ދުނިޔެ

އެމެރިކާއަށް ދުނިޔެ ބެލެހެއްޓުމުގެ ހައިސިއްޔަތެއް ނެތް: ޕޫޓިން

ދުނިޔެ ބެލެހެއްޓުމުގެ ހައިސިއްޔަތު އެމެރިކާއަށް އޮތް ކަމަށް ދެކުމަކީ އެ މީހުންނަށް ފެންނަ އަވާމެންދުރެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެއީ އެމެރިކާ ކިތަންމެ އެދޭ ކަމެއް ނަމަވެސް މަސްއޫލިއަތު އުފުލަން ނުކުރޭ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ފިނި ހަނގުރާމައިން ކާމިޔާބު ހޯދީ އެމީހުން ކަމަށް ބުނެ އިއުލާންކުރީ ވެސް އަމިއްލަ އަށެވެ. އަދި އެއަށް ފަހު އެމެރިކާ އަކީ ދުނިޔޭގެ ބޮޑުބާރަށް ވެގަނެގެން އުޅެނީ މަސްއޫލިއްތުން ރެކެންވެގެން ކަމަށެވެ.

ރަޝިއާގެ ސިޓީއެއް ކަމަށްވާ ސެއިންޓް ޕީޓާސްބާގްގައި، އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ކޮންމެ މޮޅުކަމެއް ފަށައިގަންނަ ބަޔަކީ އެމެރިކާ ކަމަށް ވާން ޖެހޭ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށެވެ.

ދުނިޔެ ބަދަލުވެއްޖެ ކަމަށާއި ކޮންމެ ގައުމަކީ އުފެއްދުންތެރި ބާރުވެރި، ވަކިވަކި ގައުމު ތަކެއްކަން އެމެރިކާ ނުދަންނަ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

"ގައުމުތައް ބާރުގަދަކޮށްފި،" ޕޫޓިން ވިދާޅުވި އެވެ. "އެމެރިކާ ނުދެނެ ހުއްޓައި ބާރުވެރިކަމުގައި ގައުމުތައް އަރާ ހަމަކޮށްފި" ޕޫޓިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަތިޔާރުގެ ރޭހުގައި ވެސް އެހެން ގައުމުތައް އެމެރިކާއާ އަރާހަމަކޮށްފިކަން އަދި ވެސް އެމެރިކާއަށް ނޭނގޭ ކަމަށެވެ.

އިގުތިސޯދީ ގޮތުންނާއި ސަލާމަތީ ގޮތުން އަދި ސިޔާސީ ގޮތުންވެސް ގައުމުތައް އެއްހަމަ ކޮށްފި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެ ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކުރުމަކީ ކޮންމެ ގައުމަކަށް ވެސް ހައްގެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ގައުމުގެ ހިމާޔަތުގައި ކޮންމެ ބަޔަކު ވެސް ތެދުވާނެކަން އެމެރިކާ ނުދަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މައްސަލަ ޖެހެނީ އެމެރިކާ ބޭނުންވާ ގޮތަށް ކުޅިބައި އަތުރައި އެހެން ބަޔަކު ލައްވައި ކުޅުވަން އުޅޭތީ ކަމަށެވެ.

ދުނިޔެއަށް އަންނަ ބަދަލުތަކަށް އިހުތިރާމްކޮށް ގައުމުތައް އެކުގައި އުޅެން ކުރާ މަސައްކަތް ތަކަށް އެެމެރިކާ ހުރަސް ނޭޅުމަށްވެސް ޕޫޓިން ގޮވާލެއްވި އެވެ.