އިބްރާހިމް ރިއްފަތު

ކުރީ ސަރުކާރުން ވަކިކުރި 19 މީހަކަށް ހަ މިލިއަން ރުފިޔާ

Jun 14, 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6.8 މިލިއަން ރުފިޔާ މިސަރުކާރުން ދީފައިވާ ކަމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބް މިހެން ވިދާޅުވީ ދައުލަތުން ބަދަލު ދިނުމުގައި އަމަލުކުރަމުންދާ އުސޫލުތައް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހިފައިވާ މީހުން އެ މައްސަލަތައް ހުށަހެޅުމަށް ހާއްސަ ސެޓްލްމަންޓް ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ. އަދި އެ މައްސަލަތަކުގައި އިންސާފުވެރިކަމާ އެކު ގޮތްތަކެއް ނިންމަވައިދެއްވުމަށް ރައީސް ސޯލިހް ވަނީ ކަމާ ގުޅޭ ފަރާތްތަކަށް އަންގަވާފަ އެވެ.

ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ބަންޑާރަނައިބް ވިދާޅުވީ 37 މައްސަލަ ކޮމިޓީ އަށް ހުށަހެޅި ކަމަށެވެ. އޭގެތެރޭގައި އެންމެ ގިނައީ ނުހައްގުން ވަޒީފާ އިން ވަކިކޮށްގެން ބަދަލު ހޯދަން ހުށަހަޅާފައި ހުރި މައްސަލަތައް ކަމަށާއި އެފަދަ މައްސަލަތަކުގައި މިހާތަނަށް 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށެވެ.

ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަދަލު ދޭން ނިންމި ހަމައެކަނި މައްސަލަ އަކީ ނޫމަޑި މައްސަލަ ކަމުގައިވެސް ބަންޑާރައިބް ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރުމުން ބަދަލުދީފައިވާ މައްސަލަތައް:

  • ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ދެ ބޭފުޅަކު ވަކިކުރި މައްސަލަ
  • ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި ބޭފުޅެއްގެ މައްސަލަ
  • ފުލުހުންގެ ވަޒީފާއިން ވަކިކުރި ހަތް މީހެއްގެ މައްސަލަ
  • އެމްއެންޑީއެފްއިން ވަކިކުރި ތިން މީހެއްގެ މައްސަލަ
  • ކާޑެއްދޫ އެއާޕޯޓުން ވަކިކުރި ފަސް މީހެއްގެ މައްސަލަ
  • ކަރެކްޝަންސްގެ ވަޒީފާއިން ވަކިކުރި މީހެއްގެ މައްސަލަ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ހާޒިރުވި ކޮމިޓީ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ މައްސަލަތަކުގައި ބަދަލު ދީފައިވާނީ ކޯޓަށް ހުށަހެޅުމުން ކަމަށެވެ. ބައެއް މައްސަލަތަކުގައި ބަދަލު ދީފައިވަނީ ކޯޓުން ބަދަލު ދޭން ހުކުމް ކުރުމުން ކަމަށް ފާހަގަކުރައްވާ ރިފްއަތު ވިދާޅުވީ ބައެއް މައްސަލަތައް ޝަރުއީ މަރުހަލާ އިން ނިމޭ ގޮތަކުން ދައުލަތަށް ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ފެންނާތީ އެފަދަ ބައެއް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށްގެން ވެސް ބަދަލު ދީފައި ހުންނާނެ ކަމަށެވެ.

ބަންޑާރަނައިބް އިތުރަށް ވިދާޅުވީ ދައުލަތުން އެއްވެސް ފަރާތަކަށް ބަދަލު ދޭން ޖެހެނީ ދައުލަތުގެ އިދާރާ އަކުން ގޯސް ހެދުމުން ނުވަތަ އިހްމާލުވުމުން ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި އިދާރީ ފިޔަވަޅު އެޅުމަށާއި އަދި ޖިނާއީ ތަހުގީގު ހިންގަން ޖެހޭ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އިދާރާތަކަށް އަންގަވާފައިވާނެ ކަމުގައިވެސް ވިދާޅވި އެވެ. އަދި އިހްމާލުވެ، ގޯސް ހަދާފައިވާ ބައެއް ބޭފުޅުންނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލަތައް ވެސް ކޯޓުތަކުގައި ހިނގަމުންދާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.