ދީން

ތަރިކައަކީ މާތްﷲގެ ހައްގުތަކުގެ ތެރޭގައިވާ ހިމެނޭ އެއްޗެއް: ހުތުބާ

ތަރިކައަކީ މާތްﷲގެ ހައްގުތަކުގެ ތެރޭގައިވާ ހިމެނޭ އެއްޗެއް ކަމަށާ އެކަލާންގެ ހައްގަކަށް އަރައިގަތުމުގެ އިހުތިޔާރު އެއްވެސް އިންސާނަަކަށް ލިބިގެން ނުވާތީ ތަރިކަ މުދަލުގެ ހައްގުތަކަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ވާރުތަ މުދަލަށް ރައްކާތެރިވުން" މި މަައުލޫއަށް މިއަަދު އިއްވި ހުތުބާގައި ބުނެފައިވަނީ ފަރުލު ނަމާދުތަކާއި ނަމާދުތަކުގެ ރަކުޢަތްތަކާއި އެހެނިހެން ތަފްސީލުތައް ގުރުއާންގައި ބަޔާން ކުރައްވާފައި ނުވާ ކަމަށާ ޒަކާތާއި ރޯދަ އާއި ހައްޖު ފަދަ އަޅުކަންކަމުގެ ތަފްސީލުތައްވެސް ގުރުއާންގައި ނުވާ ކަމަށެވެ. ނަމަވެސް ތަރިކަ މުދަލަށް ބަލާއިރު ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތް އަދި 176 ވަނަ އާޔަތުގައި އެ މުދާ ބަހަންވީ ގޮތުގެ ތަފްސީލީ ގަވާއިދުތައް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށެވެ.

"މި އާޔަތްތަކުންް އެނގޭ ގޮތުގައި ތަރިކަ މުދަލަކީ އެ މުދާ ބެހުން މާތްﷲ ފަރުލު ކުރައްވާފައިވާ އެއްޗެކެވެ. އެއީ ހެޔޮކަމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެ މުދާ ބަހަން ޖެހޭނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކައަކީ މާތްﷲގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާންގެ ހައްގަކަށް އަރައިގަނެގެން ނުވާނެ އެވެ،"

ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ ދުޝްމަނުން އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުމަށްޓަކައި ދައްކާ އަސާސެއް ނެތް ވާހަކަތަކުގެ ތެރޭގައި ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގައި އަންހެނުންނަށް އަނިޔާވެރިވެފައިވާ ވާހަކަ ވާ ކަމަށާ މާތްﷲ ތަރިކަ މުދާ ބެހުމަށް އަންގަވާފައިވާ ގަވާއިދުތައް ބަދަލު ކުރުމަށް އެ މީހުން ގޮވާލާ ކަމަށެވެ. އަދި އިސްލާމް ދީނުގެ އަދުއްވުންނާއި އެ މީހުންގެ ދަލުގައި ޖެހިފައިވާ މީހުންނާއި އެ މީހުން ކޮޕީ ކޮށްގެން ބައިނަލްއަގްވާމީ މިންވަރުތަކަށް އަރާ މީހުންނާއި ސުލްހައިގެ ނޮބެލް އިނާމު ހޯދުމަށް ދަހިވެތިވެފައިވާ މީހުންނާއި އިސްލާމީ ޝަރީއަތުގައި މާތްﷲ އަންގަވާފައިވާ ހުކުމްތަކުގެ ހިކުމަތާއި މަފްހޫމް ނޭންގޭ މީހުން މި ބޭއިންސާފުގެ ހަމަލާ ދިނުމުގައި އަވަދި ނެތި އެ މީހުންގެ ހުރިހާ ވަގުތަކެއް ހޭދަ ކުރަމުންދާ ކަމަށެވެ.

"އިސްލާމް ދީނުގެ ދުޝްމަނުން ކުރާ ބާތިލް ދައުވާތަކުގެ ތެރޭގައި ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގައި އަންހެނުން ނިކަމެތި ކޮށްފައިވާ ވާހަކައަކީ ދޭތެރެ ދޭތެރެއިން ތިލަކުރާ ވާހަކައެކެވެ. އެ މީހުން އަންހެންނާއި މެދު ވިސްނަމުން ދަނީ ޖާހިލީ ޒަމާނުގެ މިންގަނޑުންނެވެ. ތަރިކަ މުދަލުގެ މައްސަލާގައި އިސްލާމް ދީން އަންހެނުންނަށް އަނިޔާވެރިވެފައިވާ ކަމަށް ދުޝްމަނުން ތުހުމަތު ކުރެއެވެ. އަދި މި ދަޅައިގައި ޖެހި އާޝޯހުވެފައިވާ ބައެއް މުސްލިމުންވެސް މި އަންބާގައި ބައިވެރިވަމުންދާތަން ފެނެއެވެ،"

ހުކުރު ހުތުބާގައި ބުނެފައިވަނީ އިލްމުވެރިން ވިދާޅުވާ ބަސްފުޅުތަކަށް ބަލައިލުމުން ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތު ވަނީ އަންހެން ފިރިހެން ވެގެން ނޫންކަން އެނގޭ ކަމަށާ ތަރިކަ މުދާ ބެހުމުގައި އިސްލާމީ ފަލްސަފާއަށް ބަލާއިރު އޭގައި އިލާހީ ހިކުމަތްތަކެއްވާ ކަމަށެވެ. އަދި ވާރުތަ މުދަލާ ބެހޭ އިލާހީ ގަވާއިދުތަކާ މެދު ފުންކޮށް ވިސްނައިގެން ނޫނީ މާތްﷲ ގެ ނިންމެވުމުންތަކުގެ އަމާޒު ވިސްނައި ނުގަނެވޭނެ ކަމަށް ބުނެފައިވެއެވެ.

ފިރިހެނަކަށް ދެ ބައި އަންހެނަކަށް އެއްބައޭ ކިޔާ ފާޑުކިއިދާނެ އެވެ. އެކަމަކު މި ފާޑުކިޔުމުން ބޭޒާރުވާނީ ހަމަ ތިމާ އެވެ. އެއިން އެގެނީ ތިމާގެ ޖާހިލުކަމާއި އެ އިލްމުގައި ތިމާގެ ފުންނާބުގެ ތިރިކަމެވެ. ތަރިކަ މުދަލާބެހޭ މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅުންގެ ހުލާސާތައް ބުނާގޮތުން ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބެނީ އެންމެ ހަތަރު ހާލަތުގައެވެ. މި ހަތަރު ހާލަތަށްވުރެ މާގިނަ ހާލަތްތަކުގައި އަންހެނާއަށާއި ފިރިހެނާއަށް ލިބޭ މިންވަރު އެއްވަރުވެފައިވެއެވެ. ދިހަވަރަކަށް ހާލަތުގައި ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެފައިވެއެވެ. ތިރީހަކަށް ހާލަތުގައި ފިރިހެނާއާއި އަންހެނާއަށް ލިބޭ މިންވަރު އެއްވަރުގެ ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެ ނުވަތަ އަންހެނާއަށް ލިބި ފިރިހެނާއަށް ނުލިބޭ ހާލަތްތައް ވެއެވެ.
ހުކުރު ހުތުބާ | ޖޫން 17، 20202

ހުތުބާގައި އިތުރަށް ބުނެފައިވަނީ މައްޔިތާ ދުނިޔެ ދޫކުރުމުން އޭނާގެ ކަށުކަމާކެމީގެ ކަންކަމާއި އޭނާގެ ދަަރަނި އަދާކޮށް ވަސިއްޔަތްތައް ފުއްދަން ޖެހޭ ކަމަށާ ތަރިކަ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭނީ އެކަންކަން ފުރިހަމަ ކުރުމަށް ފަހު ބާކީ ހުންނަ އެއްޗެއް ކަމަށެވެ.

ތަރިކަ މުދަލާ ގުޅޭ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވަސިއްޔަތް ކަން ފާހަގަކުރައްވާ ހުތުބާގައި ބުނެފައިވަނީ މި ވަސިއްޔަތް ލިޔެ ކަމާބެހޭ އިދާރާތަކުގެ އިޖްރާއަތްތަކާއި އެއްގޮތަށް ރަޖިސްޓްރީ ކުރެވިފައި އޮންނަން ވާނެ ކަމަށެވެ. ތަރިކަ މުދާ ބެހޭނީ އެ ވަސިއްޔަތް ފުއްދުމަށް ފަހު ކަމަށާ ތަރިކަ މުދަލުން ވަސިއްޔަތް ކުރެވޭނީވެސް އެ މުދަލުގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ އިތުރުނުވާ ގޮތަކަށް ކަމަށެވެ.

އަދި ކޮންމެ ވާރުތަވެރިއަކަށް ދިނުމަށް ޝަރުއުކުރައްވާގައިވާ މިންވަރުގެ އިތުރަށް ވާރުތަ މުދަލުން ބައެއް ދިނުމަށް ވަސިއްޔަތް ނުކުރެވޭނެ ކަމަށެވެ. އެއީ ވަކި ވާރުތަވެރިއަކަށް ވާރުތަ މުދަލުން ބައެއް ދިނުމަށް ވަސިއްްޔަތްކޮށްފިނަމަ އެހެން ވާރުތަވެރީންގެ ހައްގުތައް ގެއްލިދާނެ ކަމަށް ޓަކައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތަރިކަ މުދާ ބެހުމުގައި މައްސަލަތައް އުފެދޭ ކަންތައްތަކެއްވާ ކަމަށާ އޭގެ ތެރޭގައި ޝަރުއު ކުރައްވާފައިވާ މިންވަރަށް ވުރެ އިތުރަށް މައްޔިތާ ވަކި ވާރުތަވެރިއަކަށް ނުވަތަ ވަކި ދަރިއަކަށް ވާރުތަ މުދަލުން ދިނުން ހިމެނޭ ކަމަށެވެ. ނަމަވެސް އެެހެން ވާރުތަވެރީންނަށް ނުވަތަ އެހެން ދަރީންނަށް އެކަން އެނގިފައިނުވާނަަމަ އެއީ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

"މި ހާލަތުގަައި މިފަދައިން ދައުވާކުރާ ވާރުތަވެރިޔާގެ ދައުވާ ސާބިތުކޮށްދޭން ޖެހެއެވެ. މިފަދަ ދައުވާތައް ސާބިތުކޮށް ނުދެވިއްޖެނަމަ އާއިލާގެ ތެރޭގައި ދެ ބަސްވުންތަކާއި އަރާރުންތައް އުފެދިގެން ދާނެ އެވެ. ހަމަ އެފަދައިން ތަރިކަމުދާ ބެހެމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަކި ދަރިއަކަށް ނޫނީ އޭނާގެ މުދާތަކުގެ މިންވަރާއި ހުރި ތަން ނޭންގުންވެއެވެ. އެކަމުގެ ސަބަބުން ޝައިތާނާހެ ވަސްވާހުގައި ޖެހި އެ މުދަލުން ބައެއް އޭނާ ފޮރުވާ އެއިން އެހެން ވާރުތަވެރީން މަހުރޫމް ކުރަމުން ދެއެވެ. މުދާ ބެހުން ފަސް ކުރުމަކީވެސް ތަރިކަ މުދާ ބެހުމުގައި ދިމާވާ މައްސަލައެކެވެ. ތަރިކަމުދާ ނުބަހައި އެތައް މަހެއް ނުވަތަ އެތައް އަހަރެއް ފާއިތުވެ ހިނގައިދާނެ އެވެ. ވާރުތަވެރީންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދީން ތިބުމުން މިފަދަ ހާލަތްތަކުގައި އުފެެދޭ މައްސަލަތައް އިތުރުވެގެން ދެއެވެ. އެކުދީންނަށް ވާރުތަ މުދަލުން ލިބެން ޖެހޭ އެއްޗެއް ނުލިބުމުގެ ސަބަބުން އެ ކުދީން ހާލުގައި ޖެހި މަގުމަތިވަމުބްދާތަން ފެނެއެވެ،"

އެހެން ކަމުން ވާރުތަވެރިޔާ ދޫކޮށްފައިވާ ތަރިކަ މާތްﷲ އަންގަފައިވާ ގޮތަށް ބެހުމަށް އަވަސްވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އެއީ ގާތްތިމާގެ ކަމުގެ ގުޅުން އިތުރަށް ހަރުދަނާވެ އެ ގުޅުން ދެމި އޮތުމަށް އެހީވެދޭނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.