އިންޑިއާގެ ދިއްލީ އިން ޕަޓްނާ އަށް ދަތުރުކުރަމުން ދިޔަ ސްޕައިސްޖެޓް ފްލައިޓެއް ވައިގެ ތެރޭގައި އޮއްވާ އިންޖީނުގައި ރޯވެ، އިމަޖެންސީ ހާލަތެއް މެދުވެރިވެ އޭގައި ތިބި 185 ފަސިންޖަރުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނެވެ.
އެ ބޯޓު އެ ވަގުތު ދުއްވަން އިނީ ކެޕްޓަން މޮނިކާ ކަންނާ އެވެ. އަންހެނަކަށް ވިޔަސް މިފަދަ ނާޒުކު ދަނޑިވަޅުގައި މޮނިކާ ވަނީ އޭނާގެ ހިތްވަރާއި ހުނަރު އަދި ބިރުކުޑަކަން ދުނިޔެއަށް ހާމަކޮށްދީ ރައްކާތެރިކަމާއެކު ބޯޓު ރަންވޭގައި ޖައްސާފަ އެވެ.
ޕަޓްނާގެ އެއާޕޯޓަށް ބޯޓު އިމަޖެންސީ ލޭންޑިން ހަދަން ޖެހުނީ ބޯޓު ނައްޓާލިތާ އިރުކޮޅެއް ތެރޭ ބޯޓުގެ އިންޖީނަށް ދޫންޏެއް ވަނުމުގެ ސަބަބުން އިންޖީނުގައި ރޯވުމުންނެވެ.
ޕައިލެޓް މޮނިކާ ވަގުތުން ރޯވެފައިވާ އިންޖީނު ނިއްވާލައި ރައްކާތެރިކަމާއެކު ބޯޓު ރަންވޭއަށް ތިރިކުރީ އެވެ.
އިމަޖެންސީ ލޭންޑިން އެއް ހެދިޔަސް ބޯޓުގައި ތިބި އެއްވެސް މީހަކަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ސްޕައިސްޖެޓްގެ ޗީފް އޮފް ފްލައިޓް އޮޕަރޭޝަންސް ގުރުޗަރަން އަރޯރާ ވިދާޅުވި ގޮތުގައި މި ނާޒުކު ދަނޑިވަޅުގައި ކެޕްޓަން މޮނިކާ އާއި ފަސްޓް އޮފިސަރު ބަލްޕްރީތު ސިންގް ބާޓިއާ ކަންތައްތައް ކޮށްފައިވަނީ ވަރަށް ހަމަޖެހިލައިގެން ތިބެ އެމީހުންނަށް ކުރެވެން އޮތް އެންމެ ރަނގަޅަށެވެ.
އެ މީހުންނަކީ ވަރަށް ތަޖުރިބާކާރު އޮފިސަރުން ތަކެއް ކަމަށާއި އެމީހުންގެ މަސައްކަތަށް ފަޚުރުވެރިވާ ކަމަށް ވެސް އަރޯރާ ވިދާޅުވި އެވެ.
މޮނިކާގެ އިންސްޓަގްރާމް ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ ވަރަށް ތަޖުރިބާ ލިބިފައިހުރި ޕައިލެޓެކެވެ.
އާއްމުކޮށް މަތިންދާ ބޯޓު އިމަޖެންސީ ލޭންޑިންއެއް ކުރާއިރު އޭގައި ތިބޭ ފަސިންޖަރުންނަށް ކޮންމެވެސް ކަހަލަ އަނިޔާތަކެއް ލިބެ އެވެ. ނަމަވެސް މޮނިކާގެ ދުރުވިސްނުމާއި ކުޅަދާނަކަމުން އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ނުލިބި ބޯޓު ޖައްސާފައިވާތީ ވެސް ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުން އެބަގެންދެ އެވެ.