ރާއްޖެ ކުޅިވަރު

ލިވަޕޫލް އަތުން އެއްވަރުވުމަކީ ގޯސް ނަތީޖާއެއް ނޫން: މޮރީނިއޯ

އިނގިރޭސި ލީގު ކަޕްގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލްއާ ޗެލްސީ ބައްދަލުުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މިއީ ހިތްހަމަޖައްސާލެވޭ ނަތީޖާއެއް ކަމަށް ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އެޑިން ހަޒާޑެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

"އަހަރެމެންގެ އެންމެ މަތީ ފެންވަރުގައި ކުޅެވުނު. ލިވަޕޫލް ވެސް އެ ފެންވަރުގެ ކުޅުމެއް ދެއްކި،" މެޗަށް ފަހު މޮރީނިއޯ ބުންޏެެވެ. "އެހެންވީމަ މިއީ ދެ ޓީމަށް ވެސް ހައްގު ނަތީޖާއެއް ކަމަށް ގަބޫލްކުރަން. ލިވަޕޫލަށް މި މެޗުން މޮޅެއް ހައްގެއް ނޫން. ތިން ޑިފެންޑަރުންނާއެކު އެމީހުން ކުޅުނުއިރު އަހަރެމެންނަށް ކައުންޓާ އެޓޭކްކުރަން ފުރުސަތު ލިބުނު. އެކަމަކު އަހަރެމެންގެ ޕާސިން ދަށްވީމަ އެ ފުރުސަތުގެ ބޭނުމެއް ނުހިފުނު."

މޮރީނިއޯ ބުނީ ލީގު ކަޕްގެ ސެމީ ފައިނަލްއާ ހިސާބުން، ޗެލްސީ އާއި ލިވަޕޫލް ކަހަަލަ ބޮޑެތި ކްލަބުތަކުން އެ މުބާރާތަށް ސީރިއަސްވާނެ ކަމަށެވެ.

"ބައެއް މީހުން ބުނޭ ލީގު ކަޕްއަކީ ކްލަބުތަކުން އިސްކަންދޭ މުބާރާތެއް ނޫނޭ. އެކަމަކު ސެމީ ފައިނަލާ ހިސާބުން ލިވަޕޫލާއި ޗެލްސީ ކަހަލަ ޓީމުތަކުން ދުލެއް ނުދޭނެ،" މޮރީނިއޯ ބުންޏެވެ.