އަހުމަދު ސިޔާމް މުހައްމަދު

ސަން ސިޔާމު ރިޔާސީ އިންތިހާބަށް ނިކުންނަވަނީ

Jun 19, 2022
7

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާނެ ކަމަށް އެމްޑީއޭ އިން ބުނެފި އެވެ.

އެމްޑީއޭގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ސިޔާމު ވާދަކުރެއްވުމަށް ނިންމަވާފައިވާތީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީއޭގެ އަމާޒަކީ ރިޔާސީ އިންތިހާބަށް ސިޔާމް ނިކުމެވަޑައިގަތުމުގެ ކުރިން ޕާޓީގެ މެންބަރުން 10،000 މައްޗަށް ގެންދިއުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމްޑީއޭގައި މިވަގުތު ތިއްބެވީ 6،769 މެންބަރުންނެވެ.

އަވަސްއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ އެމްޑީއޭގެ ލީޑަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިއަދު އެންމެ ނުފޫޒު ގަދަ ޝަހްސިއްޔަތު ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާތާ 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާތީ ރިޔާސީ އިންތިހާބުގައި ސިޔާމު ވާދަކުރައްވަނީ ތަޖުރިބާގެ އަލީގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމުގެ ޔަގީންކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

"ސިޔާމް ބޭނުންވަނީ ގައުމުން ކޮރަޕްޝަން ފިލުވާލަން. ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދޭން. ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައިދޭން. ސިޔާމުގެ ތަޖުރިބާގައި އެކަންކަން ކުރެވޭނެތީ ކުރިމަތިލައްވަން ނިންމެވީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭ އިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެނެއް ނޫނެވެ. އަދި އެޕާޓީން ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްއެއްގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ސިޔާމު ކަމަށް ކަނޑައަޅައި އެކަން ޕާޓީން ރަސްމީކޮށް އިއުލާންކުރާނެ ކަމުގައިވެސް މައުލޫމާތު ދެއްވި ބޭފުޅާ ވަނީ ވިދާޅުވެފަ އެވެެ.