"ނަބިއްޔާގެ ދިފާއުގައި" މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކީރިތި ރަސޫލާ صلى الله عليه وسلم އާއި އިސްލާމް ދީނުގެ ދިފާއުގައި ވަރުގަދަ ތަގުރީރެއް ދެއްވައިފި އެވެ.
މިރޭގެ ޖަލްސާއަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރިކުރުން ކުށްވެރި ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އުންމަތުގެ ނަބިއްޔާގެ މަތިވެރިކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ވަރަށް ގިނަ މިސާލުތައް ދެއްކެވިއެވެ. އެގޮތުން ގިޔާމަތުގެ ބިރުވެރި ނާމާން ވަގުތުގައި އެކި އުންމަތްތަަކަށް ނިސްބަތްވީ މީހުން އެ އުންމަތަކަށް ހާއްސަ ނަބީބޭކަލެއްގެ އަރިހަށް އައިސް ޝަފާއަތްތެރިވުމަށް ދެންނެވުމުން މާތްﷲގެ ހަސްރަތުގައި އެކަމަށް އެދި ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާނެ ކަމަށާ ނަމަވެސް މި އުންމަތުގެ ނަބިއްޔާ މުޅި އިންސާނިއްޔަތަށްޓަކައި މާތްﷲގެ ހަސްރަތުގައި ޝަފާއަތްތެރިވެވަޑައިގަތުމަށް ދެންނެވުމަށް ތެދުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ﷲގެ ހަސްރަތުގައި އިންސާނުންގެ ފަރާތުން ޝަފާއަތްތެރިކަމަށް އެދިވަޑައިގަންނަވަނީ މުހައްމަދު ނަބިއްޔާ. އެ ނޫން އެއްވެސް ރަސޫލަކަށް ނަބީބޭކަލަކަށް އެކަން ކުރައްވަން ކެރިކުޅަދާނަވެވަޑައިނުގަންނަވާނެ ކަމަށް އެބޭފުޅުން އަމިއްލަފުޅަށް ވިދާޅުވަނީ. އެހެންވީމަ މިހާވަރުން ފުދޭ ދެއްތޯ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ލޯބިކުރަން. އެފަދަ މާތް ބޭކަލަކަށް އަޅުގަނޑުމެން ލޯބިނުވާންވީ ކީއްވެގެންތޯ،" އިލްމުވެރީންގެ ދަރުސްތަކުން ލިބޭ ފިލާވަޅުތައް ތަފްސީލު ކޮށްދެއްވާ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް އިންސާނެއްގެ އީމާންކަން އެމީހެއްގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ރަސޫލާ صلى الله عليه وسلم އަށް ލޯބި ކުރުމުން ނޫނީ ފުރިހަމަ ނުވާ ކަމަށް ސުންނަތުން ސާބިތުވާ ކަމަށެވެ. އެކަން އެހެން އޮތީ އެ ނަބިއްޔާގެ މާތްކަމާއި މުޅި އިންސާނިއްޔަތުގެ ދިފާއުގައި ވެވަޑައިގެންފައިވާ އަދި ވެވަޑައިގަންނަވާނެ ގުރުބާނީގެ މަތިވެރި ކަމުގެ ސަބަބުން ކަމަށެވެ.
"ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން. އެކަމަކަށް ޖާގައެއް ނުދެވޭނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން. އެކަމަކަށް ޖާގައެއް ނުދެވޭނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން އެއްވެސް ގޮތަކަށް ގަބޫލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ވަަކި މީހަކު ކުރި ކަމެއް ކަމަށް ބުނެ އާދައިގެ ކަމެއްގެ ގޮތުގައި އިސްލާމީ އެއްވެސް ގައުމަކުން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.
އެކަން އިސްލާމީ ބޮޑެތި ހުރިހާ ގައުމުތަކުން ސާބިތުކޮށް ދީފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން އެކަން ކުށްވެރިކުރީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެއްވެސް މުޖްތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަ ކަމަށެވެ.
"އެ ދެ ކަމަކީ އެބައެއްގެ ދީނާ ބެހުން. ދެވަނަ ކަމަކީ އެބައެއްގެ ސަގާފަތަށް ފާޑުކިޔުން. މިއީ އެއްވެސް ބުއްދިވެރިއަކު އެއްވެސް ތަނެއްގައި ކުރާނެ ކަމެއް ނޫންކަން މިއީ ދުނިޔޭގެ އެންމެވެސް ގަބޫލު ކުރާނެ ކަމެއް. ނަމަވެސް އިންޑިއާގައި މި ކުރީ ކޮންކަމެއްތޯ. ބީޖޭޕީ އިން މި ކުރީ ކޮން ކަމެއްތޯ. ދަންނަވަން މި އުޅޭ ވާހަކައަކީ މިވަރުގެ ކަންތައްތައް ކުރުމުގެ އިހުތިޔާރު ނުވަތަ ދުލުގެ ބާރުވެރިކަން އެތަނުގެ ގާނޫނުތަކުން އެތަނުގެ އުސޫލުތަކުން އެތަނުގެ ރައްޔިތުންނަށް އެ ހުރީ ދީފައި. އެކަމަކު ދިވެހިރާއްޖޭގެ ކީއްތޯ. އެކަމަކު މިވަގުތު ދިވެހި ސަރުކާރު، ދިވެހިރާއްޖެ އެބަޔަކާ ހެދި އެންމެ ވަރުގަދައަށް ޖިހާދު ކުރާ ބަަޔަކީ އިންޑިއާ ސަރުކާރު. އިންޑިއާއަށް ފިލާވަޅެއް ނައިގެން ދޭން ވެސް ދިވެހިރާއްޖެއަކަށް ނުކުރޭ،" ޔާމީން ވިދާޅުވިއެވެ.
ﷲގެ ހަސްރަތުގައި އިންސާނުންގެ ފަރާތުން ޝަފާއަތްތެރިކަމަށް އެދިވަޑައިގަންނަވަނީ މުހައްމަދު ނަބިއްޔާ. އެ ނޫން އެއްވެސް ރަސޫލަކަށް ނަބީބޭކަލަކަށް އެކަން ކުރައްވަން ކެރިކުޅަދާނަވެވަޑައިނުގަންނަވާނެ ކަމަށް އެބޭފުޅުން އަމިއްލަފުޅަށް ވިދާޅުވަނީ. އެހެންވީމަ މިހާވަރުން ފުދޭ ދެއްތޯ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ލޯބިކުރަން. އެފަދަ މާތް ބޭކަލަކަށް އަޅުގަނޑުމެން ލޯބިނުވާންވީ ކީއްވެގެންތޯއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާގައި އުފައްދާފައިވާ ހަރަކާތެއް ކަމަށްވާ "ހިންދުތުވާ" މޫވްމަންޓާއި ގުޅޭގޮތުންވެސް ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވިއެވެ. ވިދާޅުވީ އެއީ ހަމައެކަނި ދީނީ އަދި ސިޔާސީ މޫވްމަންޓެއް ނޫން ކަމަށެވެ. އަދި އިންޑިއާގައި ހިނގާދިޔަ ދާހިލީ ކޮންމެ ހަމަނުޖެހުމެއްގައި މި މޫވްމަންޓްގެ ދައުރެއް އޮތް ކަމަށް ވިދާޅުވިއެވެ.
"މި ހަރުކަށި އާރުއެސްއެސް [ހިންދުތުވާ] ހަރުކަށި ފިކުރުގެ މީހުންގެ ބޭނުމަކީ ހިންދޫ ކިންގްޑަމެއް --ހިންދޫންގެ ރަސްކަމެއް-- އުފެއްދުން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ހިންދުތުވާ އިން ކުރާ ކަމަކީ ނާސީ ޖާމަނީވެސް ކުރި ކަންތައްތައް ކަމަށާ އިޓަލީގެ މުސަލަނީވެސް ކުރި ކަންތައްތައް ކަމަށެވެ. އަދި މިއީ އެމެރިކާގެ ވައިޓްސްޕްރެމެސިސްޓް މީހުންވެސް ކުރި ކަންތައްތައް ކަމަށެވެ. މިއީ މުޅީންވެސް އިންސާނިއްޔަތާއި ހިލާފު އަނިޔާވެރި އަމަލުތައް ހިންގި ހިންގުމެއް ކަމަށެވެ. އެފަދަ ކޮންމެ އަމަލާ ދިވެހީން ދެކޮޅުވާނެ ކަމަށް ވިދާޅުވިއެވެ.