އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއިން ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމް ސްޕޮންސާކޮށްފި

Jun 20, 2022

ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި މުޖުތަމައުގައި ކުށްމަދުކޮށް, އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ހިންގާ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަޝިޕް ޕްރޮގްރާމް އެމްޑަބްލިޔުއެސްސީ އިން ސްޕޮންސަ ކޮށްފި އެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ ފަރާތުން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އެވެ.

މި އަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން" މިޝިއާރުގެ ދަށުންނެވެ.

ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރުފުރަޔަކާ ވެސް ގުޅޭގޮތަށެވެ. މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ހާއްސަކޮށްގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދެވޭނެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިން އާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ލީޑާޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނެ އެވެ.