ސަރުކާރު ކުންފުނިތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ 71 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.
ސަރުކާރު ކުންފުނިތައް އިވޭލުއޭޓްކޮށް ބަލަހައްޓާ ޕީސީބީއިން ނެރެފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ހަތަރުވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ޖުމްލަ 10.91 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާނަމަ 71 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި ކުރިއެރުން ލިބުނުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އަށްފަހު އިގްތިސޯދީ ގޮތުން ހުޅުވިގެން ގޮސް އިކޮނޮމީ ހިނގައިގަތުން ކަމަށް ޕީސީބީ އިން ބުނެފައިވެ އެވެ.
ސަރުކާރު ކުންފުނިތަކަށް މި ކުއާޓަރުގައި ދެ ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މި ކުރިއެރުމަކީ ކޮވިޑުގައި 2020 ވަނަ އަހަރު ކުންފުނިތަކަށް ލިބުނު 210 މިލިއަން ރުފިޔާއާ އަޅާ ކިޔާނަމަ 900 ޕަސެންޓުގެ އިތުރުވުމެކެވެ.
ޕީސީބީ އިން ވަނީ ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން އާމްދަނީގެ ގޮތުން އެންމެ ރަނގަޅު ޕާފޯމަންސްއެއް ހޯދި ކުންފުނިތައް ވެސް ހާމަކޮށްފަ އެވެ.
އާމްދަނީގެ ކުރިއެރުން ހޯދި ކުންފުނިތައް
- ބީއެމްއެލް
- އެމްއޭސީއެލް
- ދިރާގު
- އެޗްޑީސީ
- އެމްޑަބްލިއުއެސްސީ
- އެސްޓީއޯ
ޕީސީބީ އިން ބުނެފައިވާ ގޮތުން އާމްދަނީ އިތުރުވުމުގެ އިތުރުން މި ކުންފުނިތަކުން ވަނީ ހަރަދު ބެލެހެއްޓުމާއި ސާފު ފައިދާ ވެސް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އަށެވެ. އެ ކުންފުނިން 1.42 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވެ އެވެ.
ބައެއް ކުންފުނިތަކުން ފައިދާ ލިބުނު ނަމަވެސް ޕީސީބީއިން ފާހަގަކޮށްފައިވާ ގޮތުން ގިނަ ކުންފުނިތަކަކަށް ދަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެސް ވަމުންނެވެ. މި ކުންފުނިތަކުގެ ގެއްލުމުގެ މިންވަރު 233 މިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންވެ މި ކުންފުނިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.