކާރުން ފްލެޓްތަކުގެ މަހު ކުއްޔަކީ ހަތް ހާސް ރުފިޔާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިން މަޝްރޫއު މި ސަރުކާރުން 1340 އަށް މަދުކޮށް 'ވިނަރެސް' ގެ ނަންދީ އަތް ނުފޯރާހާ އަގުބޮޑު ކޮށް ވިއްކަމުންދާ ދިއުން ބަދަލު ކުރެއްވުން އެދެން. ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް،" މުއިއްޒު ވިދާޅުވިއެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދާފައިވާ ވިނަރެސް އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ ތަނެއްގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން މި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.