ޕީސީބީ

މިފްކޯއަށް ޝަރުތު ހަމަވާ ސީއީއޯއަކު ނެތް، އިއުލާނު ބާތިލު

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ޕީސީބީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ކުރި އިއުލާނު ބާތިލުކުރީ ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.

މި އިއުލާނު ބާތިލުކޮށްފައިވާއިރު މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝަކޫރު ހިމެނިވަޑައިގަންނަވަ އެވެ.

އާތިފް އަކީ މިފްކޯއާއި އެމްޓީސީސީގެ އެންމެ އިސް މަގާމުތަކުގައި ހުންނަވައިގެން އެ ކުންފުނިތައް މީގެކުރިންވެސް ހިންގުމުގައި އުޅުއްވި ބޭފުޅެކެވެ. އާތިފް ވަނީ ދިރާގުގެ ޗެއާމަންގެ މަގާމުވެސް ކުރިން ފުރުއްވާފަ އެވެ.

އާތިފް އަކީ މަސްވެރިކަމުގެ ސިނާއަތު ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި ރާއްޖޭގެ އިގްތިސާދު ދިރާސާކުރަމުންދާ ތަޖުރިބާކާރުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.