ދުނިޔެ

ސައުދީގެ ވަލީއަހުދު މުހައްމަދު ތުރުކީއަށް

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ތުރުކީއަށް ވަޑައިގަންނަވަނީ އެވެ. މިއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޚާއްސަ ދައުވަތަކަށް މުހައްމަދު ކުރައްވާ ދަތުރެކެވެ.

ވަލީއަހުދު މުހައްމަދު ތުރުކީއަށް މިމަހު 22 ގައި ވަޑައިގަންނަވާ ޚަބަރު އެންމެ ފުރަތަމަ އާންމުކުރެއްވެވީ ވެސް ރައީސް އުރުދުޣާން އެވެ.

އިސްތަމްބޫލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން ވަނީ މުހައްމަދުގެ ދަތުރަށް އޮތް އެޖެންޑާއާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މުހައްމަދު ބިން ސަލްމާންގެ ދަތުރުގައި ދެ ގައުމުގެ ގުޅުމާއި އިގުތިސޯދު ނޫން އެހެން ކަމެއް ނެތް ކަމަށެވެ. ބައިނަލްއަގްވާމީ މަޝްރަހުގައި ދެނގައުމު އެކުގައި ކުރެވިދާނެ ކަންކަމާ މެދު ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުހައްމަދުގެ ތުރުކީ ދަތުރުފުޅުގައި އުރުދުޣާން އާއެކު، އިތުރު ބޭފުޅަކު ނުހިމެނޭ ގޮތަށް މަޝްވަރާތަކެއް ބާއްވަވާނެކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. ދެ ލީޑަރުންގެ ސިއްރު ބައްދަލުވުމުގައި މަޝްވަރާ ކުރެވޭ އެއްވެސް ވާހަކައެއް އާންމުވާނެ ކަމަކަށް ނުފެނެ އެވެ.

ވަލީއަހުދުގެ މި ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައޫދީއަށް ވަޑައިގަންނަވާ ދުވަސް ބޯމަތިވެފައި އޮއްވައި ކުރައްވާ ދަތުރެކެވެ.

ބައިޑަން ސައޫދީއަށް ވަޑައިގަންނަވާ ވަކި ދުވަހެއް އަދި ކަށަވަރުވެފައި ނެތް ނަމަވެސް އަންނަ މަހު މެދާ ހިސާބުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

އުރުދުޣާންއާ އެކު ކުރައްވާ މަޝްވަރާގައި އެމެރިކާއާއެކު ގުޅުން ބާއްވަން އެންމެ ރަނގަޅު ގޮތްތަކާ ބެހޭ ގޮތުން ވަލީއަހުދަށް މަޝްވަރާ އަރުވާނެ ކަމަށް ބުނެވެ އެވެ. އެއީ އެއްކަމެއްގައި ދެގައުމުން އެކައްޗެއް ކިޔައި ގަލްފު ސަރަހައްދުގައި އެއް ހަމައަކުން އެމެރިކާއާ މުއާމަލާތް ކުރުމަށެވެ.

އުރުދުޣާން ވަނީ މިއަހަރު އޭޕްރީލްގައި ސައޫދީއަށް ވަޑައިގެން ސަރުކާރުގެ ވެރިންނާއެކު މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި ވަލީއަހުދާ ބައްދަލުކުރައްވައި ވިޔަފާރި ފުޅާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.