ދުނިޔެ

މެކްޑޮނާލްޑެއް ނޫން، ފްކުސްނޯ އެން ތޮޗްކާ

ރަޝިއާގައި މެކްޑޮނާލްޑް ރެސްޓޯރަންޓްތަކުން ޚިދުމަތް ހުއްޓާލުމުން އެތަނުގެ ނަން ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.

އެއީ މިހާރު "މެކްޑޮނާލްޑް"އެއް ނޫނެވެ. އެއީ Vkusno & tochka -- "ފްކުސްނޯ އެން ތޮޗްކާ" އެވެ. އިނގިރޭސި މާނަ އަކީ "ޓޭސްޓީ އެންޑް ދަޓްސް އިޓް" އެވެ.

މެކްޑޮނާލްޑް ރެސްޓޯރަންޓްތައް ރަޝިއާގައި ޚިދުމަތް ދިނުން ހުއްޓާލީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ކުށްވެރިރުމުގެ ގޮތުންނެވެ. ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުން ތަކުގައި އަމަލީގޮތުން ބައިވެރިވުމަކީ ވެސް މެކްޑޮނަލްޑްގެ ނިންމުމެކެވެ.

ރަޝިއާގައި މެކްޑޮނަލްޑް މަރުކާގެ ދަށުން ހިންގަމުންދިޔަ 850 ރެސްޓޯރަން ވަނީ ބަންދުކޮށްފަ އެވެ. ރެސްޓޯރަންޓްތައް ބަންދުކޮށް ރަޝިއާ އިން ފައިބައިގެން ދަމުން މެކްޑޮނާލްޑްގެ މެނޭޖްމަންޓުން ވަނީ މުދާތައް ވިއްކާލާފަ އެވެ.

ފްކުސްނޯ އެން ތޮޗްކާގެ ނަމުގައި ހުޅުވި ރެސްޓޯރަންޓް ތަކަކީ މެކްޑޮނަލްޑްގެ ރަޝިއާގެ ވައްތަރެވެ. ރެސްޓޯރަންޓްތައް ހުޅުވި ފުރަތަމަ ދުވަހު ހިދުމަތް ހޯދި މީހުން ބުނާ ގޮތުގައި މެކްޑޮނާލްޑަށް ވުރެ ރަހަ މާބޮޑަށް ވެސް ރަނގަޅެވެ.

މެކްޑޮނަލްޑް ރެސްޓޯރަންޓް ތަކުގެ ހުރިހާ މުދަލެއް ރަޝިއާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑްގެ ބެލުމުގެ ދަށުން ވިއްކާލާފައިވަނީ ބިލިއަނަރު އެލެގްޒެންދަރު ގޯވަރު އަށެވެ.

ފްކުސްނޯ އެން ތޮޗްކާގެ މެނޭޖްމަންޓުން ބުނާ ގޮތުން ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރަޝިއާގައި މެކްޑޮނަލްޑުން ހިދުމަތް ދިން ހުރިހާ ރެސްޓޯރަންޓެއް ހުޅުވާނެ އެވެ. އަދި އެ ރެސްޓޯރަންޓް ތަކުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނަށް ވަޒީފާ ލިބޭނެ އެވެ.

އާ ރެސްޓޯރަންޓް ތަކުގެ މެނޫތައް، މެކްޑޮނަލްޑާ އެއްގޮތް ނަމަވެސް ނަންތައް ވަނީ ބަދަލުކޮށްފަ އެވެ. އެހެންކަމުން އެއީ މުޅިން ރަޝިއާގެ ބްރޭންޑެއް ގޮތުގައި މާކެޓް ކުރެވޭނެ ކަމަށް މެނޭޖްމަންޓުން ބުނެ އެވެ.