ވާހަކަ

އިޙްސާސްވޭ

( 14 ޖޫން 2022 އާ ގުޅޭ )

ލިފްޓު ހުއްޓުމަކަށް އައިސް ދޮރު ކެހިގެން ދިޔައެވެ. މާޔަލް މޭގައި އަތްޖައްސާލިއެވެ. ހަމަޖެހޭށޭ ހިތްކައިރީ އޭނާ ބުނާ ކަހަލައެވެ. ދެން އަތްތިލަ ތިރިކޮށްލުމާއެކު ލިފްޓުން ނުކުތެވެ. އިމާރާތުގައި އުޅޭ މީހުންގެ އުޅަނދުތައް ޕާކުކުރާ ބަޔަށް ވައްދާފައި އޮތް ކަޅުކުލައިގެ ކާރު ފެންނުނުއިރު މާޔަލްއަށް އޭގައި ލެނގިލައިގެން ހުރި އައިތަން ވެސް ފެނިއްޖެއެވެ.

* * * * *

"ހިނގާ އަހަންނާއެކު." ނަދީމު ބުންޏެވެ.

"ރަށުގަ ކޯއްޗެއް އޮވެގެން އެތަނަށްދާންވީ. ވަޒީފާއާއި ހުރިހާ ކަމެއް އޮތްތަނަކީ މީ. ތިއުޅެނީ އަހަރެންގެ މީހުންނާ ދުރުކޮށް ނުލެވިގެން. އޭރުންނު ނަދީމު ބޭނުންގޮތެއް ހެދޭނީ." އިރުފާ ހުރީ ހިތްހަމަނުޖެހިފައެވެ.

"އަހަރެންގެ މަންމަމެން ދެ ނޭވާ ދޭތެރޭ ނުކިޔާ އިރުފާއާ އިނުން އެއީ އަހަރެން ހެދި އެންމެ ބޮޑު ގޯހޭ. ދިރިއުޅުން ކުރިޔަށް ނުގޮސްގެން އުޅެނީ އެހެންވެއޭ. އިނދެގެން ތިބިއްޔާ ދުވަހެއް ދުވަހަކަށް ދިރިއުޅުން ދާނީ ދަށަށޭ... އެކަން އިރުފާއަށް ފެންނާނެއޭ... ނޫންތަ! އަހަރެމެން މެރީ ކުރީމަ އެމީހުން އުފަލާއެކު އިރުފާ ބަލައިގަތީ. ޢާއިލާގަ ތިބި އަންހެންކުދީންނާ އިރުފާއާ އެމީހުން ތަފާތެއް ނުކުރޭ. އަޅާކިޔައެއް ނުހަދާ... މަންމަމެން އެއްޗެއް ދެންޏާ ހުރިހާ ކުދީންނަށް ވެސް ހަމަހަމަކޮށް ދެނީ. އަހަރެން އިރުފާއާ އިނީ އޮޅުވާލައިގެންނެއްނޫން... އަހަންނަކީ ކޮންފެންވަރެއްގެ ކިހިނެއް އުޅެމުން އައި މީހެއްކަން އިރުފާއަށް އެނގޭނެ. ހަމަތެދެއް މިބުނީ... މިހެންނެއް ދެން ނޫޅެވޭނެ. މިގޭގަ އުޅޭކަށް އަހަރެން ބޭނުމެއްނޫން. ގެއަށް ވަދެއްޖެނަމަ އަހަރެންގެ ނޭވާ ހާސްވޭ. ބޮލުގަ ރިއްސާވަރުން ނާށިގަނޑު ވެސް ފަޅައިގެން ހިނގައިދާނެ ހީވޭ. އިރުފާ ނިކަން ވިސްނާލާފައި ބުނެބަލަ... އަހަރެމެން ދެ މީހުން ޒުވާބަކަށްނުވާހެން ވާހަކަދެއްކީ ކޮންއިރަކު. ލޯބިން އެކަކުއަނެކަކަށް ބަލާލި ދުވަހެއް ހަނދާންވޭތަ؟. ދެމަފިރިންގެ ގޮތުގައި މިއުޅެނީ ނަމެއްގައެއްނޫންތަ. ކުޑަމިނުން އަހަރެން ކައިރިވީމަ އިރުފާއަށް އުނދަގޫވޭ." ނަދީމު ބުންޏެވެ.

"ދެން ތިބުނަނީ ހުރިހާ ވެސް މައްސަލައަކީ މަށާ މަގޭ މަންމައޭތަ." އިރުފާގެ އަޑު ބާރުވެލިއެވެ.

"ތި ސުވާލު ތިކުރަނީ ޖަވާބު ނޭނގޭތީތަ؟. ދެން ހެޔޮ... އަހަރެން ވަރުބަލިވެއްޖެ. މި ދިރިއުޅުންދެކެ ވެސް ފޫހިވެއްޖެ. އެންމެ ރަނގަޅުވާނީ ދެމީހުން ވަކިވިއްޔާ. އޭރުން އިރުފާ މަންމަ ބުނާ މީހަކާ އިނދެވޭނެ. އަނެއްކޮޅުން އިރުފާގެ މަންމަ ބުނާ ހަމަޖެހޭ ދިރިއުޅުން ވެސް ލިބިދާނެ." ފައިގަ ދެ އުޅަންބޮށިކޮޅު ވިއްދާލައިގެން އިނދެ އަތްތިލައިގެ ތެރޭ ނަދީމު މޫނު ފޮރުވާލިއެވެ. އޭނާ ހާމައެކުރީ ނުބުނާންވެގެން ވަރަށް ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކައެކެވެ. އެކަމަކު ދެން އެންމެ ހިނދުކޮޅަކަށް ވެސް އޭނާއަށް ކެތެއްނުކުރެވޭނެއެވެ. އޭނާގެ ސިއްޙަތަށް ވެސް ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ. ރޭގަނޑު ރަނގަޅަށް ނުނިދެއެވެ. ހުވަފެނުގައި ބިރުވެރި ސިފަތަކުގައި އިރުފާ ފެންނަނީއެވެ. އެކަމަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ފިކުރުތައް އިންތިހާއަށް ދިޔައީމާ ހިތުގައި އުފެދެމުން އަންނަ ފޫހިކަމުގެ ސަބަބުން އެފަދަ ހުވަފެންތައް ފެންނަނީއޭ އޭނާއަށް ހީވަނީއެވެ. އެނޫނަސް އޭނާއަށް އިޙްސާސް ކުރެވެނީ އަބަދު މީހަކު ހުރެގެން އޭނާގެ ގާތުގައި އިރުފާއާއެކު ނޫޅެވޭނެއޭ ކިޔާ ހެންނެވެ.

ލިއުޝާއާއެކު ބަދިގޭގައި އުޅުނު މައިރާއަށް ވެސް އިރުފާގެ ދެމަފިރިންގެ ޒުވާބުގެ އަޑު އިވެއެވެ. އެ އަޑުތަކަށް އެމީހުންގެ ކަންފަތް ހޭނިފައިވާ ކަހަލައެވެ. އިވޭ އަޑުތަކާމެދު އެކަކުވެސް ސުވާލެއް ނުކުރެއެވެ. ކޮޓަރިން އިނާޔާ ނުކުތެވެ.

"މިއަދުވެސް ފެށުނީ ދޯ. މިހާރުދެން ވަރިވާންވެއްޖެއެއްނު." އިނާޔާއަށް އިރުފާގެ ކޮޓަރިން ޒުވާބު ކުރާ އަޑު އިވި ބުންޏެވެ. އޭނާގެ އަޑު ވެސް އެހާ ބާރެވެ. ނުވީތާކަށް އިނާޔާ އެހެންބުނީ އިރުފާމެންގެ ކޮޓަރި ކައިރީ ހުރެއެވެ. އިނާޔާ ގަސްދުގައި އެ ދެމަފިރިންގެ ދެމެދުގައި ހުޅުރޯކުރަނީކަން މައިރާ ދެނެގަތެވެ.

"ކޮންކަހަލަގެ މަންމައެއްތަ؟" މައިރާގެ ހިތާ ސުވާލުކޮށްލެވުނެވެ.

ދަރީންގެ ދިރިއުޅުމުން ހަމަޖެހުން ނަގާލައި އެމީހުންގެ ކައިވެނި ރޫޅާލާން މަސައްކަތް ކުރާތީ މިފެންނަނީ މައިމީހާއެވެ. އިނާޔާ ދަރީން ބޮޑެތިކުރީ އޭނާގެ ފައިދާއަށެވެ. އޭނާގެ ދިރިއުޅުން ފަސޭހަވެ ތަނަވަސްކުރުމަށެވެ. ވަޒީފާއަށް ނުކުންނަން ފެށުމުން ހުރިހާ ދަރީންގެ މުސާރަ އެކީ އިނާޔާގެ އަތަށް ދޭން ޖެހެއެވެ. ނަމަވެސް އޭނާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެކަން ފެންނަނީ އަދިކިރިޔާއެވެ. މިހާ ދުވަހު އުޅެމުން އައީ މާލެއިން އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. އެތަނުގައި ބިތްޖަހައި ދެ ކޮޓަރިއަށް ބައިކޮށްގެންނެވެ. ތިން އަންހެން ދަރީންނާއި ދެ ފިރިހެން ދަރީން އެއްބައިގަ ނިދާއިރު އަނެއްބައިގަ ނިދަނީ އިނާޔާއެވެ. އެ ކުޑަ ތަންކޮޅުގައި އިނާޔާގެ ޢާއިލާގެ އިތުރުން ރަށުން ތިމާގެ މީހުން އައިސް ނުތިބޭ އިރެއް ނުދާނެއެވެ. އެމީހުން ވެސް ނިދަނީ ދަރީން ނިދާބައިގަ ތަޅުންމަތީ އަތުރާފައި ހުންނަ ގޮދަޑިތަކުގައެވެ. ދޮށީ ފިރިހެން ދަރިފުޅު ކައިވެންޏަށްފަހު އެނބުރި ރިސޯޓު ވަޒީފާއަށް ފުރައިގެން ދިޔައީ މަންމަގެ ކައިރީ އަނބިމީހާ ބަހައްޓާފައެވެ. އެއާއެކު އިނާޔާ ޅީދަރިފުޅު ނިދަން ބޭއްވީ ތަޅުންމަތީ އަޅާފައި ހުރި ގޮދަޑިތަކުން ޖާގައެއް ހަދާފައެވެ. އެ ގޮދަޑިތަކުގައި ނިދަން ތިބެނީ ފިރިހެނުންކަން ވެސް އޭނާ ވިސްނާ ނުލިއެވެ. އިނާޔާގެ ދުލުން ޅީދަރިފުޅު ފިއްސާނުލާ އިންނަނީ ލިއުޝާއަކީ މަޑުމައިތިރި ބަސްމަދު މަސައްކަތް ދަންނަ މުރާލި އަންހެންކުއްޖަކަށްވީމައެވެ. އެހެންވިޔަސް ފިރިމީހާއަށް ޓަކައި ޢާއިލާގެ މަސްލަހަތު ގެއްލުވާނުލާން ލިއުޝާއަށް ކެތްކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ. އޭނާ އެ ޢާއިލާއަށް އައީއްސުރެ އިނާޔާގެ ނޯކަރަކަށްވަނީ ވެފައެވެ.

"މައި... ނުނިމޭތަ؟." ކޮޓަރީގެ ދޮރުމައްޗަށް ނުކުމެލި ރަޒާ އަހާލިއެވެ.

"މިނިމުނީ." ދެއަތް ފުހެލަމުން ސިންކުގެ ކައިރިން ދުރަށް ހިނގައިގަންނަމުން މައިރާ ނިކަން އަވަހަށް ބުންޏެވެ.

އެވަގުތު އެންމެންގެ ހަރަކާތް ހުއްޓުމަކަށް އައީ ކުއްލިއަކަށް ފޮށި ހިފައިގެން ކޮޓަރިން ނުކުތް ނަދީމު ފެނިފައެވެ. ހާސްކަމުގެ އަސަރުން މޫނުތައް މިލައިގެން ދިޔައިރު އެތަނުގައި ހަމަޖެހިފައި ހުރީ އިނާޔާ އެކަންޏެވެ. ވާން މިއުޅެނީ ކިހިނެއްކަން ލަފާކުރާން އެނގޭއިރު ވެސް އޭނާ ކަންބޮޑެއް ނުވިއެވެ.

"ނުކުމެގެން ދަނީތަ؟." އިނާޔާ އެއްސެވެ.

"އިރުފާ..." ފަސްއެނބުރި ކޮޓަރިއަށް ބަލާލަމުން ނަދީމު ގޮވާލިއެވެ. އޭނާއާއެކު ހިނގާށޭ ބުނެ އަނބިމީހާގެ ގާތުގައި ނަދީމު އާދޭސްކޮށްފިއެވެ. އެގޭގައި ހުރެގެން އެ ދެމަފިރިންނަށް ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނެއޭ އޭނާގެ ޟަމީރު ބުނާވަރުންނެވެ. އޭނާ އިރުފާއަށް އެ ގޮވާލީ އެންމެ ފަހު ފަހަރަށް އަނބިމީހާގެ ޚިޔާލު ބަދަލުވެގެން އާދޭތޯއެވެ. ނަމަވެސް ކޮޓަރި ތެރޭ ދޮރާ ދިމާއަށް ފުރަގަސް ދީގެން އިރުފާ ހުރީއެވެ. ފިރިމީހާ ދަނީކަން އެނގޭއިރު އިރުފާގެ ހިތަށް އަސަރު ކުރެއެވެ. ނަމަވެސް އެއްވެސް އިޙްސާސެއް އޭނާގެ ދުލުން ނުބުނެވޭތާ އަސަރަކުން ވެސް ފާޅެއް ނުކުރެވެއެވެ. ފިރިމީހާ ގާތުގައި ނެތް ވަގުތުތަކުގައި ދެމަފިރިންގެ ދެމެދުގައި ކަންތައްވަމުން އަންނަ ގޮތާމެދު ނުހަނު ބޮޑަށް އިރުފާއަށް ވިސްނާ ފިކުރު ކުރެވެއެވެ. އަދި ނަދީމު ގެއަށް އައުމުން ލޯތްބާއި އޯގާތެރިކަމާއެކު ފިރިމީހާއާ ކުރިމަތިލާން ވެސް ބޭނުންވެއެވެ. އެހެންވިޔަސް ނަދީމު ފެންނައިރަށް ހުރިހާކަމެއް ބަދަލުވަނީއެވެ. އިރުފާގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތް ކަހަލައެވެ.

"ވަރިކުރާން ނުކެރުނީތަ؟. ކޯޓަށް ދައްކާނެ ލާރިނެތީ ދޯ. ކަލޭ ނެތުމަކުން އިރުފާއަށް ދައްޗެއްނުވާނެ. އަހަރެމެން އެބަތިބީމޭ... ފައިސާ ވެސް ދީފާނަން. މިގެއިން ނުކުންނަން ޖެހޭނީ އިރުފާ ދޫކޮށްލާފައި. އެނބުރި ކަލޭ މިގެއަށް އަންނާކަށް އަހަރެން ޤަބޫލެއްނޫން." ބަލަބަލާ ހުރި ފުރުޞަތު ފަހިވީ ހިނދުން އިނާޔާ ފަހަތަކަށް ނުޖެހުނެވެ.

"ތިކަން ވެސް ކޮށްފާނަމޭ... އެހެރީ ވަރިކޮށްފަ." ދެ ބުމަ ގޮށްޖަހާލައިގެން ހުރެ ނަދީމު ބުންޏެވެ. ހަގީގަތުގައި ވެސް ނަދީމަށް މިވަގުތު ރުޅި ކޮންޓްރޯލުވީއެވެ. އެވަގުތު އޭނާގެ ނަމުން ރަޒާ ގޮވާލި އަޑު އިވުނެވެ. ނަދީމު އަޅައެއް ނުލިއެވެ. ފޮށި ދަމަމުން އޭނާ އެގެއިން ނުކުތީ އެނބުރި އެ ޢާއިލާގެ ތެރެއަށް އަންނަން ދުވަހަކުވެސް ބޭނުންނުވެ ހުރެއެވެ.

* * * * *

ކާރުގައި ކުރެވުނު ދަތުރު މާބޮޑަށް ދިގުވެއްޖެހެން މާޔަލްއަށް ހީވިއެވެ. ވެރިވެފައި އޮތް ހިމޭންކަމެއްގެ ސަބަބުންނެވެ. ހުޅުމާލެއިން މާލެއާ ދިމާއަށް ދުއްވަމުން އައިސް ބުރިޖުގެ ވަކި ހިސާބަކުން ކުއްލިއަކަށް މާޔަލްއާ ދިމާއަށް އައިތަން ބަލާލިއެވެ. އެކަން ފާހަގަވެ މާޔަލްއަށް ނިތް އަރުވާލެވުނީ ވީކީއްތޯ އަހާލާ ފަދައިންނެވެ. އައިތަންގެ ނަޒަރު ދުއްވަމުން ދިޔަ ލޭން ނޫން އަނެއްފަޅިއަށް ދަތުރުކޮށްލިއެވެ. ދެން އަނެއްކާވެސް މާޔަލްއަށް ބަލާލިއެވެ. އެ މޫނުގައިވި ހައިރާންކަމާއި ގުޅިފައިވާ ސުވާލުގެ ނަޒަރަށް ބަދަލެއް ނައެވެ. މަޑުމަޑުން ދެ ފަރާތަށް އައިތަން ބޯހޫރުވާލީ ކަމެއްނުވެއޭ ބުނާށެވެ. އެ ކުޑަ ހަރަކާތްތަކަށްފަހު އަނެއްކާވެސް އެ ދެމެދުގައި އޮތް ހިމޭންކަން އިހުނަށްވުރެ ފުންވިހެން ހީވިއެވެ.

އުސްފާރާއި ދަގަނޑު ބޮޑު ގޭޓުގެ ތެރޭ ފޮރުވިގެން ހުރި މެހެލްއެއް ފަދަ ފުރިހަމަ އިމާރާތް މާޔަލްއަށް ފެނުނެވެ. ކާރުގެ ދުވެލި މަޑުވަމުން އައިސް ހުއްޓުނެވެ. އައިތަން ކާރުން ފައިބަމުން މަޑުކުރާށޭ ބުނެލުމުން ހައިރާންކަން މާޔަލްއަށް ލިބުނެވެ. މާލެއިން އާންމުކޮށް ފޮށިގަނޑު ފަރުމާއަށް ހަދާފައި ހުންނަ އިމާރާތްތަކާއި އެ ގެ މާބޮޑަށް ވެސް ތަފާތެވެ. އުސްކުރަމުން ގޮސް އުޑަށް އެރުމުގެ ވިސްނުމެއް އެ ގޭގައި ދިރިއުޅޭ މީހުންގެ ނެތްކަން ބުނެދެނީ ތިން ފަންގިފިލާއަކަށް އެ ގެ ނަގާފައި ހުރުމުންނެވެ. ކާރުން ފޭބި އައިތަން އައިސް މާޔަލް އިން ފަޅިން ކާރުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. އަޖައިބުވެފައިވާ ބެލުމަކުން މާޔަލް ބަލާލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވީ ބޭއިޚްތިޔާރުގައެވެ. މީހަކު އޭނާ ފޭބުމަށް ކާރުގެ ދޮރުފަތް ހުޅުވާލަދިން ފުރަތަމަ ފަހަރެވެ. އެފަދަ އިޚްތިރާމެއް ދޭއިރު އޭނާ މާޔަލްދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ވާނޭ ޚުދު މާޔަލްގެ ހިތް ބުންޏެވެ.

"މިހެން ދާނީ." ހިނގައިގަންނަމުން އައިތަން އަތުން އިޝާރާތްކޮށްލިއެވެ.

މައިގެއަށް ވަންނަން ހުރި ދޮރާ ދިމާއަށް ދިއުމުގެ ބަދަލުގައި މާޔަލް ގޮވައިގެން އައިތަން އައީ ބިއްދޮށަށް ދާން ހުރި ސަރައްކާލިންނެވެ. ބޮޑެތި ގަސްމުށިތަކުން ގޯތިތެރެ ފެންނަނީ ފެހިކޮށެވެ. ހިނގަން އޮތް ހުރިހާ ދިމާލެއްގައިވަނީ ބޮޑެތި ގާ ޖަހާފައެވެ.

"މީހުން ނޫޅޭ ވަގުތަކީތަ؟. ކޮންތާކަށް މިދަނީ؟." ގޭޓުން ކައިރިން ފޯރިމަރަން ހުރި ބިދޭސީއެއް ފެނުނުފަހުން އެގޭ ތެރެއިން އެއްވެސް މީހަކު ނުފެންނާތީ މާޔަލް އަހާލިއެވެ.

"ބިރުގަތީތަ؟. ގޮތެއް ހަދަން މިތަނަށް ގެނައީއޭ ހީވަނީ ދޯ." އައިތަންގެ އަޑުގައި ހަރުކަށިކަން ވިޔަސް މާޔަލްއަށް އެ ދެ ލޮލުން ފެނުނީ ސަމާސާއެއްގެ އަސަރެވެ.

އިތުރު ވާހަކައެއް މާޔަލް ނުދެއްކިއެވެ. ލޮލަށް މަންޒަރު ފެނުމުގެ ކުރީން މާޔަލްގެ ކަންފަތުގައި ފެންއޮހޭ އަޑު ޖެހުނެވެ. މަސްފެންގަނޑު ފެނުނީ އޭގެ ފަހުންނެވެ. އަދި އެ ތަނުގައި ހުރި ދަގަނޑު ގޮނޑީގައި އިން އައިރިކް ފެނުމުން މާޔަލްގެ ފިޔަވަޅު މަޑުޖެހިލިއެވެ. އައިތަން ވެސް ހުއްޓުނީ އެހިނދުއެވެ.

"އޭނދީ އައިތަންގެ ބޭބެއެއްނު. އޭނާގެ ކައިރިއަށްތަ މިއައީ؟." މާޔަލް ސުވާލު އުފެދުނެވެ.

"އޭނާއަށް ކަމެއްވެފައި އިންހެން ހީވޭތަ؟." އައިތަންގެ ނަޒަރު އައިރިކްއަށް ހުއްޓާލައިގެން ހުރެ މާޔަލް ކައިރިން އެއްސެވެ. އެއާއެކު ފަރުވާތެރި ބެލުމަކުން އައިރިކްއަށް މާޔަލް ބަލާލިއެވެ. ގޮނޑީގެ ލެނގޭ ބައިގަ އަތް އަޅުވާލައިގެން އެ އަތުގައި ބޯ އަޅައިގެން އައިރިކް އިނީ ކަމަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. އޭނާ އެއްވެސް ހަރަކާތެއް ވެސް ނުކުރެއެވެ. އެސްފިޔަ ނުޖަހާނަމަ އޭނާއެކޭ އެތަނުގައި ބައިންދާފައި އިން ހިލައިގެ ބުދެކޭ ތަފާތެއް ނުވާނެއެވެ.

ފިޔަވަޅުގެ އަޑު ކައިރިވާން ފެށުމާއެކު އައިރިކް ބޯ ނަގައިފިއެވެ. އެ އަޑަށް ސަމާލުކަން ދޭ ފަދައިން އެ ދިމާއަށް ކުޑަކޮށް މޫނު އަނބުރާލިއެވެ. ފިޔަވަޅު ހުއްޓުމަކަށް އައިސް ހިމޭންކަން ވެރިވެއްޖެއެވެ. އެހެންވިޔަސް ދެ މީހަކު އައިރިކްއަށް ބަލަން ހުރިކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ. ހިތްއަވަސްވަމުން އެއީ ކޮންބައެއްކަން ނޭނގޭތީއެވެ. ގޭތެރެއިން މީހަކުނަމަ ވާހަކަނުދައްކާ ނުހުރީހެވެ. ޚާއްޞަކޮށް ގޭގެ ޚާދިމެއްނަމަ އޭނާއަށް ގޮވާލައި އެއީ ކާކުކަން ބުނާނެއެވެ.

"ކާކު... މަންމަތަ؟." އައިރިކް ތެދުވެ އެނބުރިލައިގެން ހުރީ ސީދާ އައިތަންއާއި މާޔަލް ތިބި ދިމާއަށެވެ.

މާޔަލްއަށް ލިބުނު ސިހުމުން އޭނާގެ ނޭވާ ތަށިވިފަދަ އަޑެއް އަނގައިން ނުކުތެވެ. ވާރޭ ތެރޭގައި އައިރިކްގެ ހަރަކާތްތައް ހުރިގޮތް ދެނެގަންނަން އޭރު ނޭނގުނީ ކީއްވެކަން މާޔަލްއަށް ވިސްނިއްޖެއެވެ. އައިރިކްގެ ލޮލަށް ނުފެންނަނީކަން މާޔަލްއަށް އެނގުނީ އަދިކިރިޔާއެވެ. އައިތަން އޭނާ އެތަނަށް އެ ގެނައީ އެކަން ބުނެދޭން ހެއްޔެވެ.

"އެ ދުވަހު... ސީރިއަސްކޮށް ވެސް ނޭނގޭ. އެ ދުވަހު ފެނިފަ ހިތަކަށް ނާރާ ލޮލަށް ނުފެނެޔޭ." މާޔަލް ސިއްރުން ބުނެލިއެވެ.

"ކޮންބައެއް؟." އަނެއްކާ ވެސް އައިރިކް ސުވާލުކުރިއެވެ. އޭނާ މަޑުމަޑުން އަންނަން ފެށިއެވެ.

"އަހަރެން." އައިތަން ނިކަން އަވަހަށް ބުންޏެވެ.

"އެއްޗެކޭ ބުނަން އަނގަ ނެތީތަ؟" ރުންކުރުކަމާއެކު އައިރިކް ބުނެލިއެވެ.

ސަރައްކާލިން މަސްފެންގަނޑު ކައިރިއަށް ފޭބެން ހުރި ހަރުފަތްތައް ކައިރިއަށް އައިރިކް އައުމާއެކު މާޔަލްއަށް ކުރިއަށް ފިޔަވަޅު އަޅާލެވުނެވެ. ލޮލަށް ނުފެންނަ މީހަކަށް ހަރުފަތްތަކުން އެރުން ފަސޭހައެއް ނުވާނޭ އޭނާއަށް ހީވާތީއެވެ. އެހީވާން ހަރަކާތްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އޭނާގެ އަތުގައި އައިތަން ހިފާލުމާއެކު ދުރަށް ޖައްސާލީ ނިކަން އަވަހަށެވެ.
ނޭފަތުގައި ޖެހުނު ވަހާއެކު އައިރިކްގެ ސަމާލުކަން އެ ވަސް އަތުލައިފިއެވެ. ފޮނިފޮނި މީރު އަންހެންވަންތައް ވަހެކެވެ. އައިތަންއާއެކު ހުރީ ރިއާއެއް ނޫންކަން ޔަގީނާ ގާތަށް އައިރިކްއަށް އެނގުނެވެ. އެކަމަކު އެއީ އަންހެންކުއްޖެއްކަން އައިރިންގެ ހިތް ބުނެއެވެ. ކުރީން އައިތަންއާއެކު ބައްދަލުވެފައިނުވާ އަންހެންކުއްޖެއްކަން ގައިމެވެ.

"ކާކާއެއްކޮށް ތިއައީ؟." ހަރުފަތްތަކުން އަރައި އައިތަންގެ ގާތުގައި ހުއްޓިލަމުން އައިރިކް ސުވާލުކުރިއެވެ.

"ފްރެންޑެއް." މާޔަލްއަށް ބަލާލަފައި އައިތަން ބުންޏެވެ. އައިރިކް މަޑުމަޑުން ފިޔަވަޅު އަޅާލީ މާޔަލް ހުރި ދިމާއަށެވެ. އޭނާ މާޔަލްގެ ގާތަށް ގެންދިޔައީ ނޭފަތުގައި ހަރުލާފައިވި ލުއިލުއި މީރުވަހެވެ. މާޔަލްއަށް ހިންދިރުވާލެވުނެވެ. އައިރިކްގެ އަތް ހިއްލާލީ މާޔަލްއާ ދިމާއަށެވެ. އޭނާއަށް މާޔަލްގެ ގައިގާ އަތްނުލެވެނީސް އައިތަން އެ ދެމެދަށް ވަދެއްޖެއެވެ.

"ދޮންބޭ..." އައިތަން ގޮވާލަމުން އައިރިކްގެ އަތުގައި ހިފެހެއްޓިއެވެ. ކުރެވެން އުޅުނީ ކީއްކަން އައިރިކްއަށް ރެއަކާލީ ދެނެވެ. އޭނާ އަވަސް އަވަހަށް ދުރަށް ޖެހިއްޖެއެވެ. ކޮޓަރި ހުންނަ ދިމާއަށް ހިނގައިގަތެވެ.

"އައިތަން..." ކުއްލިއަކަށް އައިރިކް ހުއްޓި ގޮވާލިއެވެ. ފަސްއެނބުރި އައިތަންމެންނާ ކުރިމަތިލިއެވެ.

"ތިކަހަލަ ރައްޓެހިން ގޮވައިގެން މިގެއަށް އައުމުގެ ބަދަލުގަ އަނބިމީހާ ކައިރިއަށް ގެއަށް ދާންވީނު." އައިރިކް ބުންޏެވެ. މާޔަލް އަވަސް ނަޒަރެއް އައިތަންއާ ބަދަލުކޮށްލެވުނެވެ. ބޭބެގެ އެ ޖުމްލައިން އައިތަން ރަކިވީކަން އެ މޫނުން ސާފުކޮށް މާޔަލް ދުށްޓެވެ. އޭނާ ކައިވެނި ކުރިފަހުން ބޭބެ އެ ހީކުރާ ފަދަ ގޮތަކަށް ނޫޅެއެވެ. ހިނިއާދެވުމުން އެ ހިނިގަނޑު މާޔަލް ހިންދާލީ ދެތުންފަތް ބައްދަމުންނެވެ. އައިތަން ދެބުމަ ކައިރިކޮށްލަމުން ލޯ ހަނިކޮށްލިއެވެ.

"ފެނިއްޖެތަ..." އައިތަން ބުންޏެވެ.

"ކާކު؟. ޔޫ ގެ ބޭބެތަ؟" މާޔަލް ބުންޏެވެ.

އަންނާށޭ ބުނެ އައިތަން ހިނގައިގަތެވެ. މާޔަލް ގޮވައިގެން އޭނާ ގޭގެ ދެވަނަ ފަންގިފިލާއަށް އަރަން އައެވެ. އުނދޯލި ކައިރީ ހަވީރަށް ބަހައްޓާ ސައިތަބަށް ހިފައިގެން ފޭބި ފަޒްނާއަށް އެ ދެ ޒުވާނުން ފެނި ހުއްޓެވުނެވެ.

"އައިތަން... މީ ކޮންކުއްޖެއް." އެހެންޏާ ނުފެންނަ އަންހެންކުއްޖަކު ގޮވައިގެން އައިތަން ގެއަށް އައުމުން ފަޒްނާ ސުވާލު އުފެދުނެވެ. ޝަބްނަމްއާއި އިސާކު ކޮޓަރީގައިވީ ވަގުތެއްގައި އައިތަން އެގެއަށް އަންހެންކުއްޖަކު ގޮވައިގެން އައުމުން ނުބައި ޚިޔާލުތައް ފަޒްނާގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ދެވަނަ ފަންގިފިލާގައި ހުންނަ އައިތަންގެ ކޮޓަރިއަށް ދަނީބާއޭ ފަޒްނާގެ ހިތަށް އެރިއެވެ.

"ރައްޓެހިކުއްޖެއް." އައިތަން މިހެން ބުނެ މާޔަލްއަށް އިޝާރާތްކުރީ މަޑުނުކޮށް އައުމަށެވެ.

"ވާއޮ!..." ދެވަނަ ފަންގިފިލާގައި ހުރި ބޮޑު އުނދޯލި ފެނި މާޔަލްއަށް ބުނެވުނެވެ. އެހެންވިޔަސް އައިތަން އިޝާރާތްކުރީ އެތަނުގައި ހުރި ސޯފާތަކަށެވެ. އުނދޯލި ހެއްލާ ހިތުން ހުރެ ވެސް އެކަން މާޔަލް ފާޅުނުކޮށް އައިސް ސޯފާގައި އިށީނެވެ.

"ދޮންބެއަކީ ކާކުކަން އެނގޭތަ؟." މާޔަލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނދެފައި އައިތަން ސުވާލުކުރިއެވެ.

"ކާކުތަ އެއީ؟. އައިތަން ސުވާލުކުރިޔަސް އަހަންނަށް ނޭނގޭ އެއްޗެއް ކިޔައެއް ނުދެވޭނެ. ޕްލީޒް... އެކްސިޑެންޓްގެ ވާހަކަ ދައްކާ. އަހަރެމެން ދެ މީހުންގެ މެދުގައި ކަމެއް ހިނގާފައިވާނަމަ އެކަން ވެސް ބުނެބަލަ. އަހަރެން މިއައީ އައިތަން ކިޔާދޭ އެއްޗެއް އަޑު އަހަން." ބޭކާރު ވާހަކަހެން އައިތަން ދައްކަނީ ހީވެ މާޔަލް ބުންޏެވެ.

"ފައިން... އައިލް ގެޓް ޓު ދި ޕޮއިންޓް. އައިރިކް... އައިރިކް އިސާކް. އެ ނަން މިވަގުތުން ފެށިގެން ނޯޓުކުރޭ. ހުރިހާކަމެއް ހަނދާންނެތުނަސް އެ ނަން ހަނދާންނައްތާލައިގެން ނުވާނެ. މާޔަލް ކުރިކަމެއްކުރީ އޭނާއަށް. އެއަށްފަހު އެއީ ނުވާކަމަކަށް ހަދައިގެން ތިހުންނަނީ. އެކަމުގެ ސަބަބުން މި ޢާއިލާ ތަޙައްމުލުކުރަމުން އަންނަ ހިތާމަ އެނގޭތަ؟. އުފަލުގައި އުޅޭ ހަމައެކަނި މީހަކީ ތީ. އަހަރެންގެ ދޮންބެ... އޭނާއަކީ ކުރީން އަހަރެމެން ފަދަ މީހެއް. އޭނާގެ ލޯ އަނދިރިކޮށްލި މީހަކީ... ތީ." އައިތަން ބުންޏެވެ. (ނުނިމޭ)