ބޮލީވުޑް

ފުރާނައަށް ނުރައްކާވިޔަސް ސަލްމާން ހާހެއް ނުވޭ!

ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށް ބަޔަކު މަރުގެ އިންޒާރުދީ މަރާލަން މަސައްކަތް ކޮށްފައިވާ ކަމަށް ދާދިފަހުން އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް މަރުގެ އިންޒާރުތަކާއި މަރާލަން ކުރާ މަސައްކަތްތަކާ ހެދި ސްޓްރެސްވެ އެކަމާ ބިރުން އުޅެން ސަލްމާން ބޭނުމެއް ނޫނެވެ. ސަލްމާންގެ ގާތް މީހަކު ބުނި ގޮތުގައި އޭނާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ މާހައުލެއް އޮތަސް އޭނާ ހުރީ ވަރަށް ކޫލްކޮށް ހަމަޖެހިލައިގެނެވެ.

ސަލްމާންގެ ރައްކާތެރިކަމާ މެދު އިންޑިއާގެ މީޑިއާތަކުން ކަންބޮޑުވެގެން އުޅެމުން ދިޔައިރު އޭނާ އިނީ ހައިދަރުއާބާދުގެ ހޮޓަލެއްގައި ހަމަޖެހިލައިގެން ކާށެވެ. ސަލްމާން ހައިދަރުއާބާދަށް ގޮސް އުޅެނީ އޭނާ މިހާރު ކުޅެމުންދާ "ބައިޖާން"ގެ ޝޫޓިންގް އަށެވެ.

އެ ފިލްމުގެ ޝޫޓިންގަށް ވަރަށް ބޮޑު ސެޓެއް އެ ރަށުގެ ސްޓޫޑިއޯއެއްގައި ތައްޔާރުކޮށްފައި ވެއެވެ.

މި ސެޓުގައި މަސައްކަތްކުރާ މީހަކު ބުނި ގޮތުގައި ސެޓު ތެރޭގައި ސަލްމާން އެކި ކޮޅު ކޮޅަށް ހިނގާ މީހުންނާ ބައްދަލުކޮށް އާދައިގައި ވެސް އުޅޭ އުޅުން އުޅެމުންދާ ކަމަށެވެ. އޭނާގެ ފުރާނައަށް ނުރައްކަލެއް އޮތޭ ކިޔާފައި ބިރަކުން އޭނާ ނޫޅެ އެވެ.

ސަލްމާންގެ ރައްކާތެރިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް ފިލްމު ސެޓުގައި އަޅާފައި ވިޔަސް އޭނާ އެއްވެސް ސްޓްރެސް އެއް ވެގެން އުޅޭތަނެއް ނުފެންނަ ކަމަށް އެ ސެޓުގައި މަސައްކަތްކުރާ މީހާ ބުންޏެވެ.

ދާ ތަންތަން އެހެން މީހުންނަށް ސިއްރުކޮށްފައި ބޭއްވުމަށާއި އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް އަދި ރައްކާތެރި ވެގެން އުޅުމަށް މުމްބައި ފުލުހުން ވެސް ވަނީ ސަލްމާނަށް އިރުޝާދު ދީފަ އެވެ.

ސަލްމާންގެ ފުރާނައަށް ގެއްލުންވެދާނެތީ ގިނަ ބަޔަކު ބިރުގަތީ އޭނާއަށް އިންޒާރު ދިން ގޭންގްސްޓާރު ފައިސާ ދީގެން އަމާޒަށް ބަޑިޖަހާ މީހަކު ސަލްމާނުގެ ގަޔަށް ވަރަށް ގާތުން ބަޑި ބަހަން މަސައްކަތް ކުރިކަން ފަޅާ އެރުމުންނެވެ. އެންމެ ފަހު ވަގުތު އެމީހާ ސަލްމާން ގަޔަށް ބަޑި ނުޖަހައި ދިޔައީ ކީއްވެގެން ކަމެއް ނޭނގެ އެވެ.