އެމްޑީޕީ

ވިޕްލައިނާ ހިލާފުވި ފަސް މެންބަރަކަށް ފިޔަވަޅު އަޅައިފި

Jun 14, 2022

ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ފަސް މެންބަރަކަށް މިއަދު ފިޔަވަޅު އަޅައިފި އެވެ.

ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާފައިވާ ކަން އެމްޑީޕީން ވަނީ ޔަގީންކޮށްދީފަ އެވެ. މެންބަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިއީ 19 ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވިޕްލައިނާ ހިލާފުވެގެން ފިޔަަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ފިޔަވަޅު އަޅާފައިވާ މެންބަރުން:

  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  • ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
  • ތިނަދޫ ދެކުނު އަބްދުﷲ ސަނީފް
  • ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު

އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެ އެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެ އެވެ. ހަތަރުވަނަ ފަހަރު ފިޔަވަޅު އަޅާއިރު ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ފަސް ވަނަ ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ޖޭއެސްސީން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ހަމީދު ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި އަބްދުﷲ ރައޫފް ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުން ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މަގާމުން ވަކިކުރަން ޖޭއެސްސީ މައްސަލަ މަޖިލީހަށް ފޮނުވާ، ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށްފައި ވަނިކޮށް ރައޫފް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާފަ އެވެ. ނަމަވެސް ކޮމިޓީގެ ތުހުމަތު ޖޭއެސްސީން ދޮގުކުރެ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ހައިކޯޓުގެ ފަނޑިޔާރު ކަމުން ހަމީދު ވަކިކުރުމަށް ވޯޓު ދެއްވެވީ ވެސް ޖޭއެސްސީގެ ނިންމުން ގޯސްކަމަށް ކޮމިޓީން ނިންމުމުން ކަމަށް އެނގިފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައން ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އަގުލަބިއްޔަތުން އިއްޔެ ނިންމުމާ ގުޅިގެން ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުންތަކެއް އުފެދިފަ އެވެ.

ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޕީޖީ ގުރޫޕުން ގޮތް ނިންމީ އެ މައްސަލައިގައި ފުޅާދާއިރާއެއްގައި ކުރަންޖެހޭ މަޝްވަރާތައް ނުކޮށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ނުކޮށް ގޮތް ނިންމާ މައްސަލަތަކުގައި ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވާނެ މެންބަރުންގެ ލިސްޓެއް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެކުލަވާލައްވާފަ އެވެ. އެ ލިސްޓްގައި ރައީސް ނަޝީދާ އެކު 19 މެންބަރުން ހިމެނެ އެވެ. މައިގަނޑު ގޮތެއްގައި ލިސްޓްގައި ތިއްބެވީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ.