އަހުމަދު އުޝާމް

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭންނުޖެހޭ ގޮތް ހަދަން ހުށައަޅައިފި

ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އުޝާމް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ގިނަ މާއްދާތަކެއް އުނިކުރަން ހުށައަޅުއްވާފައެވެ. އެ ގޮތުން އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތާއި ގުޅޭ ހުރިހާ އަކުރެއް އުނިކުރަން ވަނީ ހުށައަޅާފައެވެ. އެ ގޮތުން އެ މާއްދާގެ ހ އިން ފެށިގެން ޅ އަށް ވާ ހުރިހާ ބައިތަކެއް އުނިކުރަން ހުށައަޅާފައިވެއެވެ.

އުޝާމްގެ ހުށައެޅުއްވުމުގައި ވަނީ އުނިކުރާ މާއްދާތަކާއި ގުޅިގެން ގާނޫނުގެ މާއްދާތަކުގެ ނަންބަރު އަލުން ތަރުތީބުކޮށް ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން ގާނޫނުން ގެންނަ އިސްލާހުތަކާއި ގުޅިގެން ބަދަލު ކުރުމަށް ހުށައަޅުއްވާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމާއި ގުޅޭ ގާނޫނުގެ 19 ވަނަ މާއްދާ ކަމަށްވާ ގެ ނުވަވަނަ ނަންބަރާއި ޕާޓީގެ މުހިންމު ތަފްސީލުތައް ތަފްސީލުތަކަށް އަންނަ ބަދަލު އެންގުން ހިމެނޭ 25 ވަނަ މާއްދާގެ ނ އުނިކުރުމަށާއި އެ މާއްދާގެ ރ އަދި ޕާޓީގެ މެންބަރުންގެ ރަޖިސްޓްރީ ބަޔާންކުރާ 28 ވަނަ މާއްދާގެ ހ އާއި ށ އަދި ނ އުނިކުރަންވެސް ހުށައަޅުއްވާފައެވެ. އަދި ސިޔާސީ ޕާޓީއެއް އުވާލުން ބަޔާންކުރާ 30 ވަނަ މާއްދާގެ އެއްވަނަ ނަންބަރު އުނިކުރުމަށާއި ފައިސާ އާއި ތަކެތި ހޯދާ ފަރާތްތައް ބަޔާންކުރާ 34 ވަނަ މާއްދާގެ ދެ ވަނަ ނަންބަރު އުނިކުރަންވެސް ވަނީ ހުށައަޅާއެވެ.

އުޝާމްގެ މި އިސްލާހުތަކާއި ގުޅޭގޮތުން އެމްއެންޕީން މިއަދު ބުނީ މި ބިލް ހުށަހަޅާފައިވަނީ ގާނޫނުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ކަމަކަށް ނުވުމުގެ އިތުރުން ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަކީ ހަމަޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމުގެ ބަދަލުގައި މިކަމަކީ ޑިމޮކްރެޓިކް އެހެނިހެން ގައުމުތަކުގައިވެސް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަމެއް ކަމަށް ވާތީ އެކަންކަމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ.

"މި ގާނޫނަށް ހުށަހަޅާފައި މިވާ އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުތައް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބެލެހެއްޓި ދައުލަތުގެ ބަޖެޓަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މި ޕާޓީން ދެކެމެވެ،"

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9.4 މިލިއަން އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.